ކޮލަމް

ކޯޓުތަކުގެ އިޚްތިޞާޞް ބަދަލުކުރުން: ކޮން ނަތީޖާއެއް؟

Jan 15, 2015
1

ޤާނޫނީ ގޮތުން އިޚްތިޞާޞަކީ، ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރު ހިނގާ ދާއިރާއާއި ކަންކަމެވެ. ޑްރަގް ކޯޓު ފިޔަވައި ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ހުރިހާ ކޯޓުތަކެއްގެ އިޚްތިޞާޞް ކަނޑައެޅިފައިވަނީ 21 އޮކްޓޯބަރ 2010 ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައެވެ. ޑްރަގް ކޯޓުގެ އިޚްތިޞާޞް ބަޔާންވެފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައެވެ.

ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމް ކޯޓާއި ހައިކޯޓުފިޔަވައި، ވަކިވަކި ސުޕީރިއަރ ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞްތައް ބަޔާންވެފައިވަނީ އެ ޤާނޫނުގެ ފަހަތުގައިވާ ޖަދުވަލުތަކެއް ނުވަތަ ޓޭބަލް ތަކެއްގައެވެ. މި އިޚްތިޞާޞްތަކަކީ، އުނި އިތުރު ގެނެވޭނެ ގޮތަށް އެ ޤާނޫނުގައި ފަރުމާކުރެވިފައިހުރި އިޚްތިޞާޞް ތަކެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞަށް އެއްވެސް އުނި އިތުރެއް ގެންނަން ބޭނުންވެއްޖެނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޖުޑީޝަލް ކައުންސިލްގެ އެއްބަސްވުމާއެކު، އުއްތަމަ ފަނޑިޔާރުގެ ޤަރާރަކުން އެ އުނިއިތުރެއް ގެނެވިދާނެއެވެ.

ޖުޑީޝަލް ކައުންސިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފެދުނު ކައުންސިލެއްކަމުގައި ވީނަމަވެސް، އެ ކައުންސިލާ ގުޅޭ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 82 ވަނަ މާއްދާއިން ފެށިގެން 89 ވަނަ މާއްދާގެ ނިޔަލަށްހުރި މާއްދާތައް ސުޕްރީމް ކޯޓުން 14 މާރޗް 2011 ދުވަހު އެ ކޯޓުގެ ރޫލިން އަކުން ބާޠިލުކޮށްފައެވެ. ހަމައެއާއެކު އެ ކައުންސިލުގެ މަސްއޫލިއްޔަތުތަކަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތުތަކެއްކަމުގައި ސުޕްރީމް ކޯޓުން 10 އޮގަސްޓް 2011 ގައިވަނީ އެ ކޯޓުގެ ސަރކިއުލަރއަކުން ނިންމާފައެވެ.

ކުރިން ބުނެވުނު ސުޕްރީމް ކޯޓުން ނެރެފައިވާ 10 އޮގަސްޓް 2011 ދުވަހުގެ ސަރކިއުލަރގެ 17 ވަނަ ނަންބަރުގައި ބުނާގޮތުން ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞަށް ގެންނަންޖެހޭ ބަދަލުތައް ކޯޓުތަކާބެހޭ ޤާނޫނުގައިވާގޮތުގެ މަތީން ގެނައުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެކެވެ.

