ލައިފްސްޓައިލް

ހޮސްޕިޓަލެއްގައި ރޯވެ، ދެމަފިރިއެއްގެ 12 އަހަރުގެ އުންމީދު ފެނަށް

ދާދި ފަހުން އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ބޯޕާލްގެ ހޮސްޕިޓަލެއްގެ ޕީޑިއެޓްރިކް އައިސީޔޫއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގައި އެޑްމިޓް ކޮށްފައި އޮތް ތުއްތު ހަތަރު ކުއްޖެއްގެ ފުރާނަ ގެއްލި އެ ކުދިންގެ އާއިލާތަކަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ހިތާމައެއް ވަނީ ކުރިމަތިވެފަ އެވެ.

ބޯޕާލްގެ ކަމަލާ ނެހުރޫ ހޮސްޕިޓަލުގެ ޕީޑިއެޓްރިކް އައިސީޔޫގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ތުއްތު ކުދިންގެ ތެރެއިން އެއް ކުއްޖަކީ ދެމަފިރިއަކު 12 އަހަރު ވަންދެން އެ ދަރިފުޅަކަށްޓަކައި އިންތިޒާރު ކުރި، އެމީހުންގެ އަލަތު ދަރިފުޅެވެ.

ރައީސް އާއި އިރްފާނާ އަލީ މި ވަގުތު ތިބީ ޝޮކެއްގަ އެވެ. އެމީހުން 12 އަހަރު ވަންދެން ކުރަމުން ދިޔަ ދުއާ އިޖާބަ ކުރައްވައި އެމީހުންނަށް ދަރިއަކު ލިބުމުގެ ނަސީބު ލިބުމުން އެ ލިބުނު އުފާ ހިނދުކޮޅެއްގެ ތެރޭގައި ހިތާމައަށް ބަދަލުވެގެން ދިޔަ ގޮތުންނެވެ. އެމީހުން އެ ތުއްތު ދަރިފުޅަށް ކީ ރާހީލް އެވެ. އަންގާރަ ދުވަހަކީ އެ ދަރިފުޅު ރަނގަޅު ވެގެން ގެޔަށް ދޫކޮށްލަން އޮތް ދުވަހެވެ. ނަމަވެސް އެ ދުވަހު އެމީހުންނަށް ގެޔަށް ގެންދަން ލިބުނީ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑެވެ.

ތުއްތު ރާހީލް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އަލިފާނުގެ ހާދިސާގެ ހަފުތާއެއް ކުރިންނެވެ. މަޑުމަޑުން ރަނގަޅު ވަމުން އައިސް ދަރިފުޅު ގެއަށް ގެންދަން އެ ދުވަހު ދެމަފިރިން ތިބީ ވަރަށް އުންމީދު ކޮށްގެންނެވެ.

"އަންހެނުންނަށް ދަރިފުޅުގެ ހަށިގަނޑު ދައްކާކަށް އަހަންނަކަށް ނުކެރުނު. ދުމުގެ ސަބަބުން ދަރިފުޅުގެ ހަންގަނޑު އެއްކޮށް އޮތީ ކަޅުވެފައި. އެ ހާލުގައި ދަރިފުޅު އޮއްވާ ފެނިއްޖެނަމަ އަންހެނުންނަށް ވާނެ ގޮތެއް ވެސް ނޭނގޭ،" ރައީސް ބުންޏެވެ

ދަރިފުޅު އޮތް ވޯޑުގައި އަލިފާން ރޯވުމުން އެތަނަށް ވަންނަން ރައީސް ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ސެކިއުރިޓީ ސްޓާފުން އޭނާގެ ގައިގައި ހިފަހައްޓައި އެތަނަށް ވަނަ ނުދިނީ އެވެ.

މަރުވި ހަތަރު ކުދިންގެ ތެރޭގައި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ދެބެންގެ ތެރެއިން އެއް ކުއްޖަކު ހިމެނެ އެވެ. އަނެއް ކުއްޖާ ވެސް ވަރަށް ބޮޑަށް ފިހި، އަދިވެސް ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

މި ހާދިސާގައި މަރުވި ކުދިންގެ އާއިލާތަކުން އެކުދިންގެ އަނދާފައިވާ ތުއްތު ހަށިގަނޑުތައް ހިފައިގެން ތިބެ ރޮމުން ގެންދިޔަ މަންޒަރަކީ ހިތްދަތި ކަމުން ފުރިގެންވާ މަންޒަރެއް ކަމަށް އިންޑީޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

މީގެ ތެރެއިން އެއް ކުއްޖެއްގެ ބައްޕަ އަންކުޝް ޔާދަވް ބުނީ އޭނާގެ އެއްމާބަނޑު ދެބެން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އަލިފާނުގެ ހާދިސާގެ އެންމެ ދެ ގަޑިއިރު ކުރިން ކަމަށެވެ. އެ ހޮސްޕިޓަލަށް އައުމުގެ ކުރިން އޭނާ އެހެން ދެ ހޮސްޕިޓަލަކަށް ވެސް ދިޔަ އެވެ. ނަމަވެސް ދަރިންގެ ފަރުވާއަށް 10 ލައްކަ ރުޕީސް ޚަރަދުވާނެކަމަށް އެ ހޮސްޕިޓަލްތަކުން ބުނުމުން އެ ފައިސާ އޭނާއަތުގައި ނެތީމަ މި ހޮސްޕިޓަލަށް ގެނެސް ކުދިން އެޑްމިޓް ކުރީ އެވެ.

"އަހަރެން ހޮސްޕިޓަލުގެ ތިން ވަނަ ބުރިއަށް އަރައި އަލިފާން ރޯވެފައިވާ ތަނަށް ވަންނަން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެތާނގައި ތިބި މީހުން އަހަރެން ހިފާއްޓައި ވަނަ ނުދިނީ،" ޔާދަވް ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދެބެން ކުރެ މަރު ނުވެ އޮތް ދަރިފުޅު ވެސް މާ ގިނަ ދުވަހު ދުނިޔޭގައި އޮންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.