ލޯކަލް ކައުންސިލް ތަކަށް ސެކްރެޓަރީ ޖެނަރަލް (އެސްޖީ) ގެ މަގާމަށް މީހުން އައްޔަން ކުރަން ކައުންސިލްގެ ލަފާ ހޯދުމަކީ އެ މަގާމަށް މީހުން އައްޔަން ކުރުމުގައި އިންސާފުވެރި ކަން ގެއްލިގެން ދާނެ ކަމެއް ނޫން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ އެމްޑީޕީއަށް ނިސްބަތްވާ ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދު ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގަ އެވެ. އަހްމަދު ސައީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނަރަލުން ހަމަޖައްސާއިރު ކައުންސިލްގެ ލަފާ ނެތި އެކަން ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
މިއިސްލާހުގައިވާ ގޮތުން ކައުންސިލް ތަކަށް ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ. ކޮމިޝަނުން އެކަން ކުރާއިރު ކައުންސިލްގެ ލަފާ ހޯދުމަށް އިސްލާހުގައި ލާޒިމުކޮށްފައެއް ނުވެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ ކައުންސިލް ތަކުގެ ލަފާގެ މަތިން ސެކްރެޓަރީ ޖެނަރަލުން ހަމަޖެއްސި ކަމުގައި ވިޔަސް އެ މަގާމަށް މީހުން އައްޔަނު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުގެ އުސޫލުތަކުގެ މަތިން ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން މަގާމުތަކަށް މީހުން ނަގަން އުސޫލުތަކެއް ހަދާފައި ހުރުމުން އެއްްވެސް މަގާމަކަށް އެ އުސޫލުން ބޭރުން މީހުން ނުނެގޭނެ ކަމުގެ ޔަގީންކަން ވެސް ސައީދު ވަނީ ދެއްވާފަ އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު މަސައްކަތްތައް ފަށާފައިވާ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ މިމަހުގެ މެދަކާ ހިސާބުން ފެށިގެންނެވެ. އަދި އޮގަސްޓް މަހުގެ ނިޔަލަށް ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން އައްޔަންކޮށް ނިންމަން ކޮމިޝަނުން ވަނީ އަމާޒެއް ކަނޑައަޅާފަ އެވެ.
ސައީދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލް ކަމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިން 60 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބޭ ބޭފުޅުންގެ ނަންތައް އެ ބޭފުޅަކު ވަޒީފާ އަދާކުރަން ހުށަހަޅާފައިވާ ކައުންސިލް އިދާރާއެއްގެ ލަފާ ހޯދަން ކޮމިޝަނުން ފޮނުވާނެ ކަމަށެވެ.
"އެ މީހުންނަކީ ކައުންސިލްތަކުގައި މަސައްކަތް ކުރަން އެކަށީގެންވާ މީހުންތޯ ބަލަން ކައުންސިލްތަކުގެ ލަފައެއް ހޯދާނެ. ނަމަވެސް އެ ލަފާގެ މައްޗަށް ބަލައި މަގާމަށް މީހަކު އައްޔަނު ކުރާނީ ކޮމިޝަނުން،" ސައީދު ވިދާޅުވި އެވެ.
ކައުންސިލް ތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުންނަކީ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވާ އަދި ހިންގުމުގެ ދާއިރާ ނުވަތަ އިދާރީ ދާއިރާއެއްގައި ކަނޑައެޅޭ ވަކި މުއްދަތަކަށް މަސައްކަތް ކޮށް ތަޖުރިބާ ހޯދާފައިވާ މީހަކަށް ވާންޖެހެ އެވެ. އެކަމަކު ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާއި އަދި ރަށު ކައުންސިލްތަކަށް ނަގާ އެސްޖީންގެ ޝަރުތު ތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތު ތަކެއް ހުރެ އެވެ.
އެގޮތުން ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލް ކަމަށް ކުރިމަތިލާ މީހުންނަކީ ފުރަތަމަ ޑިގްރީ އާއި އެކު ހަތަރު އަަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާން ޖެހެ އެވެ. އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލް ކަމަށް ކުރިމަތިލާ މީހުންނަކީ ފުރަތަމަ ޑިގްރީ އާއި އެކު ހަ އަަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހުންނަށް ވާން ޖެހެ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލް ކަމަށް ކުރިމަތިލާ މީހުންނަކީ ފުރަތަމަ ޑިގްރީއާ އެކު އަށް އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހުންނަށް ވާންޖެހެ އެވެ.
ސައީދު ވިދާޅުވީ އެ މީހަކަށް ލިބިފައިވާ ތައުލީމީ ސަނަދުތަކަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި މަގާމަށް ވަކި މީހަކު ނަގާނީ އިންޓަވިއުއެއް ކޮށް މާކްސް ދިނުމަށްފަހު އެންމެ ގިނަ މާކްސް ލިބޭ މީހުންނަށް ބަލައިގެން ކަމަށެވެ.
ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލުންނަށް މަހަކު 35،500 ރުފިޔާ، އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލުންނަށް މަހަކު 21،00 ރުފިޔާ އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލުންނަށް 16،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
ސީއެސްސީގެ ނައިބް ރައީސް އިބްރާހިމް ރަޝީދް ވިދާޅުވީ ކޮވިޑް-19ގެ ހާލަތަށް ބަލައި، ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ހާއްސަ ޕޯޓަލް އެއް ހަދާފައިވާތީ މަގާމަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުމަށް ހަމަޖައްސާފައިވަނީ ވެސް އޮންލައިކޮށެވެ.
ކައުންސިލް ތަކުގެ އެންމެ އިސް އިދާރީ މުވައްޒަފަކީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންނެވެ. އެގޮތުން ކައުންސިލްތަކުގެ މާލީ ޒިންމާތައް އަދާ ކުރުމާއި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި އަދި އިދާރި ޒިންމާތައް ނަގާނީ ސެކްރެޓަރީ ޖެނަރަލެވެ. އެ މަގާމަށް މީހަކު އައްޔަނު ކުރާނީ ފަސް އަހަރުގެ މުއްދަތަކަށެވެ.