މުހައްމަދު އަސްލަމް

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭ ވަރަށް ދޫދޭނެ: އަސްލަމް

މާލެ ސިޓީ ކައުންސިލުން އެދޭ ކަންކަމުގައި ދޫ ދެއްވޭނީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒު ކުރެވެން ހުރި މިންވަރަކަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަވަސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. ނަމަވެސް ކައުންސިލުން ވެސް ބައެއް ކަންކަމުގައި ދޫދިނުން ތަކެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.

"ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ވަރަކަށް އަޅުގަނޑުމެން މިތިބީ ދޫދޭން. މާލެ ސިޓީ ކައުންސިލުން ވެސް ޖެހޭނެ ސަރުކާރުގެ ސިޔާސަތުތަކެއް ހުންނާނެ ކަމާއި އެކަންކަން ވެސް ކުރަންޖެހޭނެ ކަމަށް ގަބޫލު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކައުންސިލުން ތަންފީޒު ކުރަން ބޭނުންވާ ބައެއް ސިޔާސަތުގެ ވާހަކަ އަޑު އިވެނީ މީޑިއާ އިން ކަމަށެވެ. ކައުންސިލްގައި މިހާރު ތިއްބެވި ބޭފުޅުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ އިތުރުން ކައުންސިލްގެ އިތުރު މަސައްކަތްތަކެއްގެ ވާހަކަ މިހާރު މީޑިއާއިން ފެންނަ ކަމަށެވެ. އެފަދަ އެއް ކަމެއްގެ ގޮތު މާލޭގެ އިންޑަސްޓްރިއަލް ވިލެޖަށް މާލެ ތެރޭގައި ހިންގާ ގުދަންތަކާއި ވޯކްޝޮޕްތަކާއި ގަރާޖު ފަދަ ތަންތަން ބަދަލު ކުރަން ކުރާ މަސައްކަތް އަސްލަމް ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުުރަން ސިޓީ ކައުންސިލުން ގެންގުޅޭ ސިޔާސަތުގެ އެއްވެސް ކަމެއް އަދި މިނިސްޓްރީއާ ހިއްސާކޮށްފައި ނެތް ކަމަށެވެ. ސަރުކާރުގެ މައިގަނޑު ވިސްނުމަކީ މާލެގައި ހިންގާ ގުދަންތަކާއި ވޯކްޝޮޕް ފަދަ ތަންތަން ގުޅިފަޅަށް ބަދަލުކޮށް ސިނާއީ އެ ސަރަހައްދު ކޮމިއުނިޓީ ރެކްރިއޭޝަނަލް ތަނެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށެވެ.

"ދެން މުއިއްޒު ސިޓީ ކައުންސިލުން ހުށަހެޅީމާ އަޅުގަނޑުމެން ވާހަކަ ދައްކާނަން. ދޫ ދެވެން އޮތް ހިސާބަކަށް ދޫދޭނެ. އެކަމަކު ސަރުކާރުގެ ވެސް ސިޔާސަތުތަކެއް ހުންނާނެ،" އަސްލަމް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމާ މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ ސިޔާސަތާ ފުށު އަރާ މައިގަނޑު ތިން ނިންމުމެއް ނިންމާ މިހާތަނަށް އިއުލާން ކޮށްފައިވެ އެވެ. އެގޮތުން ގުޅިފަޅުގައި ޕޯޓެއް ތަރައްގީކޮށް ކޮންމެވެސް އަދަދަކަށް ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވީ ނަމަވެސް މާލެ ސިޓީ ކައުންސިލުން ބޭނުން ވަނީ ގުޅިފަޅަކީ މީހުން ދިރިއުޅެން ހާއްސަ ރަށަކަށް ހަމަޖައްސާށެވެ. ހުޅުމާލެއާ ގުޅާލާފައިވާ ފަރުކޮޅުފުށި ހެރިޓޭޖަށް ހާއްސަ ރަށެއްގެ ގޮތުގައި ހަމަޖައްސާ ޓޫރިޒަމާ ގުޅިން ހުރި މަސައްކަތްތަކެއް ވެސް އެރަށުގައި ކުރަން ސަރުކާރުން ނިންމާފައިވާއިރު މާލެ ސިޓީ ކައުންސިލުން ވަނީ ފަރުކޮޅުފުށްޓަކީ ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފަ އެވެ. އަދި މާލޭގެ ސިނާއީ ސަރަހައްދަކީ އާންމުންގެ އިޖުތިމާއީ ބޭނުން ތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ ސަރަހައްދަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރާއިރު މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ އެ ސަރަހައްދު ސިނާއީ މަސައްކަތްތަކަށް ހާއްސަ ކުރާށެވެ.