ޖުޑީޝަލް ކައުންސިލާ ގުޅޭ މައްދާތައް ބާޠިލުކުރެވުނު ސުޕްރީމް ކޯޓުގެ ރޫލިންއަށާއި، އަދި ޖުޑީޝަލް ކައުންސިލުގެ މަސްއޫލިއްޔަތުތައް އެ ކޯޓަށް ނެގި ސަރކިއުލަރއަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެއް މާނައެއްގައި ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞަށް މިހާރު އުނިއިތުރު ގެނެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ސުޕްރީމް ކޯޓުގެ އެއްބަސްވުމާއެކު، އުއްތަމަ ފަނޑިޔާރުގެ ޤަރާރަކުންކަމަށް ބެލެވިދާނެއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާއަކީ، އެ މާއްދާގެ ޞައްޙަކަމާމެދު މިއަދާ ހަމައަށް އެއްވެސް ސުވާލެއް އުފެދިފައިވާ މާއްދާއަކަށް ނުވެފައި، އެއްވެސް ކޯޓަކުން އެ މާއްދާގެ ޞައްޙަކަމާމެދު ގޮތެއް ނިންމާފައިނުވާތީ، ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞަށް އުނިއިތުރެއް ގެނެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޖުޑީޝަލް ކައުންސިލުގެ އެއްބަސްވުމާއެކު އުއްތަމަ ފަނޑިޔާރުގެ ޤަރާރަކުންނެވެ. ސުޕްރީމް ކޯޓުގެ ސަރކިއުލަރއަކުން ނޫނެވެ. ޤަރާރާއި، ސަރކިއުލަރއަކީ އިދާރީ ޤާނޫނުގައި (އެޑްމިނިސްޓްރޭޓިވް ލޯގައި) މުޅިން ދެ އިޞްޠިލާހެކެވެ. އެ ދެއެތީގެ ޤާނޫނީ ބާރުވެރިކަމުގައިވެސް ތަފާތު ހުންނަ އެއްޗެކެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 (ނ) ގައިވާ ގޮތުން، ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞަށް ޤާނޫނުގައިވާ ގޮތުގެ މަތިން ގެނެވޭ އުނިއިތުރަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އުނިއިތުރެއް ޝާއިޢުކުރުމަށްފަހުގައެވެ.

ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިޚްތިޞާޞަށް ސުޕްރީމް ކޯޓުން ބަދަލު ގެނެސްފައިވަނީ އެ ކޯޓުން 08 ޖެނުއަރި 2015 ދުވަހު ނެރެފައިވާ އެ ކޯޓުގެ ނަންބަރު 2015/02/SC ސަރކިއުލަރއިންނެވެ. މި ސަރކިއުލަރގައިވާ ގޮތުން މި ބަދަލުގެނައުމުގެ ބޭނުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން، އެއްވެސް ތަފާތުކުރުމެއްނެތި، ފަސޭހަކަމާއެކު، ރައްޔިތުންނަށް އިންސާފާ ހަމައަށް ވާސިލުވުން ކަށަވަރުކޮށްދިނުމެވެ. މި ސަރކިއުލަރ އަށް ޢަމަލުކުރަންފަށާނީ 15 ފެބްރުއަރީ 2015 ދުވަހުއެވެ.

ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ އިޚްތިޞާޞްއަށް މި ގެނެވުނު ބަދަލަކީ އެދެވޭ ރަނގަޅު ބަދަލެކެވެ. އެހެން ނަމަވެސް، މި ބަދަލުގެ ނަތީޖާ އެދެވޭ ގޮތެއްގައި ނުފެނިދާނެ ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، މި އިޚްތިޞާޞްއަށް އުނި އިތުރު ގެނެވުނު ދެ ކޯޓުން މި އިޚްތިޞާޞްއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ދީފައިވާ މުހުލަތު ކުރުވުމެވެ. މިކަން ވަކިން ޚާއްޞަކޮށް ފެމިލީ ކޯޓަށް ތަހައްމަލުކުރެވޭނެއެވެ. ސަބަބަކީ އެ ކޯޓުގެ އިޚްތިޞާޞްގެ ތެރެއަށް ތަރިކައިގެ މައްސަލަތަކާއި، ހިބައާއި، ވަޞިއްޔަތާއި، މައިންބަފައިން ގެދޮރަށް ވެއްދުމުގެ މައްސަލަތައް އިތުރުވުމެވެ. މިފަދަ ތަޖުރިބާއެއް ކުރަންޖެހުނު އެއް ދަނޑިވަޅަކީ ޑްރަގް ކޯޓު އުފެދި ކްރިމިނަލް ކޯޓުގައި ހުރި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ މައްސަލަތައް އެ ކޯޓަށް ބަދަލުކުރެވުނު ދަނޑިވަޅެވެ. އެކަމަށް ޤާނޫނުގައި 30 ދުވަހުގެ މުހުލަތު ދެވުނުއިރު، އެ މުހުލަތުގެ ތެރޭގައި އެކަން ނުކުރެވުނެވެ.

