ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)ގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގައިވާ ހުރިހާ ތުހުމަތެއް ހައުސިން ޑިވެލޮޕްމެޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަމާޒުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއްގެ އިތުރުން ބަންދު މުރާޖައާ ކުރުމެވެ.
އަންމަޓީ އަށް ވަކީލަކު އަދި އައްޔަނުވެފައި ނުވާތީ ބަންދު މުރާޖައާ ކުރުމުގެ ބައި މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭނާ އަށް ވާހަކަދައްކަން ދިން ފުރުސަތުގައި އެޗްޑީސީ އަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން އެންމެ ފުރަތަމަ ވެސް އަަންމަޓީ ބުނީ "އިއްޒަތްތެރި ގާޒީ ދައުލަތުން އެހަދަނީ ހުސް ދޮގު" ކަމަށެވެ. އެއްވެސް ރައްޔިތަކަށް ސީލައިފް ކުންފުނިން ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.
އޭނާ ބުނީ މި މައްސަލައިގައި ސީލައިފް ކުންފުންޏާއި އެޗްޑިސީއާއި ދެމެދު ހަދާފައިވާ އެގްރިމެންޓާ ހިލާފުވެފައިވަނީ އެ ކުންފުނިން ނޫން ކަމަށެވެ. އެގްރިމެންޓާ ހިލާފުވެފައި ވަނީ އެޗްޑީސީން ކަމަށް ތަކުރާރުކޮށް އޭނާ ބުންޏެވެ.
ސީލައިފް ކުންފުނީގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ނަގާފައިވަނީ އެޗްޑީސީން ކަމަށާއި އެކަން ކޮށްފައިވަނީ އެއްބަސްވުން އުވާވެސް ނުލަނީސް ކަމަށްވެސް ބުނެފައިވެ އެވެ.
"އެޗްޑީސީން ތަކުރާރުކޮށް އެގްރިމެންޓާ ހިލާފުވެގެން ކޯޓުން ކުރިން ވަނީ ހުކުމް ވެސް ކޮށްފަ. ސީލައިފަކުން އެއްވެސް ފަރާތަކަށް ހިޔާނާތްތެރިވެފައެއް ނުވާނެ. އެފައިސާ ނުދެވި ހުރީ އެޗްޑީސީން ހުއްދަ ނުދީގެން،" އަންމަޓީ ބުންޏެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.
ދައުލަތުގެ ތުހުމަތުތަކާ ގުޅިގެން އަންމަޓީ ބުނީ މިއީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކުރިއަށް ގެންދާ ޝަރީއަތެއް ކަމަށެވެ.
ބަންދަށް އިތުރު ހަތް ދުވަސް
އަންމަޓީގެ ބަންދާ މެދު ދައުލަތުން ދެކޭ ގޮތާ މެދު ގާޒީ ހަސަން ސައީދު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް އެދޭ ކަމަށެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތުން އޭނާ ފިލައިގެން ގޮސްފާނެ ކަމަށް ނުވަތަ ދެން ކޯޓަށް ހާޒިރު ނުވެދާނެތީ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދުނީ ކަމަށްވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި އޭނާގެ މައްޗަށް ތުހުމަތުކުރާ މިންވަރަށް ހެއްކާއި ގަރީނާ އެބަހުއްޓެވެ. މީގެ އިތުރުން އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި ގިނަ ހެކިންނަކީ ސީލައިފްގެ މުވައްޒަފުންނަށް ވާއިރު އަންމަޓީ އާއި އެ މުވައްޒަފުންނާ ގުޅުން އޮންނަ ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
މީގެ އިތުރުން އަންމަޓީ ކުށުގެ އަމަލުގައި ބައިވެރިވި ގޮތަށް ބަލާއިރު އޭނާ މިއަމަލު ހިންގާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެގެން ކަމަށާއި އަމަލު ހިންގާފައިވަނީ ކުންފުނީގެ އެތެރޭގައި ކުރަންޖެހޭ ކަންކަން ނުކޮށް ދެން ތިބި ޑިރެކްޓަރުންނާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް ވެސް ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ. އެހެންކަމުން އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އަންމަޓީ ބުނެފައިވަނީ ސީލައިފް ކުންފުނީގައި މިހާރު މުވައްޒަފުން ނެތް ކަމަށާއި މައްސަލަ ދިމާވި ހިސާބުން އެމީހުން އެހެން ތަންތަނަށް ވަޒީފާ ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ މީގެ ކުރިން ފިލައިފައި ނުވާނެ ކަމަށާއި ލަންކާގައި ދިރިއުޅުނީ އޭނާގެ އަންހެނުންނަކީ ލަންކާ މީހަކަށް ވާތީ ކަމަށްވެސް ބުންޏެވެ. ލަންކާއަށް ދިޔައީ މައްސަލަ ފެންމަތިވުމުގެ ކުރިން ކަމަށާއި ލަންކާގައި ހުރިއިރު ފުލުހުންނާއި އަދި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި ބަރާބަރަށް މުއާމަލާތް ކުރި ކަމަށްވެސް ބުންޏެވެ. އެހެންވެ އޭނާ އަކީ ދައުލަތަށް ފިލައިގެން އުޅޭ މީހެއް ކަމަށް ނުބެލެވޭނެ ކަމުގައިވެސް ބުންޏެވެ.
