މަޝްހޫރު އޮންލައިން ގޭމް، އޯވާވޮޗް އިން އެ ގޭމްގެ ކްރޮސް-ޕްލޭ ބީޓާ ފަށައިފި އެވެ.
އޯވާ ވޮޗްގެ ޓްވިޓާ އެކައުންޓުން މި މަހުގެ 22 ވަނަ ދުވަހު ވަނީ ކްރޮސްޕްލޭ ބީޓާ އިއުލާންކޮށް، އާ ބަދަލުތަކާއެކު ގޭމް ކުޅެވޭ ގޮތް ހަދައިދީފަ އެވެ. މިއީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ބަދަލެކެވެ.
މީގެ ފަސް އަހަރު ކުރިން ނެރުނު މި ގޭމަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އެއް ގޭމެވެ. މި ގޭމާ ގުޅުންހުރި ވާދަވެރި މުބާރާތްތައް ވެސް ކޮންމެ އަހަރަކު ބޮޑެތި އިނާމުތަކާއެކު ދުނިޔޭގެ އެކި ހިސާބު ތަކުގައި ބާއްވަ އެވެ. ނަމަވެސް މި ގޭމް އަދި މިހާތަނަށް ކުޅެމުން އައިސްފައި ވަނީ އެކި ކޮންސޯލްތައް ވަކިންނެވެ.
ކްރޮސްޕްލޭ އިއުލާން ކުރުމުން ހުރިހާ ގޭމިން ޕްލެޓްފޯމްތަކެއް މިހާރު ވަނީ ގުޅާލާފަ އެވެ. ޕީސީ، ޕްލޭސްޓޭޝަން، އެކްސްބޮކްސް އަދި ނިންޓެންޑޯ ސްވިޗް ބޭނުން ކޮށްގެން ކުޅެވޭ މި ގޭމް މިހާރު އެއް ޕްލެޓްފޯމް ބޭނުން ކުރާ މީހާއަށް އެހެން ޕްލެޓްފޯމްތަކުގައި ކުޅޭ މީހުންނާއެކު ކުޅެވޭނެ އެވެ.
ކުރީގައި ނަމަ ޕީސީން މި ގޭމް ކުޅޭ މީހަކަށް ޕްލޭސްޓޭޝަންގައި މި ގޭމް ކުޅޭ މީހާއާއެކު ކުޅުމުގެ ފުރުސަތެއް ނޯވެ އެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު ޕީސީގައި ގޭމް ކުޅޭ މީހާ ބޭނުންވާނަމަ ޕްލޭސްޓޭޝަންގައި ގޭމް ކުޅެމުންދާ މީހާއާއެކު އެއް ވަގުތެއްގައި މި ގޭމް ކުޅެވޭނެ އެވެ.
ކްރޮސްޕްލޭ ބޭނުން ކުރަން ބެޓަލް ޑޮޓް ނެޓް އެކައުންޓެއް ހަދައި މި އެކައުންޓަށް ކޮންސޯލް ލިންކް ކުރަން ޖެހޭނެ އެވެ. ބެޓަލް ޑޮޓް ނެޓަކީ ބްލިޒާޑްގެ އެކަައުންޓްތައް ބަލަހައްޓާ ޕޯޓަލް އެވެ. އަދި މި އެކައުންޓް ތަކަކީ ހިލޭ ހުޅުވޭ އެކައުންޓް ތަކެކެވެ.
އޯވާވޮޗަށް ގެނައި މި ބަދަލާއެކު ގިނަ ބަޔަކު މި ގޭމު އަލުން ކުޅެން ފަށާފައިވެ އެވެ. އަދި މިބަދަލު ވަނީ ގިނަ ބަޔަކަށް ކަމުވެސް ގޮސްފަ އެވެ.