ކުއްޖަކު އުފަންވާތާ ހަތް ދުވަސް ތެރޭ އެކުއްޖަކު ރަޖިސްޓްރީކުރަން ޖެހޭ ގޮތް ހަދަން ބިލެއް ހުށަހަޅައިފި އެވެ.
އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ބިލުގެ ބޭނުމުގެ ތެރޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއެކު މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި މަރުވާ މީހުން ރަޖިސްޓްރީ ކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.
ބިލުގައިވާ ގޮތުން ކުއްޖާ އުފަންވާތާ ހަތް ދުވަސް ތެރޭގައި ރަޖިސްޓްރީކުރަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން މައިންބަފައިންނަށް ލާޒިމް ވާނެ އެވެ. އަދި އާންމުކޮށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި ރައްޔިތަކަށް ލިބިފައިވާ ކުއްޖެއްނަމަ ރާއްޖެ އަންނަތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
އޭގެ އިތުރުން ގަވައިދާ ހިލާފަށް ގަސްދުގައި ފޫޅުމާ ފޯމެއް ނުވަތަ އުފަންވުމުގެ ރަޖިސްޓްރީއެއް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓެއް ނުވަތަ އައިޑީކާޑެއް ހައްދައިދީފިނަމަ 15،000 ރުފިޔާއާއި 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.