ޓެކްނޯލޮޖީ

އީތުރީ: ބައިވަރު އާ ގޭމްތަކާއެކު ފްރިޖެއް

ވިހިވިހީގައި ކެންސަލް ކުރި، ގޭމް އިންޑަސްޓްރީގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ އީތްރީ ވަނީ ޖޫން 12 އިން ޖޫން 15 އިގެ ނިއަލަށް ކުރިއަށް ގެންގޮސްފަ އެވެ. މި ފަހަރުގެ އީތްރީ އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ޑިޖިޓަލްކޮށެވެ. މި އިވެންޓް ކުރިއަށް ދިޔަ މުއްދަަތުގައި ޔުބިސޮފްޓް، މައިކްރޮސޮފްޓް، ނިންޓެންޑޯ އަދި ކެޕްކޮމް ފަދަ ބޮޑެތި ގޭމް ޕަބްލިޝަރުން ބައިވެރިވި އެވެ.

މިފަހަރުގެ އީތްރީ ގައި ވެސް ގިނަ ގޭމް ޑިވެލޮޕަރުންނާއި ގޭމް ޕަބްލިޝަރުންނާއި ގޭމިން ހާޑްވެއާ އުފައްދާ ކުންފުނިތަކުން ބައިވެރިވި އެވެ. މީގެ އިތުރުން މަގުބޫލް ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސް ވެސް މިފަހަރު އެ ކުންފުނިން އުފައްދާ ގޭމްތަކާއި ގުޅުން ހުރި ނުވަތަ ގޭމަށް ނިސްބަތްކޮށް އުފައްދާ ސީރީޒްތައް ދައްކާލި އެވެ.

ބޮޑު އެކްސްޕޯއެއް ގޮތުގައި އާންމުކޮށް ބާއްވާ އީތްރީ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ޑިޖިޓަލްކޮށް ބޭއްވި ނަމަވެސް، އިވެންޓް ބެލި މީހުންގެ އަދަދު މަދެއް ނޫނެވެ. އަދި އިވެންޓަށް ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިވެ އެވެ.

މިދިޔަ އަހަރު އީތްރީގައި އެކި ގޭމިން ޕްލެޓްފޯމްތަކަށް ހާއްސަ ކޮށްގެން ޝޯކޭސްް ތައް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ޕީސީ، ޕްލޭސްޓޭޝަން، އެކްސްބޮކްސް އާއި ސްވިޗް، މޯބައިލް އަދި ކްލައުޑް ގޭމިންގް ހިދުމަތްތައް ހިމެނެ އެވެ. ޕްލޭސްޓޭޝަނަށް ގެންނަ ގޭމްތައް ދައްކާލި ނަމަވެސް ސޮނީން އިވެންޓްގައި ބައިވެރިއެއް ނުވެ އެވެ.

އެންމެ ފާހަގަކޮށްލެވޭ ޝޯކޭސް ދައްކާލައިފައި ވަނީ މައިކްރޮސޮފްޓް އެކްސްބޮކްސް އިންނެވެ. އެކްސްބޮކްސް އަދި ބެތެސްޑާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޝޯކޭސް ގައި މިހާތަނަށް އެކްސްބޮކްސް އިން ތައާރަފްކުރި އެންމެ ބޮޑު އެކްސްކްލޫޒިވް ގޭމް ލިސްޓް ދައްކާލި އެވެ. އަދި އެކްސްބޮކްސް ވަނީ މި ގޭމްތައް އިއުލާން ކުރުމާއެކު އެކުންފުނީގެ "އެކްސްބޮކްސް ގޭމް ޕާސް" ވެސް ދައްކާލާފަ އެވެ. ގޭމް ޕާސް އަކީ ސަބްސްކްރިޕްޝަން ސާވިސް އެކެވެ. މި ހިދުމަތް ބޭނުން ކޮށްގެން ގޭމްތައް ވަކިން ނުގަނެ މި ހިދުމަތުގެ ތެރެއިން ގޭމް ރިލީޒް ކުރާ ދުވަހުން ފަށައިގެން ކުޅެވޭނެ އެވެ.

