އެމްއެންޑީއެފް

ވަކިވަކި ސިފައިން ހާޒިރުކުރާތީ އެމްއެންޑީއެފުން ކަންބޮޑުވުން ފާޅުކޮށްފި

ރައީސް މުހައްމަދު ނަޝީދަށް ސިފައިން ފޯރުކޮށްދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވެ، އެމަނިކުފާނަށް ހަމަލާ ދެވުނު ގޮތް ބެލުމަށް ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ހާޒިރުވާން އަންގާތީ ކަންބޮޑުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމި މައްސަލާގައި މަޖިލީހަށް އެމްއެންޑީއެފުން ކުރިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތް ބަލަން ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އާއި ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލޭނެ ކަމަށެވެ. ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ގައުމީ ސަލާމަތަށް ފޫ ނުބެއްދޭވަރުގެ ނުރައްކާ ކުރިމަތި ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނިކުންނަންޖެހޭ ބައެކެވެ.

ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަ ނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހްތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދުގައި ބުނެ އެވެ.

ޑިފެންސުން ދެކޭ ގޮތުގައި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އިންނެވެ. ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ބަލައި މައްސަލައަކާ ގުޅިގެން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދާ ނަމަ އެ މައުލޫމާތެއް ސިފައިން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް އޭގެ ފަހުން ވަކިވަކި ސިފައިން އިންކުއަރީއަށް ހާޒިރުކޮށް ދަނީ ސުވާލު ކުރަމުންނެވެ.

މިކަމާއި ގުޅިގެން އަވަސް އިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ އިންކުއަރީއަށް ފުރިހަމަ އެއްބާރުލުން މުއައްސަސާގެ ފަރާތުން ދޭނެ ކަމަށް އަބަދުވެސް ބުނަމުންދާ ކަމަށެވެ. އަދި މުއައްސަސާގެ ކަންބޮޑުވުން އޮތީ ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ދާން އަންގާތީ ކަމަށް ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދެވޭ އިންކުއަރީ އަށް ފުރިހަމަ އެއްބާރުލުން މުއައްސަސާގެ ފަރާތުން ދޭނެ ކަމަށް އަބަދުވެސް ވާނީ ބުނެފައި. މުއައްސަސާގެ ކަންބޮޑުވުން އޮތީ ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ދާން އަންގާތީ. އެއީ، ސިފައިންގެ ހައިރާކީ އަދި ޗެއިން އޮފް ކޮމާންޑްގެ ބޭރުން ކަންކަން ކުރުމީ ސިފައިންގެ ޤާނޫނާއި އަސްކަރީ އުސޫލާއި ޚިލާފުކަމެއްކަމަށް ވާތީ،" އާޒިމް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ މީގެ ކުރިން ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

އެމްއެންޑީއެފުންގެ ސިޓީއާ ގުޅިގެން ބޮޑު ބަހުސެއް ފެށި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވިދާނެ ކަމާމެދު ތަފާތު ބޭފުޅުންގެ ރައުޔު ތަފާތުވިއެވެ.

ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްއެންޑީއެފަށް ނިސްބަތްވާ 29 ބޭފުޅަކާ ސުވާލުކުރަން ފުރަތަމަ މަރުހަލާގައި ލިސްޓެއް އެކުލަވާލެވުނު ކަމަށެވެ.

"....ކުރީގައި ގަސްދުކޮށްފައި އޮތީ ދަށުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކާއި ސުވާލުކުރަން. އެހެންނަމަވެސް މިހާރު މިފެށީ މަތީ ރޭންކުތަކުން. މިހެން ފަށައިގެންދާއިރު އަޅުގަނޑުމެންނަށް ބައެއް މައުލޫމާތުތައް ފަހަރެއްގައި ދަށުގެ ރޭންކުތަކުން ސުވާލުކުރީމަ ވެސް ލިބިދާނެ. އެހެންނަމަވެސް ކޮމިޓީން އެކަން ނިންމަވާ ކުރިއަށް ގެންދަވާނީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީގެ އިންކުއަރީއަށް ސިފައިންގެ އިތުރުން ފުލުހުންނާ ވެސް ސުވާލުކުރާނެ ކަމަށެވެ. އެގޮތުން ހަތް ފުލުހަކާ ސުވާލުކުރުމަށް ކޮމިޓީން މިހާތަނަށް ނިންމާފައިވާ ކަން ފާހަގަކުރެއްވި އެވެ. އެކަމަކު އެ އަދަދަށް ވެސް ބަދަލުތަކެއް އަތުވެދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މި އިންޓަވިއުތަކުން ސުވާލުތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އިތުރު ބައެއް ބޭފުޅުންގެ ފަރާތުން ވެސް [ބައެއް] ކަންކަން. އެ ކަންކަން ހިނގަމުންދާ ވަރަކުން ވެސް އަޅުގަނޑުމެން ދާނީ އަޅުގަނޑުމެން ސުވާލުކުރަން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރަމުން. ވަކި ސްޕެސިކް ވަކި އަދަދުތަކެއް ނެތޭ ސުވާލުކުރުމަށް ނިންމާފައެއް،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށްވެސް ހުށައެޅުއްވިއެވެ.

ޒަމީލުގެ މައްސަލަ ބަލަން އިމްތިޔާޒު ކޮމެޓީއަށް ފޮނުއްވުމުގެ އިތުރުން ދައުވާކޮށް ދިނުމަށް އެދި އެ މައްސަލަ ޕީޖީ އޮފީހަށް ވެސް ފޮނުއްވެވި އެވެ.

ނަމަވެސް ކޮމެޓީން އަދި ޕީޖީންވެސް ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. އެކަމާއި ގުޅިގެންވެސް އިތުރު ބަހުސްތަކެއް ވަނީ ފެށިފައެވެ.