ސިވިލްސާވިސް ކޮމިޝަން

ކައުންސިލް އެސްޖީ ކަމަށް ހުޅުވާލައިފި

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން ނަގަން ޖެހޭތީ އެ މަގާމަށް ކުރިމަތިލާން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅަވާލައިފި އެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ ކޮމިޝަނުގެ ބަޔާނެއް މެދުވެރިކޮށް މިއަދު އެވެ. ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން އިދާރީ ހުރިހާ ކަމެއް ހިންގާ ފަރާތެވެ. ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރާނީ އޭނާ އެވެ.

ސީއެސްސީން ބުނާ ގޮތުގައި ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތާގުޅޭ ތަޖުރިބާގެ ގޮތުގައި، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓާ ގުޅޭ މަސައްކަތުގެ އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާނަމަ އެ ލިޔުން ގަބޫލު ކުރާނެ އެވެ. މަގާމަށް ކުރިމަތިލާއިރު ފުރިހަމަވާން ޖެހޭ ޝަރުތުތަކާއި، މަގާމަށް އައްޔަން ކުރާއިރު އަމަލު ކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ސިވިލްސާވިސްގެ ކޮމިޝަނުގެ ވެބްސައިޓް ގައި އާންމުކޮށްފައި ވެއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތައް މިމަހުގެ 28 ވަނަ ދުވަހުގެ 11:59 ގެ ކުރިން އޮންލައިންކޮށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށްގެން ކުރިމަތިލާން ވަނީ އެދިފަ އެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

  • ބެޗެލާސް ޑިގްރީއެއް އޮތުން
  • މަސައްކަތާގުޅޭ ހަތަރު އަހަރުދުވަހުގު ތަޖުރިބާ
  • މާސްޓާސް ޑިގްރީއެއް އޮތުމާއެކު ދެ އަހަރުގެ ތަޖުރިބާ

އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

  • ބެޗެލާސް ޑިގްރީއެއް އޮތުން
  • މމަސައްކަތާގުޅޭ ހަ އަހަރު ދުވަހުގެ ތަޖުރިބާ
  • މާސްޓާސް ޑިގްރީއެއް އޮތުމާއެކު ހަތަރު އަހަރުގެ ތަޖުރިބާ

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

  • ބެޗެލާސް ޑިގްރީއެއް އޮތުން
  • މަސައްކަތާގުޅޭ އަށް އަހަރުދުވަހުގެ ތަޖުރިބާ
  • މާސްޓާސް ޑިގްރީއެއް އޮތުމާއެކު ހަ އަހަރުގެ ތަޖުރިބާ

ސެކްރެޓަރީ ޖެނެރަލުން ހޯދާއިރު، ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 35500 ރުފިޔާ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 21000 ރުފިޔާ އެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 16100 ރުފިޔާ އެވެ.