ޓެކްނޯލޮޖީ

އެއާޕީކް އެސްވަން: ވަރަށް ޕްރޮފެޝަނަލް

އެއާޕީކް އެސްވަން ވަނީ މިއަހަރު ޖެނުއަރީ މަހުގައި ބޭއްވި ސީއީއެސް 2021 ގެ ތެރޭގައި ދައްކާލާފަ އެވެ. ނަމަވެސް އެ އިވެންޓްގައި މި ޑްރޯނާބެހޭ އިތުރު މައުލޫމާތު ދީފައެއް ނުވެ އެވެ. މިހާރު މިވަނީ މި ޑްރޯންގެ ފުރިހަމަ މައުލޫމާތުތަކާއި، އިންނަ ގޮތާއި އަގު ހާމަ ވެފައެވެ.

ޖޫން 10 ވަނަ ދުވަހު ސޮނީން ވަނީ ޔޫޓިއުބަށް މި ޑްރޯނާ ބެހޭ ދެ ވީޑިއޯއެއް އަޕްލޯޑްކޮށް އާންމުންނަށް ޑްރޯން ވަނީ ދައްކާލާފަ އެވެ. މި ޑްރޯނުގައި ހިމެނޭ ހުރިހާ އެއްޗެއް ވެސް ޑިޒައިންކޮށްް އުފައްދައިފައި ވަނީ ސޮނީންނެވެ. އިތުރު އެއްވެސް ކުންފުންޏެއްގެ އެއްވެސް ބައެއް ބޭނުންކޮށްފައެއް ނުވެ އެވެ،

ސޮނީން ބުނާ ގޮތުގައި މިގޮތަށް ޑްރޯން އުފެއްދުމުން ހުރިހާ ބައެއްގެ ފެންވަރު ކޮންޓްރޯލް ކުރެވި ފުރިހަމަ އުފެއްދުމެއް ޔަގީންކަމާއިއެކު ފޯރު ކޮށް ދެވޭނެ އެވެ. މި ޑްރޯން ޑިޒައިން ކޮށްފައިވާ ގޮތުން ޑްރޯންގެ "ގިމްބަލް" އަށް ސަޕޯޓް ކުރާނީ ސޮނީގެ ކެމެރާތަކެވެ.

ޑްރޯންއަށް ސަޕޯޓްކުރާ ކެމެރާ މޮޑެލްއަކީ ސޮނީގެ އަލްފާ ސީރީޒްގެ ކެމެރާ މޮޑެލްތަކެވެ. އަދި ސޮނީން ބުނި ގޮތުގައި މި ޑްރޯނާއެކު މި ކެމެރާތައް ބޭނުން ކޮށްގެން އާދަަޔާއި ހިލާފަށް ރީތީ މަންޒަރުތައް އެކި އަލިތަަކުގައި ނެގޭނެ އެވެ. އަދި ޕްރޮފެޝަނަލް ގްރޭޑްގެ މި ޑްރޯން ވިޔަފާރީގެ ބޭނުމަށާއި އިންޑަސްޓްރިއަލް ބޭނުންތަކަށް ވެސް ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން ސޮނީން ދެއެވެ.

ޑްރޯންގައި ހިމެނޭ ސެންސާތަކާއި ޑިޒައިން ކުރެވިފައިވާ ގޮތުން އެހެން ޑްރޯންތަކާއި ހިލާފަށް ބާރު ވައިގައި ވެސް އުނދަގުލަކާއި ނުލާ ބޭނުން ކުރެވޭނެ އެވެ. އަދި ޑްރޯންގައި ހިމެނޭ ސެންސާތަކުން އޭގެ ސްޓެބިލިޓީ ވަރުގަދަކޮށް ރިކޯޑު ކުރުންތައް ރީތި ކޮށްދޭނެ އެވެ.

މި ޑްރޯންގެ ހުރިހާ ފީޗާތަކާއި، ކޮންޓްރޯލާ އަދި ކެމެރާ، އެއާޕީކް ފްލައިޓް އެޕް މެދުވެރިކޮށް ބޭނުންކޮށް ކޮންޓްރޯލް ކުރެވޭނެ އެވެ. ކެމެރާ އަދި ޑްރޯންގެ ސެޓިންތައް ހެދުމަށް ވެސް މި އެޕްލިކޭޝަން ބޭނުން ކުރެވޭނެ އެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ޑްރޯންއާއި ކޮންޓްރޯލާ އެއްވަގުތެއްގައި ވަކިން ކޮންޓްރޯލް ކުރެވޭނެ އެވެ.

ސޮނީގެ މި ޑްރޯން މާކެޓަށް ނެރެ ވިއްކަން ހަމަޖެހިފައި ވަނީ 9000 އެމެރިކާ ޑޮލަރަށެވެ. މިއީ ހަމައެކަނި ޑްރޯންގެ އަގެވެ. ޑްރޯންއާއި އެކު ބޭނުންކުރާ ގިމްބަލް އަދި ކެމެރާ އެއީ ވަކިން ހޯދަން ޖެހޭނެ އެވެ.