"ރައީސް އޮފީހަށް ކަން ހިނގައިދިޔަ ދުވަހު ސިޓީއެއް ފޮނުވިން. ރައީސް އޮފީހުން އަޅުގަނޑަށް ދިން ޖަވާބުގައި ވެސް ބުނެފައިވަނީ އެޗްޑީސީން އެއްބަސްވުމާ ހިލާފުވި ކަމަށް. އަޅުގަނޑު ދައުލަތަކަށް ނުފިލަން." އަންމަޓީ ބުންޏެވެ.
އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނީ ކީއްވެގެން ކަން އެނގޭތޯ އަންމަޓީއާ ގާޒީ ސުވާލުކުރެއްވި އެވެ. ޖަވާބުގައި އަންމަޓީ ބުނީ ނޯޓިސް ނެރުނީ ފޯޖު ޑޮކިއުމެންޓެއްގެ މައްސަލައިގައި ކަމަށެވެ. އެއީ އިންވެސްޓަރަކު ހެދި ޑޮކިއުމެންޓެއް ކަމަށާއި އެއްބަސްވުމާ އެކު އެ ޑޮކިއުމެންޓް ބެންކަށް ހުށަހެޅީ އެހެންވެސް ކަމަށްވެސް އަންމަޓީ ބުންޏެވެ. އެކަމަކު އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ.
"މި މައްސަލަ ޕޮލިހަށް ހުށަހެޅީ އެކި މީހުންގެ އަތުން ގެދޮރު އަޅައިދޭނެ ކަމަށް ބުނެ ފައިސާ ނަގައިގެން. އެ މައްސަލައިގެ ހޯދުންތައް ހޯދިއިރު ދައުވާކޮށްފައި މިވަނީ ސައްހަ ނޫން ޑޮކިއުމެންޓެއް އޮވެގެންނެއް ނޫން." ދައުލަތުން ބުންޏެވެ.
އަންމަޓީއަށް އަދި ވަކީލަކު ހަމަޖެހިފައި ނުވާތީ ގާޒީ ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފަ އެވެ. ދެން ބަންދު މުރާޖައާ ކުރުން ކުރިއަށް ގެންދާނީ އަންމަޓީ އެދިފައިވާ ފަދައިން ވަކީލުންނާ އެކުގައި ކަމަށްވެސް ގާޒީ ވަނީ ނިންމަވާފަ އެވެ.
ވަކީލުން އައްޔަނުކުރަން ފަސް ދުވަސް
ސީލައިފް އެމްޑީ އަންމަޓީގެ މައްޗަށް 42 ދައުވާ އެއް ދައުލަތުން އުފުލާފައިވާއިރު ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލުންނާ އެކު ކަމަށް ކޯޓުގައި އަންމަޓީން ބުންޏެވެ. ވަކީލުން ތިބި ނަމަވެސް އަދި ވަކި މީހަކު ހަމަޖައްސާފައި ނުވާ ކަމަށް އަންމަޓީ ބުނުމާ ގުޅިގެން ގާޒީ ވަނީ އޭނާއަށް ވަކީލުން އައްޔަނުކޮށް ކޯޓަށް އެކަން އަންގަން ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މިއަދުގެ އަޑުއެހުމަށް ވަކީލުން ހަމަޖެއްސިފައި ނުވަނީ މިއަދު ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެކަން ކުރިން އެނގިފައި ނުވާތީ ކަމަށްވެސް އަންމަޓީ ބުނެފައިވެ އެވެ. އޭނާ އަކީ ބަންދުގައި ހުންނަ މީހެއް ކަމުން އެކަން އެނގުނީ މިއަދު ކަމަށްވެސް ބުންޏެވެ.
ޕީޖީ އޮފީހުން އަންމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.