މި މީހާގެ ފުރާނަ ސަލާމަތް ވުމަކީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ގިނަ މީހުން ސިފަ ކުރެ އެވެ. އިންޑީޔާގެ ބަތިންޑާގެ ލެހްރާ އަވަށުގައި ދިރިއުޅޭ 23 އަހަރުގެ މި ޒުވާން ފިރިހެންމީހާގެ މެޔަށް ދަގަނޑު ރޮޑެއް ހެރި ފޫއަޅާފައި އަނެއްކޮޅުން ނުކުމެފައި ވާތީ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހުގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގިއިރު މި ފިރިހެންމީހާ އިނީ މިނީ ޓްރަކެއްގެ ފަސިންޖަރުން އިށީންނަ ގޮނޑިއެއްގަ އެވެ. ކުއްލިއަކަށް އޭނާ އިން ވެހިކަލްގެ ފުރޮޅު ފަޅައިގެން ގޮސް އޭތި ކޮންޓްރޯލް ނެއްޓުނީ އެވެ. ވެހިކަލް ކޮންޓްރޯލު ނުވެގެން ގޮސް ތަނެއްގައި ޖެހުމާއެކު އެތަނުގައި ޖަހާފައި އިން ހަ ފޫޓުގެ ދިގު ދަގަނޑު ރޮޑެއް ވެހިކަލްގެ ވިންޑްސްކްރީން ތަޅާލާފައި ގޮސް އެ ފިރިހެންމީހާގެ މޭ ފޫއަޅުވާލާފައި ވަންނަން ނެގީ ކުޑަކުޑަ ހިނދުކޮޅެކެވެ.
ދަގަނޑު ރޮޑު މޭ ފޫއަޅުވާލާފައި އަނެއް ފަރާތުން ނުކުމެފައި އޮތް އިރުވެސް ހަރްދީޕް ނަމަކަށް ކިޔާ މި މީހާގެ ހޭ ހުއްޓެވެ. އަދި އޭނާގެ އެކުވެރިންނަށާއި އާއިލާގެ މީހުންނަށް ގުޅައި މި އެކްސިޑެންޓްގެ ޚަބަރު ދިނީ ވެސް ހަރްދީޕް އެވެ.
ވަގުތުން ހަރްދީޕް ހޮސްޕިޓަލަށް ގެންދިއުމާއެކު ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ވެއްދި އެވެ. އޭނާގެ އޮޕަރޭޝަނުގައި 15 ހެލްތު ސްޓާފުން ބައިވެރިވި އެވެ. މީގެ ތެރެއިން އޮޕަރޭޝަން ޑޮކްޓަރުންގެ ހަ ޑޮކްޓަރުން ހިމެނުނެވެ.
ހަރްދީޕްގެ އޮޕަރޭޝަން ކުރުމުގައި އިސްކޮށް އުޅުއްވި ޑޮކްޓަރު ސަންދީޕް ދާންޑް ވިދާޅުވީ މި ސާޖަރީއަށް ފަސް ގަޑިއިރު ނެގި ކަމަށެވެ. އަދި މިހާރު ސަންދީޕްގެ ފުރާނައަށް ނުރައްކަލެއް ނެތް ނަމަވެސް އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި އިންފެކްޝަނެއް ކުރިމަތިވެއްޖެނަމަ ހަރްދީޕްގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
މެޑިކަލް އެކްސްޕާޓުން ވިދާޅުވާ ގޮތުގައި މެޔަށް މިގޮތަށް ހެރި ފޫއަޅާފައިވާ ރޮޑެއް ނެގުމަކީ ވަރަށް އުނދަގޫ އަދި އެހާމެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު އޮޕަރޭޝަން އެކެވެ. އެގޮތުން ހަރްދީޕްގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ރޮޑު އޭނާގެ މެއިން ނެގުމާއި ލޭ މަނާކުރުމަށް ކުރަން ޖެހުނު މަސައްކަތް ތަކެވެ.
ފުލުހުންގެ ސީނިއާ އިންސްޕެކްޓަރު ވިދާޅުވީ ސާޖަރީ ހެދިފަހުން ހަރްދީޕް އަދިވެސް ހޭ ނާރާތީ އޭނާގެ ބަޔާން އަދި ނެގޭ ގޮތް ނުވާ ކަމަށެވެ.