ކުޅިވަރު

އެމްއޯސީގެ ރައީސަކަށް ޗަމްޕީ

Jun 10, 2021
1

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސަކަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިޚާބުކޮށްފި އެވެ.

ޗަމްޕީ އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދާ ވާދަކުރައްވައިގެންނެވެ.

ހެންވޭރު ބޯޅަ ގޭގައި މިއަދު މެންދުރުފަހު ބޭއްވި އިންތިހާބު ޗަމްޕީ ކާމިޔާބު ކުރެއްވީ 18 ވޯޓުގެ ތެރެއިން 11 ވޯޓު ހޯއްދަވައިގެންނެވެ. މޫސަ އަށް ލިބުނީ ހަތް ވޯޓެވެ.

އެމްއޯސީގެ ރައީސްގެ މަގާމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު (އައްޔަ) ވެސް ވާދަކުރެއްވި އެވެ. އެކަމަކު އޭނާ ވަނީ އިއްޔެ ނަން އަނބުރާ ގެންދަވާފަ އެވެ.

އެމްއޯސީގެ ނައިބް ރައީސްގެ މަގާމަށް ހޮވުނީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު އިސްމާއީލް އާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ތޮލާލް އެވެ. އަހްމަދަށް 14 ވޯޓު ލިބުނުއިރު ތޮލާލް އަށް 15 ވޯޓު ލިބިފައިވެ އެވެ.

ނޮން އޮލިމްޕިކް ސްޕޯޓްސްގެ ސްލޮޓެއްގައި އެމްއޯސީގެ ނައިބް ރައީސްގެ މަގާމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ކުރީގެ ރައީސް މުހައްމަދު ފައިސަލް ވެސް ވާދަކުރެއްވި އެވެ. އޭނާ އަށް ލިބުނީ ހަ ވޯޓެވެ.

އެޗްޕީއޭގެ ހުއްދަ ލިބިގެން އަދި ކޮވިޑްގެ ހާއްސަ ފިޔަވަޅުތަކާ އެކު ކުރިއަށް ދިޔަ އިންތިހާބުގައި ވަނީ އެމްއޯސީގައި ހިމެނޭ އޮލިމްޕިކް ކުޅިވަރުތަކުގެ ހަ ސްލޮޓަށް ވެސް މެންބަރުން ހޮވާފަ އެވެ. އެގޮތުން ހޮވުނީ ޓެނިސް އެސޯސިއޭޝަން، ބެޑްމިންޓަން އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން، ވޮލީބޯލް އެސޯސިއޭޝަން، ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި ބާސްކެޓް އެސޯސިއޭޝަނެވެ. ނޮން އޮލިމްޕިކް ކުޅިވަރުތަކުގެ ސްލޮޓަށް ހޮވުނީ ޗެސް އެސޯސިއޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަން އަދި ނެޓްބޯލް އެސޯސިއޭޝަން އެވެ.

އެމްއޯސީގެ ރައީސަކަށް ހޮވުނު ޗަމްޕީ ވަނީ އެމްއޯސީގެ މިދިޔަ ދައުުރުގައި މެންބަރުކަން ކުރައްވާފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ސްވިމިން އެސޯސިއޭޝަންގެ އިންތިހާބުގައި އޭނާ ވަނީ ތިންވަނަ ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ވެސް އިންތިހާބުކޮށްފަ އެވެ.

އެމްއޯސީގެ ރައީސްގެ މަގާމުގައި މިދިޔަ ދެ އަހަރު ހުންނެވި މުހައްމަދު ޝަވީދު މިއަހަރުގެ އިންތިހާބުގައި ވާދަކުރައްވާފައެއް ނުވެ އެވެ.