އެކްސްބޮކްސް އިން މިފަހަރު އިއުލާން ކުރި އެކްސްކްލޫޒިވް ގޭމްތަކުގެ ތެރޭގައި ފޯޒާ ހޮރައިޒަން 5 އާއި ހޭލޯ އިންފިނިޓް، ރެޑްފޯލް، ސްޓާފީލްޑް އަދި ސްޓޯކާ 2 ހިމެނެ އެވެ. މީގެ އިތުރުން ގޭމްޕާސްގައި ބައިވަރު ގޭމްތައް ވެސް ހިމެނެ އެވެ. އޭޖް އޮފް އެމްޕަޔާސް، މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާ، ބެކް ފޯ ބްލަޑް، ހޭޑީސް، އެމޯންގް އަސް އަދި ޔަކޫޒާ ލައިކް އަ ޑްރެގަން ހިމެނެ އެވެ.

ހޭލޯ އިންފިނިޓްގެ މަލްޓިޕްލެޔާ ނެރެނީ ހިލޭ ބޭނުންކުރެވޭ ގޮތަކަށެވެ. މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާ އަލަށް އެކްސްބޮކްސްގައި ބޭނުން ކުރެވޭ ގޮތް ހަދާއިރު އޭޖް އޮފް އެމްޕަޔާސް ޕީސީގައި ކުޅެވޭ ގޮތަށް ގޭމްޕާސް ގައި ވަނީ ހިމަނާފަ އެވެ.

ގޭމްޕާސްގެ ބޭރުން ވެސް މައިކްރޮސޮފްޓުން ވަނީ އެކްސްބޮކްސް ޕްލެޓްފޯމަށް އަންނަ ގޭމްތަކުގެ ބޮޑު ލިސްޓެއް ޝޯކޭސްގެ ތެރެއިން ދައްކާލާފަ އެވެ. މީގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ގޭމްތަކަކީ ފާކްރައި 6 އަދި ބެޓަލްފީލްޑް 2042 އެވެ.

މައިކްރޮސޮފްޓުން ޝޯކޭސް ނިންމާލުމުގެ ކުރިން ވަނީ އެކްސްބޮކްސް މިނީފްރިޖް ވެސް ދައްްކާލާފަ އެވެ. މި ފްރިޖަކީ އެކްސްބޮކްސް އިން ޓުވިޓާގައި ކުރި ޕޯލްއެއް ކާމިޔާބު ކުރުމުން ކުރަން ވައުދުވި ކަމެކެވެ.

އީތްރީ އެކްސްބޮކްސްގެ ޝޯކޭސް އެހެން ކުންފުނިތަކަށް ވުރެ ވަރުގަދަވިޔަސް އިތުރު ޕަބްލިޝަރުން ވެސް ވަނީ ކަމުދާ ޝޯކޭސްތަކެއް ދައްކާލާފަ އެވެ.

ނިންޓެންޑޯ އިން ވަނީ ބައިވަރު އާ ގޭމްތަކުގެ އިތުރުން އާ ޑިވައިސްއެއް ވެސް ދައްކާލާފަ އެވެ. ޕޯޓަބަލް "ޒެލްޑާ" ގޭމްތައް ކުޅެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ މި ޑިވައިސް އަކީ ޒެލްޑާ ގޭމް ސީރީސްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ނެރުނު ޑިވައިސް އެކެވެ.

މީގެ އިތުރުން ވަނީ އާ މާރިއޯ ގޭމް ތަކެއްވެސްް ނެރެން އިއުާންކޮށްފަމއެވެ. އެގޮތުން މަގުބޫލު މިނީ ގޭމްތައް ހިމެނޭ "ވާރިއޯ ވާސް"ގެ އިތުރު ބައެއް 'ވާރިއޯ ވާސް ގެޓް އިޓް ޓުގެދާ'ގެ ނަމުގައި ވަނީ އިއުލާންކޮށްފަ އެވެ.

