ލައިފްސްޓައިލް

ދަތް އުނގުޅަނިކޮށް ވެއްޓި ކަރުގައި ބުރުސް ތާށިވެއްޖެ

ދަތް އުނގުޅަނިކޮށް ކަރުގައި ބުރުސް ތާށި ވެދާނެކަމަށް އެއްވެސް މީހަކު ހިޔެއް ނުކުރާނެ އެވެ. ނަމަވެސް މިކަހަލަ ބިރުވެރި ތަޖުރިބާއެއް ދަދިފަހުން އިންޑިޔާގެ ޓެމިލް ނާޑޫގެ އަންހެނަކު ވަނީ ކޮށްފަ އެވެ.

ކަންޗީޕުރަމް ކިޔާ އަވަށެއްގައި ދިރިއުޅޭ 34 އަހަރުގެ ރެވާތީ އެއް ދުވަހު ހެނދުނު ހޭލައިގެން ފާޚާނާއަށް ވަދެ ދަތް އުނގުޅަން ހުއްޓައި ކައްސާލައިގެން ފާޚާނާ މުށިތަކު މައްޗަށް ވެއްޓުނީ އެވެ. އޭނާ ވެއްޓި ޖެހުނީ މޫނު ވަތަށެވެ. އަދި އޭރު އަނގައިގެ ތެރޭގައި ބުރުސް އިނެވެ. ބުރުހަކީ ހަރު ޕްލާސްޓިކުން ހަދާފައި ހުންނަ އެއްޗަކަށް ވާތީ ބުރުސް ކަރަށް ވަރަށް ފުންކޮށް ހެރި އަމިއްލައަށް ނުނެގޭ ވަރަށް ތާށިވީ އެވެ.

ރެވާތީގެ އަނގައިން ވަރަށް ގިނައިން ލޭ އަންނަން ފެށި ނަމަވެސް ބުރުސް ހެރިފައި އިން ގޮތުން އޭނާގެ އަނގައިން އެއްވެސް އަޑެއް ބޭރެއް ނުވި އެވެ. ނަމަވެސް ފާޚާނާ ތެރެއަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އޭނާގެ އާއިލާގެ މީހުންނަށް އިވިގެން އައިސް ދޮރު ހުޅުވީ އެވެ. އަދި ރެވާތީ އަށް ޖެހިފައިވާ ހާލު ފެނިފައި ޚުދް އެމީހުންނަށް ވެސް ލިބުނީ ބޮޑު ޝޮކެއް ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ވަގުތުން އެތާ ކައިރީ ހުރި ހޮސްޕިޓަލަށް ރެވާތީ ގެންދިޔަ އެވެ. އެ ހޮސްޕިޓަލުން ރެވާތީ ފުރަތަމަ ބެލި ޑޮކްޓަރުންނަށް ވެސް މިކަން ވީ ވަރަށް އަޖައިބު ކަމަކަށެވެ. ސަބަބަކީ މި ކަހަލަ ކަމެއް މީގެ ކުރިން އެމީހުންނަށް ވެސް ފެނިފައި ނުވާތީ އެވެ.

ޑޮކްޓަރުންގެ ޓީމެއް ވަގުތުން ރެވާތީ ކައިރިއަށް އައިސް އޭނާގެ އަނގައިން ބުރުސް ނެގޭނެ ގޮތެއް ބަލަން ފެށި އެވެ. ޑޮކްޓަރުން ބުނި ގޮތުގައި ބުރުސް ހެރިފައި އިނީ ދަތްތަކާއި ޑެންޓަލް ކެވިޓީސްގެ ވެސް އަޑިންނެވެ.

ކޮލުން ކުޑަ ތަންކޮޅެއް ކަފާލައިގެން ބުރުސް ނަގައި އެތަން މިހާރު ފަހާފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައި ވެއެވެ.

ރެވާތީގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.