ނަޝީދަށް އަމާޒު ކުރި ހަމަލަ

ހިފައިގަންނަ ހިސާބަކަށް ނުދޭ، އިދާރާތަކަށް ފުރުސަތު ދޭން ޖެހޭ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ހަމަލާގެ ފުނަށް ވާސިލްވުމަށް ތަހުގީގީ އިދާރާތަކަށް ފުރިހަަމަ ފުރުސަތު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އަވަސްގެ މޯނިންގް ޝޯ "ފަށަމާ" ގައި މިއަދު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މެއި ހައެއްގެ ހަމަލާއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާއަކީ މުޅި ރާއްޖެއަށް ސިހުން ގެނުވި އަދި އެމްޑީޕީގެ މެންބަރުންނަށް ބޮޑެތި ހިތާމައެއް ލިބުނު ކަމެއް ކަމަށެވެ. އަދި އެ ހަމަލާގެ ފުނަށް ދެވި އިންސާފު ގާއިމުވުމަކީ ކުރައްވާ އެންމެ ބޮޑު އުންމީދު ކަމަށެވެ.

"ރައީސް ނަޝީދަށް ކަމެއްވީމަ ބޮޑުވާނެ އިނގޭތޯ، އެއީ ވަރަށް ބޮޑު ކަމެއް، އިންޓަނޭޝަނަލް މީޑިއާއަށް ވެސް އެ ވާހަކަތައް ދާނެ. ނަމަވެސް އަޅުގަނޑުގެ އިލްތިމާސަކީ ކެތްތެރިވާށޭ ހުރިހާ ބޭފުޅުން ވެސް. އިހުލާސްތެރިކަމާއެކު އަޅުގަނޑުމެން މަސައްކަތް ކުރީމަ ކާމިޔާބު ލިބޭނޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މަރުތަކަށް އިންސާފު ހޯދުމާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދުމަކީ ސަރުކާރުގެ ވައުދެއް ކަަމަށާ މިއީ އެ މަސައްކަތަށް އެންމެ ރަނގަޅު ވަގުތު ކަަމަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަކީ އިންޓެލިޖެންސް ފެއިލްވުމުގެ ސަބަބުން ދިން ހަމަލާއެއް ކަމަށާ އެކަން ވީގޮތް ސާފުކޮށް ބަލަން ޖެހޭ ކަަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރާނީ ތަހުގީގީ އިދާރާތަކުން ކަމަށާ އެކަމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސަރުކާރަށް ފުރުސަތު ދޭން އެބަ ޖެހޭ އެކަން ބެލުމަށް. ނުބަލާ ކަމުގައިވާނަމަ ނުވަތަ ލަސްވާ ކަމަށްވަންޏާ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް އެއީ ކީއްވެންތޯ އެކަން ނުބެލިގެން އުޅެނީ ކޮން ކަމެއް ނެތް ނުވެގެންތޯ ނުވަތަ ކޮން ބަޖެޓެއް ނެތިގެން ކޮން ދައްޗެއް އޮވެގެންތޯ ނޫނީ ކޮން ދިމާއަކުން އަންނަ ޕްރެޝަރެއްގެ ސަަބަބުންތޯ މިކަން ނުބެލިގެން އުޅެނީ. އެއީ އަޅުގަނޑު ދެކޭ ގޮތުގަައި ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ. ރައްޔިތުންގެ މަޖިލީހަކީ ޖަވާބުދާރީ ކުރުވާ ތަނެއް. ކަންކަން ހިނގާ ނުހިނގާ ގޮތް ބަލަން އޮތް ތަނެއް. އެހެންވީމަ އެކަން އެގޮތަށް އޮއްވާ ބޭކާރު ވާހަކަތަކެއް ދައްކައިގެން ކަމާ ގުޅޭ ކަންތައްތަކެއް އޭގެ ތެރެއަށް އައިސްގެން ޕާޓީގެ ތެރޭގައި އެެކަކު އަނެކަކަށް އެއްޗެހި ގޮވުމަކީ އެއް ގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން،"

ނާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ހުރިހާ މެންބަރުންނަކީ ވެސް ތަސައްރަފް ފުދިފައިވާ ބަޔަކަށް މިހާރު ވާންޖެހޭ ކަމަށެވެ.

