ހުސައިން ޝަހީމް

މަޖިލީހަށް ޖަނަވާރުންގެ ސިއްހަތު ބިލެއް

Jun 10, 2021
2

ޖަނަވާރުގެ ސިއްހަތާބެހޭ ބިލުގެ ނަމުގައި އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުން ސްޕޮންސާ ކޮށްފައިވާ މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ.

މި ބިލް ހުށަހެޅީ ރާއްޖެއަށް ޖަނަވާރާއި، ޖަނަވާރަށް ހާއްސަ އުފެއްދުންތަކާއި ޖަނަވާރުންގެ ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށެވެ. އަދި ރާއްޖޭގައި ދެމެހެއްޓެނިވި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، ޖަނަވާރު ވިއްސައި އާލާކުރުމަށް މަގުފަހިކުރާށެވެ.

ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމާ ގުޅޭ އުސޫލުތަކާއި، ޖަނަވާރަށާއި ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި، އެނޫންވެސް ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލު ކުރަންވީ ގޮތް ކަނޑައަޅަން ބޭނުންވާ ގާނޫނީ އޮނިގަނޑު މި ބިލުގައި ވެއެވެ.

މި ބިލް ފާސްވެ ގާނޫނަކަށް ވުމުން އާންމު ގަވައިދުތަކާބެހޭ ގާނޫނުގެ ދަށުން މިހާރު ގާނޫނީ ބާރު ދީފައިވާ "ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވައިދު 2008" އާއި "ދިވެހިރާއްޖެއަށް ދޫނި އެތެރެ ކުރުމާ ބެހޭ ގަވާއިދު 2012" ގެ ގަވައިދުގައިވާ މުހިއްމު ބައިތައް ބިލްގައި ހިމެނި އަލަށް ހަދާ ގާނޫނުގެ ދަށުން އެ ދެ ގަވައިދަށް ވެސް ގާނޫނީ ބާރު ލިބޭނެ އެވެ.

ބިލްގައި މިނިސްޓްރީ އާއި ކައުންސިލްތަކުގެ ދައުރާއި، ގާނޫނު ތަންފީޒީ ކުރާނެ ދާއިރާ އާއި، ޖަނަވާރު ގެންގުޅޭ ތަންތަން ބަލައި ފާސް ކުރެވޭނެ އުސޫލާއި، ޖަނަވާރު އިމްޕޯޓް ކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވެއެވެ. ޖަނަވާރު އެކްސްޕޯޓް ކުރުމާއި ރީ އެކްސްޕޯޓް ކުރުމާއި ޓްރާންސިޓް ކުރެވޭނެ ގޮތްތަކާއި ޖަނަވާރު ނައްތާލެ ގޮތްތަކާއި ޖަނަވާރުތަކަށް ޖެހޭ ބަލި ކޮންޓްރޯލް ކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި ގާނޫނާ ހިލާފުވުމުން ފިޔަވަޅު އެޅޭނެ ގޮތްތަކާއި އަދަބެއްގެ ގޮތުގައި ޖޫރިމަނާކުރެވޭނެ ގޮތްތައް ވެސް ބިލްގައި ވަނީ ހިމަނާފަ އެވެ.

އެގާރަ ބާބާއި 78 މާއްދާ ހިމެނޭ މި ބިލް މަޖިލީހަށް މިހާރު ވަނީ ތައާރަފު ކޮށްފަ އެވެ.