ލައިފްސްޓައިލް

މިމީހާ އެއްމާބަނޑު 10 ދަރިން ވިހޭތަ؟

އެއްފަހަރާ 10 ދަރިން ވިހައި މުޅިން އާ ރެކޯޑެއް ހަދާފައިވާ ކަމަށް ސައުތު އެފްރިކާގެ ޕްރިޓޯރިއާގެ އަންހެނަކު ބުނެފި އެވެ. ގޯސިއޭމް ސިތޯލޭ، 37، އަށް ވެސް އޭނާ ވިހެއީ ޑީކަޕްލެޓްސް ނުވަތަ އެއްމާބަނޑު 10 ދަރިންކަން ގަބޫލު ކުރަން ވެސް ދަތިވި ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ އެންމެ ފަހުން ކުރި ބަނޑުގެ ސްކޭންތަކުން ވެސް ފެނުނީ އަށް ކުދިން ކަމަށް ވާތީ އެވެ.

ގޯސިއޭމް ބުނާ ގޮތަށް އޭނާ އެއްފަހަރާ 10 ދަރިން ވިހޭ ކަން ސާބިތު ވެއްޖެނަމަ މިއީ ދުނިޔޭގެ ރެކޯޑެކެވެ. ދުނިޔޭގެ މިހާރުގެ ރެކޯޑް އޮތީ އެއްމާބަނޑު ނުވަ ކުދިން ވިހޭ މީހަކަށެވެ.

ގޯސިއޭމްގެ ފިރިމީހާ ޓެބޯހޯ ޓިސޮޓެޓްސީ ބުނާ ގޮތުގައި އޭނާގެ އަންހެނުން ވިހެއީ ހަތް ފިރިހެންކުދިންނާއި ތިން އަންހެން ކުދިންނެވެ.

"އަހަރެން އަންހެނުން ވިހޭއިރު ބަނޑަށް ހަތް މަހާއި ހަތް ދުވަސް. އަހަރެން މިވަގުތު މިހުރީ ވަރަށް ޖަޒުބާތީވެ ވާހަކަ ދައްކަން ވެސް ދަތި ވެފައި،" ޓިސޮޓެޓްސީ ބުންޏެވެ.

ނަމަވެސް ސައުތު އެފްރިކާގެ އޮފިޝަލުން ވިދާޅުވި ކަމަށް އިނގިރޭސި ވިލާތުގެ ބައެއް ނޫހުން ބުނެފައިވަނީ މި އަންހެންމީހާ 10 ދަރިން ވިހޭ ކަމުގެ ހެއްކެއް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކަށް އަދި ލިބިފައި ނުވާ ކަމަށެވެ.

ސައުތު އެފްރިކާ ސަރުކާރުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ ޑައިރެކްޓަރު-ޖެނެރަލް ޕުމްލާ ވިލިއަމްސް ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި މި މައުލޫމާތު ލިބިފައިވާ އާއްމުންގެ އެހީތެރިކަމަށް އެދިފައި ވެއެވެ.

"އަހަރެމެން މި ވާހަކައިގެ ތެދު ދޮގު ހޯދަން ބޭނުންވާތީ މިކަން އެނގޭ މީހުން އެހީތެރިކަން ދިނުމަށް އެދެން،' ޕުމްލާގެ މެސެޖުގައި ބުނެފައި ވެއެވެ.

އެ ސަރަހައްދުގެ މޭޔަރު ވެސް ބުނެފައިވަނީ އެ އާއިލާ ހޯދަން ކުރި މަސައްކަތް ވެސް އަދި ކާމިޔާބު ނުވާ ކަމަށެވެ. ދިހަ ދަރިން ވިހޭ ކަމަށް ބުނާ މަންމަގެ މިހާރު ވެސް ހަ އަހަރުގެ އެއްމާބަނޑު ދެބެން އެބަ ތިއްބެވެ. ސައުތު އެފްރިކާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އެ އަންހެންމީހާ ބުނީ އޭނާ ބަލިވެ އިނީ ގުދުރަތީ ގޮތުން ކަމަށާއި ދަރިން ހޯދަން އެއްވެސް ކަހަލަ ފަރުވާއެއް ނުހޯދާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ބަނޑުގެ ސްކޭން ހަދާފައި ޑޮކްޓަރުން ފުރަތަމަ ބުނީ ބަނޑުގައި ހަ ކުދިން އޮތް ކަމަށެވެ. އޭގެ ފަހުން ހެދި ސްކޭނުން އަށް ކުދިން އޮތް ކަމަށް ބުނެފައިވާ ކަމަށާއި އެކަމާ އެމީހުން ވެސް ވަރަށް އަޖައިބުވެގެން އުޅުނު ކަމަށެވެ.

"ސްކޭން ކޮށްފަ އެހާ ގިނަ ކުދިން ތިއްބޭ ބުނީމަ ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނު. ސްކޭންތަކުން ކުދިން ފެނުނީމަ ޔަގީންވީ. މިހާ ގިނަ ކުދިން ބަނޑުގައި ތިބީމަ ރޭގަނޑު ނިދަން ވަރަށް އުނދަގޫވި،" އަންހެންމީހާ ބުންޏެވެ.

ދަރިންގެ ސިއްހަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ވެސް އަންހެންމީހާ ބުންޏެވެ. މިވަގުތު ދަރިން ތިބީ ހޮސްޕިޓަލުގެ ކުޑަކުދިންގެ އައިސީޔޫގައި ކަމަށާއި އެ ކުދިންނާ ބައްދަލުވާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ވެސް ގޯސިއޭމް ބުންޏެވެ.

ގޯސިއޭމްގެ ފިރިމީހާ ބުނީ އޭނާގެ އަންހެނުންގެ ބަނޑުގައި މިހާ ގިނަ ދަރިން އެއްވެސް މައްސަލައެއް ނެތި ތިބުމަކީ ﷲ ގެ އިރާދަފުޅުން ފެނުނު މުއުޖިޒާތެއް ކަމަށެވެ.

ދުނިޔޭގެ އެތައް މިލިއަން ބަޔަކު ދަރިން ނުލިބިގެން ބޭސް ފަރުވާ ކުރަމުން ދާއިރު އޭނާއަށް އެއްފަހަރާ މިހާ ގިނަ ދަރިން ލިބުމަކީ ލެއްވި ރަހުމަތެއް ކަމަށް ގޯސިއޭމްގެ ފިރިމީހާ ބުންޏެވެ.