ލައިފްސްޓައިލް

ކުޑަ ދުވަސްކޮޅެއް، މަރުގެ ތިން އެތިފަހަރު!

ޝުބާ ދާސްއަކީ އިންޑިޔާގެ މުމްބައިގައި ބަޓްލާއެއްގެ ގޮތުގައި މަސައްކަތް ކުރާ 39 އަހަރުގެ މީހެކެވެ. ފާއިތުވީ ދެ ތިން މަސް ތެރޭ އޭނާއަށް މަރުގެ ތިން އެތި ފަހަރަކާ ކުރިމަތިވެ ފުރާނަ ސަލާމަތްވެފައި ވަނީ ހަމަ ކިރިޔާ އެވެ.

ފުރަތަމަ އޭނާއަށް ޖެހުނީ ކޮވިޑެވެ. އެ ބަލީގައި ވަރަށް ބޮޑުވަރު ވެގެން ހޮސްޕިޓަލުގެ އައިސީޔޫގައި ގިނަ ދުވަސް ތަކަކު އޭނާ ވަނީ ފަރުވާ ހޯދާފަ އެވެ. އަދި އެތަނުގައި އޮއްވާ ހިނގި އަލިފާނުގެ ހާދިސާއަކުން ވެސް އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އަދި މިދިޔަ ހޯމަ ދުވަހު ވަރަށް ނުރައްކާތެރި ވައިގެ އެކްސިޑެންޓަކުން ވެސް އޭނާ ސަލާމަތްވީ ހަމަ ނަސީބު ގަދަކަމުންނެވެ.

މުމްބައީއިން ކަލްކަތާ އަށް ޝުބާ ދަތުރުކުރި ފްލައިޓް ޓާބުލަންސެއްގައި ޖެހި ހަތް މީހަކަށް އަނިޔާވީއިރު އޭގެ ތެރޭގައި ޝުބާ ހިމެނެ އެވެ. މި ހާދިސާގައި ޝުބާގެ ކަރަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އަދި އޭނާއާ ޖެހިގެން އިން ސީޓުގައި އިން އޭނާގެ ބައްޕަގެ މައިބަދައަށް ގެއްލުންވެ ސާޖަރީއެއް ހަދަން ވަނީ ޖެހިފަ އެވެ.

ފާއިތުވީ އޭޕްރީލް މަހުން 16 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހާ ހަމައަށް ފާއިތުވީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޝުބާ ތިން ފަހަރަށް މަރުގެ ތުންފަތްމައްޗަށް ގޮސްފައި ވެއެވެ.

ފުރަތަމަ ފަހަރަށް އޭނާގެ ފުރާނަ ދެންމެ ދެންމެ މި ދަނީހެން ހީވީ ކޮވިޑް-19 އިގެ ސަބަބުން ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާ ދިން އިރު އެވެ. ނޭވާލާން ދަތިވެގެން ގޮސް ދެންމެ ދެންމެ ނޭވާ ހުއްޓެނީ ހެން ހީވި އެތައް ވަގުތެއް އައިސީޔޫގައި ހޭދަކުރި ދުވަސްތަކުގައި ޝުބާ އަށް ތަހައްމަލު ކުރަން ޖެހުނެވެ.

އައިސީޔޫގައި އޮންނަތާ ހަތް ވަނަ ދުވަހު އަނެއްކާ ހަމަ އެހާ ނުރައްކާތެރިކަމަކާ ޝުބާއަށް ކުރިމަތިވި އެވެ. އޭނާ އޮތް އައިސީޔޫ އިމާރާތުގައި ރޯވީ އެވެ. އެވަގުތު ޝުބާ އާއެކު 17 މީހުން އައިސީޔޫގައި ތިއްބެވެ. މި ހާދިސާގައި އޭގެ ތެރެއިން 15 މީހުން މަރުވި އެވެ. ފުރާނަ ސަލާމަތްވީ ޝުބާ އާއި އިތުރު އެންމެ މީހެއްގެ އެވެ.

އަލިފާނުގެ ހާދިސާއިން އޭނާ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް ޝުބާއަށް ނެތް އެތައް ވަގުތެއް ދިޔަ އެވެ. ނަމަވެސް ނަސީބު ރަނގަޅުކަމުން އޭނާ ކޮންމެވެސް ގޮތަކުން ސަލާމަތްވެއްޖެ އެވެ.

ކޮވިޑް ފަރުވާ އަށް ދޮޅު މަހެއްހާ ދުވަހު ހޮސްޕިޓަލުގައި އޮތުމަށްފަހު ބަލި ރަނގަޅުވެގެން ޝުބާ ގެއަށް ދޫކޮށްލުމުން އެނބުރި އޭނާގެ ރަށް ކަލްކަތާއަށް ދިއުމަށް މަތިންދާބޯޓަކަށް އެރި އެވެ. އެ ދަތުރުވެސް ވެގެން ދިޔައީ ޝުބާއަށް މަރުގެ އެތިފަހަރަކަށެވެ.

އޭނާ ދަތުރުކުރި ފްލައިޓް ޓާބުލަންސެއްގައި ޖެހި ތެޅިގަތްލެއް ބާރުކަމުން ބޯޓު ވެއްޓެނީކަން ޔަގީންކޮށް ދުނިޔޭގައި ހުރުމުގެ އުންމީދުވެސް ކަނޑާލި ކަމަށް ޝުބާ ބުންޏެވެ. މި ހާދިސާގައި ވެސް އަނިޔާ ލިބުނު ހަތް މީހުންގެ މީހުންގެ ތެރޭގައި ޝުބާ އާއި އޭނާގެ ބައްޕަ ހިމެނެ އެވެ.

ޝުބާގެ ކަރަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ވެފަ އެވެ. އޭނާގެ ބައްޕަގެ މައި ބަދައަށް ލިބުނު ގެއްލުމަކަށް ސާޖަރީ ހަދަން ވަނީ ޖެހިފަ އެވެ.