އެމްއެމްއޭ

ވިސާއިން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ އުސޫލު ފަސްކޮށްފި

Jun 10, 2021
1

ރާއްޖޭގައި ވިސާ ކާޑު ތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ހަދަން ނިންމި އުސޫލަށް އަމަލު ކުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދެވަނަ ފަހަރަށް ފަސް ކޮށްފި އެވެ.

އެމްއެމްއޭ އިން ކުރިން ބުނީ ރާއްޖޭގެ ބޭންކު ތަކުން ދޫކުރާ ވިސާ ކާޑުތަކުން މިދިޔަ މަހުގެ 15 އިން ފެށިގެން ޓްރާންސެކްޝަންތައް ހިންގޭނީ ދިވެހި ރުފިޔާއިން ކަމަށެވެ. ނަމަވެސް އެމްއެމްއޭ އިން ވަނީ އެކަން ފަސްކޮށް އެއަށް އަމަލު ކުރުން އޮގަސްޓް 15 އިން ނިޔަލަށް ދަމާލާފަ އެވެ.

މިފަހަރު ފަސްކޮށް ކުރުމާއެކު މިއީ އެމްއެމްއޭ އިން މި އުސޫލު ފަސްކުރި ދެވަނަ ފަހަރެވެ.

މި ފަހަރު އެމްއެމްއޭ އިން ބުނީ މި އެންގުން ތަންފީޒު ކުރަން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންކަން ހިދުމަތްދޭ ފަރާތްތަކުން ކުރާ ކަމަށާއި އޭތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށާއި ރިސޯޓު ތަކަށް ދަތުރު ކޮށްގެން ކުރަންޖެހޭ މަސައްކަތް ތަކެއް ވެސް ހިމެނޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި އެފަދަ މަސައްކަތްތަކެއް ކުރުމުގައި ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއެމްއޭ އިން މި ބަދަލު ގެންނަނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ރާއްޖޭގައި ތައާރަފް ކުރުމުންނެވެ. ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރި ވަނީ ގައުމީ ބޭންކް، ބީއެމްއެލް އެވެ.