އަލީ ވަހީދު

އަލީ ވަހީދުގެ ޝަރީއަތް ކެންސަލް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބާއްވަން ހަމަޖެހިފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު އަވަސްއަށް ވިދާޅުވީ އަލީ ވަހީދުގެ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށް ޕީޖީ އޮފީހަށް އަންގާފައިވާ ކަމަށެވެ. ސަބަބަކަށް ކޯޓުން ބުނެފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދަން އަލީ ވަހީދުގެ ފަރާތުން ކޯޓަށް ސިޓީއެއް ލިބިފައި ވާތީ އާއި އޭނާގެ ފަރާތުން މެޑިކަލް ޑޮކިއުމެންޓްތަކެއް ހުށަހަޅާފައި ވާތީ އެވެ.

ކެންސަލްވި މި ޝަރީއަތް ދެން ބާއްވާނެ ދުވަހެއް ނޭންގޭ ކަމަށް ޝަފީއު ވިދާޅުވި އެވެ. މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ވީޑިއޯ ކޯލެއް މެދުވެރިކޮށް އަލީ ވަހީދު ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް ހުށަހަޅުއްވާފައި ވީނަމަވެސް އެއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ނޫނެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

މިއަދު ބާއްވަން ހަމަޖެހުނު އަޑުއެހުމަކީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބާއްވާ އަޑުއެހުމެއް ނަމަވެސް މަތީ ކޯޓުތަކުގެ ނިންމުންތައް ހުރި ގޮތުން މި އަޑުއެހުމުގައި ކުރިއަށް ގެންދާނީ އަލީ ވަހީދުގެ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން އެދިފައިވާ ބައެއް ކަންކަމުގައި ގޮތް ނިންމުން ކަމަށް ބެލެވޭ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވެ އެވެ.