ބޮލީވުޑް

"ބޮބީ" ކުޅުނުއިރު ޓްވިންކަލް އަށް ޑިމްޕަލް ބަނޑުބޮޑު

Jun 10, 2021

ޑިމްޕަލް ކަޕާޑިއާގެ ފުރަތަމަ ފިލްމު "ބޮބީ" އިން އޭނާއާއެކު ބޮލީވުޑަށް ނުކުތް ރިޝީ ކަޕޫރު 2015 ގައި ކުރި ޓުވީޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެއީ ޑިމްޕަލްގެ ދަރިފުޅު ޓްވިންކަލް ކަންނާގެ އުފަން ދުވަހު ރިޝީ ކުރި ޓުވީޓެކެވެ.

އެ ޓުވީޓް އެހާ ބޮޑަށް މީހުންގެ ލޮލުގައި އަޅައިގަތީ އޭގައި ބުނެފައިވާ ވާހަކަ އަކުންނެވެ.

"އަހަރެން ލޯބިވާ ކުއްޖާއަށް އުފާވެރި އުފަން ދުވަހަކަށް އެދެން. އަހަރެން 1973 ގައި ކަލޭގެ މަންމަ އާއެކު "ބޮބީ" ކުޅުނުއިރު އަދި އެ ފިލްމުގެ 'އަކްސަރް ކޮއި ލަޅްކީ އިސް ހާލުމޭ' ލަވަ ކުޅުނުއިރު ކަލޭގެ މަންމަގެ ބަނޑުގައި ކަލޭ އޮތް،" ހިނިގަނޑެއްގެ އީމޯޖީ އަކާއެކު ރިޝީގެ އެ ފަހަރުގެ ޓުވީޓުގައި ލިޔެފައި ވެއެވެ.

"އަކްސަރް ކޮއި ލަޅްކީ" ލަވައެއާއެކު ގިނަ ބަޔަކަށް ވަރަށް ބޮޑަށް އޮޅުން އަރައި މިއީ ވަރަށް ބޮޑަށް ބަހުސް ކުރެވޭ މައުލޫއަކަށް ވެގެން ދިޔަ އެވެ. ސަބަބަކީ އެންމެންނަށް އެނގިފައި އޮތީ ޑިމްޕަލް އާއި ރާޖޭޝް ކަންނާ ކައިވެނިކުރީ "ބޮބީ" ކުޅެ ނިންމާފައި ކަމަށެވެ.

ރިޝީ އަކީ އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅުނު މީހަކަށް ވާތީ މީހުން އޮޅުން އަރައިގެން ކޮމެންޓުތައް ކުރަން ފެށުމުން އެކަން ވީ ގޮތް ވެސް އޭނާ ވަނީ ޓުވީޓަކުން އޮޅުން ފިލުވައިދީފަ އެވެ.

"ބައެއް މީހުން ދެން އެއްވެސް ކަމަކަށް ނުވާ ކަންތަކާ ވެސް މައްސަލަ ޖައްސާނެ. ކާކާޖީ [ރާޖޭޝް ކަންނާ] އާއި ޑިމްޕަލް ކައިވެނި ކުރިއިރު "ބޮބީ"ގެ ޝޫޓިން ނުނިމޭ. އަހަރެމެން 'އަކްސަރް ކޮއި ލަޅްކީ' ލަވަ ޝޫޓްކުރިއިރު ޑިމްޕަލްގެ ބަނޑަށް ތިން މަސް،" ރިޝީގެ ޓުވީޓުގައި އޮޅުން ފިލުވައިދީފައި ވެއެވެ.

މިއަހަރު 63 އަހަރު ފުރިފައިވާ ޑިމްޕަލް 1973 ގައި ރާޖޭޝް ކަންނާ އާ ކައިވެނި ކުރިއިރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. އޭރު ރާޖޭޝް ކަންނާ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ސުޕަސްޓާރެވެ. ޑިމްޕަލް އަށް ވުރެ ރާޖޭޝް ކަންނާ 16 އަހަރު ދޮއްޓެވެ. ނަމަވެސް ކައިވެނި ކުރިއިރު އޭނާއާ ހެދި ޑިމްޕަލް ހުރީ މޮޔަވާވަރު ވެފަ އެވެ. އެހެންވެ ފިލްމު ރިލީޒްވަން ދެން ވެސް މަޑުނުކޮށް ކައިވެނި ކުރީ އެވެ. އަދި "ބޮބީ" ގެ ބައެއް ލަވައާއި މަންޒަރުތައް ޝޫޓްކުރީ ކައިވެނި ކޮށް ބަނޑުވެސް ބޮޑުވި ފަހުންނެވެ.