އިލެކްޓްރޯނިކް އާޓްސް (އީއޭ) އިން ޕަބްލިޝް ކުރާ ބެޓްލްފީލްޑް ގޭމް ސީރީޒަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގްބޫލު އެއް ފަސްޓް ޕާސަން ޝޫޓާ ގޭމެވެ. މިހާރު މިވަނީ މި ސީރީޒްގެ އެންމެ ފަހުން ނެރޭ "ބެޓަލްފީލްޑް 2042" ގެ ޓްރެއިލާ ދައްކާލާފަ އެވެ.
މި ގޭމަކީ ފްރެންޗައިޒްގެ އެންމެ ބޮޑު ގޭމް ކަމަށް ގޭމް އުފައްދާ ޑައިސް އިން ބުނެފައި ވެއެވެ. މި ގޭމް އެހެން ބެޓަލްފީލްޑް ގޭމްތަކާއި ހިލާފަށް ކެމްޕޭން ވާހަކައެއް ނުހިމަނަ އެވެ. ހަމައެކަނި މަލްޓިޕްލެޔާ ކުޅެވޭ ގޮތަށް އުފައްދާފައިވާ މި ގޭމްގައި "ސްޓޯރީ އެލެމެންޓްސް" ނުވަތަ ގޭމްގެ ވާހަކަ ހިމަނާފައި ވަނީ އެކި މެޕްތަކުގަ އެވެ. އަދި މިގޭމް ކުރިއަށް ދަނީ 2042 ގައެވެ.
މައިގަނޑު ދެ ޓީމަކަށް ބެހިފައިވާ މި ގޭމްގައި ބެޓްލްފީލްޑް ސީރީޒްގެ އެންމެ މަގްބޫލު ގޭމް މޯޑްތައް ހިމެނޭނެ އެވެ. މިގޮތުން ކޮންކުއެސްޓް މޯޑް ފާހަގަ ކޮށްލެވެ އެވެ. ނަމަވެސް މިފަހަރުގެ ގޭމްގައި ހުރިހާ މޯޑް ތަކަށް ވެސް ކުދި ބަދަލުތަކެއް ގެނެސްފައި ވާނެ ކަމަށް ޑައިސް އިން ބުނެ އެވެ.
ޕީސީ، އެކްސްބޮކްސް ސީރީޒް އެކްސް އަދި ޕްލޭސްޓޭޝަން 5 ބޭނުންކުރާ ފަރާތްތަކަށް މި ގޭމްގެ ފުރިހަމަ ބޭނުން ކުރެވޭނެ އެވެ. އެއީ މި ގޭމް ގައިވާ އާދަޔާ ހިލާފަށް ބޮޑެތި މެޕްތަކާއި، "ނެކްސްޓް ޖެން" ގްރެފިކްސް އެވެ. އަދި މި ގޭމް ޕީސީ އަދި އާ ކޮންސޯލްތަކުން ކުޅޭ ފަރާތްތަކަށް 100 އަށް ވުރެ ގިނަ މީހުންނާ އެއް ކޮށް އެއްފަހަރާ ކުޅެވޭނެ އެވެ. ނަމަވެސް ކުރީގެ ކޮންސޯލްތައް (އެކްސްބޮކްސް ވަން) އަދި ޕްލޭސްޓޭޝަން 4 ބޭނުން ކުރާ ފަރާތްތަކަށް ކުޅެން ލިބޭނީ އެ ކޮންސޯލް ތަކަށް ހާއްސަކޮށް ހަދައިފައިވާ ވާޝަން އެވެ. އަދި މި ވާޝަން ކުޅޭ ފަރާތްތަކަށް އެއްފަހަރާ ކުޅެވޭނީ 60 މީހުންނާއި އެއްކޮށެވެ.
އެންމެ ފަހުގެ "ފްރޮސްޓް ބައިޓް" ގްރެފިކްސް އިންޖީން ބޭނުންކޮށްގެން އުފައްދާފައިވާ މި ގޭމްގައި ކުރީގެ ގޭމްތަކާ ތަފާތު "އަޕްޑޭޓެޑް" ފިޒިކްސް އިންޖީނެއް ބޭނުންކުރެ އެވެ. އަދި މި ގްރެފިކްސް އިންޖީން ބޭނުންކޮށްގެން ވަނީ ބޮޑެތި މެޕްތަކުގެ އިތުރުން މި މެޕްތަކުގައި "ޑައިނަމިކް ވެދާ" ނުވަތަ މޫސުން ބަދަަލުވާ ނިޒާމެއް އުފައްދާފަ އެވެ.
މިގޭމްގެ ގޭމްޕްލޭ ދައްކާލުން މާދަމާ އޮންނާނެ އެވެ. އަދި މިގޭމްގެ އިތުރު މޯޑްތަކާއި މައުލޫމާތު ޖުލައި 22 ވަނަ ދުވަހު އީއޭ އިން އާންމުކުރާނެ އެވެ. މި ގޭމް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ގޭމް ޕްރީއޯޑަކުރުން މިހާރު ވަނީ ކޮންސޯލް އަދި ޕީސީއަށް ހުޅުވާލައިފަ އެވެ.