ޓެރިރިސްޓް ހަމަލާގެ ތަހުގީގު ލަސްވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ އެކަމުގައި ލަސްވުމެއް އޮތްނަމަ އޮތީ ސަރުކާރާއި މަޖިލީހުގެ ތެރޭގައި އޮތް ދެބަސްވުމެއްގެ ސަބަބުން ކަމަށެވެ. ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއް ކަމުން އެހެން ބައެއް ގައުމުތަކުގައި ތަހުގީގު ހިންގާ ގޮތަށް ތަހުގީގުތައް ނުހިންގޭނެ ކަމަށެވެ. ރެ އަކާއި ދުވާލުން ތަހުގީގު ނިންމާ އަދަބު ނުދެވޭނެ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލަސްވުމެއް އޮތްނަމަ މި އުޅެނީ ސަރުކާރާ މަޖިލީހާއި ދޭތެރޭ އޮތް އަރައިރުމެއްގެ ސަބަބުން ކަމަށް ފެންނަނީ. މި ދަންނަނީ އާދައިގެ ވާހަކައެއް ނޫން. ވަރަށް ބޮޑު ވާހަކައެއް. މީގެ ވަށައިގެން ހުރި ހުރިހާ ކަމެއް ހޯދަން ޖެހޭ. ރަނގަޅު އަޅުގަނޑުމެން އެންމެން ބޭނުންވަނީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިމެން. ނަަމަވެސް މި ދައްކަނީ ދައުލަތުގެ އިންޓެލިޖެންސް ފެއިލްވެ ދައުލަތުގެ އެންމެ މަތީ ލެވެލްގައި ހުރި މީހަކަށް ހަމަލާއެއް ދިން ވާހަކަ. އެހެންވީމަ އެކަމާއި ގުޅޭގޮތުން ކުރަން ޖެހޭ ދިރާސާތައް ހުންނާނެ. ތަހުގީގީ އިދާރާތަކަށް ފުރުސަތު ދޭންޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެންނެވޭނީ މިކަމުގައި އަވަސް އަރައިގަނެގެން އަޅުގަނޑުމެން އެމްޑީޕީ، އެންމެން އެންމެނަށް ހިފައިގަންނަ ހިސާބަކަށް އަދި ކަންތަކެއް ނުދެއޭ. އަދި ރައްޔިތުންގެ މަޖިލީސްތެރެއިން ކުރާ މަސައްކަތީ ވެސް މި ކަމަށް ފޯކަސް ކުރެވިގެން ކުރެވޭ މަސައްކަތަކަށް ވާން ޖެހެއޭ،"

އަޅުގަނޑަށް ދެންނެވޭނީ މިކަމުގައި އަވަސް އަރައިގަނެގެން އަޅުގަނޑުމެން އެމްޑީޕީ، އެންމެން އެންމެނަށް ހިފައިގަންނަ ހިސާބަކަށް އަދި ކަންތަކެއް ނުދެއޭ. އަދި ރައްޔިތުންގެ މަޖިލީސްތެރެއިން ކުރާ މަސައްކަތީ ވެސް މި ކަމަށް ފޯކަސް ކުރެވިގެން ކުރެވޭ މަސައްކަތަކަށް ވާން ޖެހެއޭ،
މުހައްމަދު ނާޒިމް | ކުރީގެ މެންބަރު

ޕީޖީއަށް މައްސަލަ ފޮނުވުން ގޯސް

ރައީސް ނަޝީދަށް ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިންގެއިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވި އެވެ. އެ މައްސަލަ ފޮނުއްވީ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުން ބުނީ ޒަމީލްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދުނީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށްވުމުން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އެ ނިންމުމަށް ނާޒިމް ފާޑުވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެއީ މަޖިލީހަށް އޮތް އިހުތިޔާރެއް އަދި ބާރެއް ވެސް ނޫން ކަމަށެވެ. މަޖިލީހަކީ ފާރަވެރިވެ ޖަވާބުދާރީ ކުރުވަން އޮތް މުއައްސަސާ ކަމަށާ މަޖިލީހަށް އެދެވޭނީ ތަހުގީގީ އިދާރާތަކުގައި މައްސަލަތައް އަވަސް ކޮށް ދޭން ކަމަށެވެ. އަދި އިހުމާލުވެ ލަސްވަމުންދާނަމަ ޖަވާބުދާރީ ކުރުވުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ރައްޔިތުންގެ މަޖިލީހުން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާ ހިސާބަށް ކަންކަން ދިޔަ މަންޒަރު. އަދި އެހާ ހިސާބަށް ކަންކަން ދިޔައީމަ އަޅުގަނޑު ވެސް އެތާނގައި [ރަައްޔިތުންގެ މަޖިލީސް] މަަސައްކަތް ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އެއްޗެއް ބުނަން ޖެހިއްޖެ ކަމަށް އަޅުގަނޑު ދެކެނީ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ކަމެއް ނޫން އެއީކީއެއް އަދި ގާނޫނު އަސާސީ ދަންނަ ކަމެއްވެސް ނޫން ރައްޔިތުންގެ މަޖިލީހުން ޕީޖީއަށް މައްސަލަތައް ދައުވާ ކުރަން ފޮނުވުން. އެހެނެއް ނޫން، ރައްޔިތުންގެ މަޖިލީހަށް އެދެވިދާނެ ބުނެވޭނެ ތަހުގީގީ ހުރިހާ އިދާރާތަކަކަށް މި މައްސަލަ ބަލާ އަވަސްކޮށްފައި ޕީޖީއަށް ފޮނުވާށޭ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ޖަޒުބާތުގައި ނުޖެހި އިންސާފު ގާއިމު ކުރަން މަސައްކަތް ކޮށްދޭން ގޮވާލައްވާފަ އެވެ.