އިލެކްޝަންސް ކޮމިޝަން

އީސީގެ އެސްޖީ އަކަށް ހަސަން ޒަކަރިއްޔާ

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ހަސަން ޒަކަރިއްޔާ އައްޔަންކޮށްފި އެވެ.

ހަސަން މީގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އަދި މިއަދާ ހަމައަށް މިދިޔަ ދެ އަހަރެއްހާ ދުވަހު ކޮމިޝަންގެ ވަގުތީ ސެކްރެޓަރީ ޖެނަރަލްގެ ޒިންމާވެސް ނެންގެވީ ހަސަން އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައި މިވަނީ އެ މަގާމު ހުސްވެފައި އޮންނަތާ ތިން އަހަރު ފަހުންނެވެ. ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެޑިޔުކޭޝަން މިނިސްޓްރީގެ މިހާރުގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ހުސްކޮށް އޮންނަތާ ދުވަސްތަކެއް ވުމުން އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ކޮމިޝަނަށް މީގެކުރިން އަންގާފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ކޮމިޝަންގެ މެންބަރުންގެ އަގުލަބިއްޔަތުން ހޮވޭ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މިއަދު އައްޔަންކުރި ހަސަން ޒަކަރިއްޔާ ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބާއި އަދި ލޯކަލް ކައުންސިލް އިންތިހާބަށް އާންމުން ހޭލުންތެރިކުރުވުމަށާއި، އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.