މި އިޚްތިޞާޞްގެ ނަތީޖާ ނުކުތުން ދުރު ދެވަނަ ސަބަބަކީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމެވެ. ފެމިލީ ކޯޓުގެ ޝަރީޢަތްކުރާ މަޖިލިސްތަކަކީ، ނުހަނު ދަތި މަޖިލިސްތަކެކެވެ. އާދައިގެ ވަރަކަށް ފަލަ ދެ މީހަކު އެއިން މަޖިލިހަކަށް ޙާޟިރުކުރެވިއްޖެނަމަ، އެ ދެމީހުން އެކަކު އަނެކެއްގެ ގައިގައި ނުޖެހި ނުތިބެވޭފަދަ މަޖިލިސް ތަކެކެވެ. ހަމައެއާއެކު، ފެމިލީ ކޯޓަކީ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ހުށަހެޅޭ ކޯޓަށްވެފައި، އައު އިޚްތިޞާޞްތަކެއް ލިބިގެންދާއިރު ފަނޑިޔާރުންގެ ދަތިކަން ފޯރާނެއެވެ.

ތިންވަނަ ސަބަބަކީ، ކޯޓުތައް އިންތިޒާމުވެފައިވާ ގޮތުން ހުރިހާ ގައުމެއްގައިވެސް އެންމެ ދަށު މަރުޙަލާގެ ކޯޓުތަކަކީ އެންމެ މަސައްކަތްބުރަ ކޯޓުުތަކެވެ. ސަބަބަކީ އެ ކޯޓުތަކުގެ ޠަބީޢަތުން އެއީ މައްސަލަތަކުގެ ފެކްޓް ފައިންޑިންގ (މައްސަލައިގެ ކަންކަން ސާބިތުކޮށް ނަފީކުރާ) ކޯޓުތަކަށްވުމެވެ. މިހެން ކަންކަން ހުރުމާއެކު ހުރިހާ ގައުމެއްގައިވެސް ދަށު ކޯޓުތަކަކީ ވަކި އިޚްތިޞާޞްތަކެއް ކަނޑައެޅިފައިވާ އަދި އެ އިޚްތިޞާޞްއާ ގުޅޭ ގޮތުން ޚާއްޞަ ތަމްރީނުތަކެއް ލިބިފައިވާ ފަނޑިޔާރުންތަކެއް މަސައްކަތްކުރާ ކޯޓުތަކެކެވެ. ސުޕްރީމް ކޯޓުން ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިޚްތިޞާޞްއަށް މި ގެނައި ބަދަލުގެ ސަބަބުން ފެމިލީ ކޯޓުގެ ފަނޑިޔާރުން ތަރިކައާއި ހިބައާއި، ވަސިއްޔަތާއި، މައިންބަފައިން ގެދޮރަށް ވެއްދުމުގެ މައްސަލަތާގުޅޭ އިޖުރާއާތާއި، ފަންނީ އެންމެހައި ތަމްރީނު ހޯދުމަށް ދެވިފައިވާ މުއްދަތަކީ ނުހަނު ކުރު މުއްދަތެކެވެ.

މަތީގައިވާ ސަބަބުތައް އެހުރިގޮތަށް ހުރުމާއެކު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން، އެއްވެސް ތަފާތުކުރުމެއްނެތި، ފަސޭހަކަމާއެކު، ރައްޔިތުންނަށް އިންސާފާ ހަމައަށް ވާސިލުކުރުވުމަށްޓަކައި، ސުޕްރީމް ކޯޓުން ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިޚްތިޞާޞްއަށް މި ގެނެވުނު ބަދަލަކީ ކައިރި މުސްތަގުބަލެއްގައި އެދެވޭ ނަތީޖާ ނުކުންނާނެ ބަދަލުތަކެއް ނޫނެވެ. އަދި އިޚްތިޞާޞް ބަދަލުކުރުމުގައި އަމަލުކޮށްފައިވާ ގޮތަކީ ޤާނޫނުގައި އެކަށައެޅިފައި އޮތްގޮތެއްވެސް ނޫނެވެ.