ނިންޓެންޑޯގެ ޝޯކޭސްގައި ވަނީ އާ މެޓްރޮއިޑް ގޭމެއް ވެސް ދައްކާލާފަ އެވެ. އަދި ސްވިޗް އަށް ނެރުނު ޒެލްޑާ ބްރެތް އޮފް ދަ ވައިލްޑްގެ ދެވެނަބައި ހިތްގައިމު ޓްރެއިލާ އަކުން ވަނީ ދައްކާލާފަ އެވެ.

އީތްރީ ގައި މަޝްހޫރު ގޭމިން ހާޑްވެއާ އުފައްދާ ކުންފުނި ކަމަށްވާ ރޭޒާއިން ވެސް ވަނީ ވަރަށް ތަފާތު ޝޯކޭސް އެއް ދައްކާލާފަ އެވެ. އެގޮތުން ރޭޒާގެ އާ ލެޕްޓޮޕް ރޭޒާ ބްލޭޑް 14 އާރްޓީއެކްސް 3080 އާއި އެކު ދައްކާލާފައިވެ އެވެ. މި ލެޕްޓޮޕްގެ ފީޗާތައް ދައްކާލަމުން ރޭޒާއިން ބުނެފައިވަނީ މި ލެޕްޓޮޕަކީ އެންމެ ތުނި ގޭމިން ލެޕްޓޮޕް ކަމަށެވެ. އަދި މި ލެޕްޓޮޕް 12 ގަޑިއިރު ވަންދެން ބެޓެރި ހިފަހައްޓާނެ ކަމަށްވެސް ރޭޒާއިން ބުންޏެވެ. 3000 ޑޮލަރަށް ވުރެ އަގު ބޮޑު މި ލެޕްޓޮޕްގެ އެންމެ ވަރުގަދަ މޮޑެލްގެ އަގު 5000 ޑޮލަރަށް އަރަ އެވެ. ރޭޒާއިން ވަނީ އާ ގޭމިން މޮނިޓަރެއް ވެސް ދައްކާލާފަ އެވެ. ރޭޒާ ރެޕްޓާއޭ ކިޔާ މި މޮނީޓަރަކީ 27 އިންޗި މޮނީޓަރެކެވެ. 1039 ޑޮލަރުގެ މި މޮނީޓަރު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޝިޕްކުރަން ފަށާނެ ކަމަށް ރޭޒާ އިން ބުނެ އެވެ.

ރޭޒާއިން ވަނީ އެކުންފުނިން އުފައްދާ އާ ސްމާޓް މާސްކް ވެސް މި އިވެންޓްގައި ދައްކާލާފަ އެވެ. އަދި އެކުންފުނިން އޭއެމްޑީ އާއި އެކު މަސައްކަތް ކުރަމުންދާ ކަމަށާއި މަސައްކަތް ކުރަނީ އިތުރަށް ވަރުގަދަ ގޭމިން ލެޕްޓޮޕެއް އުފައްދަން ކަމަށްވސް ބުނެފައިވެ އެވެ..

އިތުރު ޑިވެލޮޕަރުންވެސް އެ ކުންފުނި ތަކުގެ ޕްރޮޑަކްޓްތައް ދައްކާލާފައިވެ އެވެ. އަދި ކުރީގެ އީތްރީ އާއި އެއްގޮތަށް ވަރަށް ބައިވަރު އާ ގޭމްތަކެއް ވެސް ވަނީ ދައްކާލާފަ އެވެ. ނަމަވެސް މިފަހަރު އެންމެ ވަރުގަދަކޮށް ޝޯކޭސްް ދައްކާލައިފައިވަނީ، މައިކްރޮސޮފްޓް، ނިންޓެންޑޯ އަދި ރޭޒާ އެވެ.

މިއަހަރުގެ އީތްރީގައި ވާޗުއަލް ޝޯކޭސްތައް ދައްކާލާފައިވިޔަސް މިއަންނަ އަހަރުގެ އިވެންޓް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އީތްރީ އިފްތިތާހު ކުރަމުން އެލްއޭގެ މޭޔާ އެރިކް ގާސެޓީ ވަނީ ވިދާޅުވެފަ އެވެ.