އެމްޑީޕީ

ޕާޓީ ހަލާކު ކޮށްލުމުން ދެރަވާނީ ދެ ރައީސުންނަށް: ނާޒިމް

އެމްޑީޕީ ހަލާކު ކޮށްލައިފިނަމަ އެންމެ ބޮޑު ދެރައަކާއި އަނިޔާއެއް ލިބޭނީ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ކަމަށް މަޑަލެވީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަވަސްގެ މޯނިންގް ޝޯ "ފަށަމާ" ގައި ބުރާސްފަތި ދުވަހު ނާޒިމް ވަނީ އެމްޑީޕީގެ ލީޑާޝިޕްގައި މިހާރު އޮތް ކަމަށް ބުނާ ބައިބައިވުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ނާޒިމް ވިދާޅުވީ ކުދިކުދި ކަންކަމުގައި ހިފައިގަނެގެން ހަރާބުގެ މަގަށް ކަންކަން ގެންދަން ޖެހޭ ސަބަބެއް އެއްގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަަމަށެވެ. އަދި އެކަން ރައީސް ނަޝީދާއި ރައީސް ސޯލިހަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ސިޔާސީ މަސްތުގައި ޕާޓީއަށް ގެއްލުން ދީ ހަލާކު ކޮށްލަން މަސައްކަތް ކޮށްފިނަމަ އެއީ މުޅި ގައުމަށް ދެވޭ ދެރައެއް ކަަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި އެމްޑީޕީ ހަލާކު ކޮށްލައިފިނަމަ އެންމެ ބޮޑު ދެރައަކާއި އަނިޔާއެއް ލިބޭނީ ރަައީސް ސޯލިހާއި ރައީސް ނަޝީދަށް ކަމަށް ތަކުރާރު ކުރެއްވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ދެ ރައީސުންނަށް ވެސް ވެރިކަމުގެ ގޮނޑިއާ ހަމައަށް ވަޑައިގެންނެވުނީ އެމްޑީޕީގެ ސަބަބުންނެވެ. އަދި ޖަލު އަނިޔާއިން ސަލާމަތްވުމުގެ މަގު ފަހިވީ ޕާޓީގެ އާންމު މެންބަރުންނާއި އެތައް ބައެއް މަސައްކަތުންނެވެ.

"ދެރަ ވާނީ އެ ބޭފުޅުންނަށް ޕާޓީ ހަލާކު ވެއްޖިއްޔާ، އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ދެރަވާނީ އަނިޔާ ވާނީ އެ ބޭފުޅުންނަށް. އެ ބޭފުޅުން އެ ގޮތަށް ހިޔާރު ކުރައްވާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެމްޑީޕީ އޮތީމަ އެ ދެ ބޭފުޅުން ސަލާމަތުން އެ ތިބީ، ވެރިކަން ވެސް ލިބުނީ. ރައީސް ނަޝީދު ޖަލުން ސަލާމަތްވީ ވެސް އެމްޑީޕީ އޮތީމަ. އަދި ސިޔާސީ ހުރިހާ ވެރިން ޖަލުން ސަލާމަތްވީވެސް އެމްޑީޕީ އިސްވެ އޮވެގެން،" ނާޒިމް ވިދާޅުވި އެވެ.

މެއި ހައެއްގެ ހަމަލާއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ ހަމަލާގެ ތަހުގީގުގައި ލަސްވުމެއް އޮތް ނަމަ އޮތީ ސަރުކާރާއި މަޖިލީހުގެ ތެރޭގައި އޮތް ދެބަސްވުމެއްގެ ސަބަބުން ކަމަށެވެ. ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއް ކަމަށްވެފައި އަދި ވަސީލަތްތައް މަދު ގައުމެއް ކަމުން ބައެއް ގައުމުތަކުގައި ތަހުގީގު ހިންގާ ގޮތަށް ތަހުގީގުތައް ނުހިންގިދާނެ ކަން ގަބޫލުވެސް ކުރަން ޖެހޭ ކަމަށެވެ. ތަހުގީގެއް އެއް ރެއާ އެއް ދުވަހުން ނިންމާ އަދަބު ނުދެވޭނެ ކަަން އެއީ އެންމެން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"މި ދައްކަނީ އާދައިގެ ވާހަކައެއް ނޫން. ވަރަށް ބޮޑު ވާހަކައެއް. މީގެ ވަށައިގެން ހުރި ހުރިހާ ކަމެއް ހޯދަން ޖެހޭ. ރަނގަޅު އަޅުގަނޑުމެން އެންމެން ބޭނުންވަނީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިމެން. ނަަމަވެސް މި ދައްކަނީ ދައުލަތުގެ އިންޓެލިޖެންސް ފެއިލްވެ ދައުލަތުގެ އެންމެ މަތީ ލެވެލްގައި ހުރި މީހަކަށް ހަމަލާއެއް ދިން ވާހަކަ. އެހެންވީމަ އެކަމާއި ގުޅޭގޮތުން ކުރަން ޖެހޭ ދިރާސާތައް ހުންނާނެ. ތަހުގީގީ އިދާރާތަކަށް ފުރުސަތު ދޭން ޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެންނެވޭނީ މިކަމުގައި އަވަސް އަރައިގަނެގެން އަޅުގަނޑުމެން އެމްޑީޕީ، އެންމެން އެންމެނަށް ހިފައިގަންނަ ހިސާބަކަށް އަދި ކަންތަކެއް ނުދެއޭ. އަދި ރައްޔިތުންގެ މަޖިލީސް ތެރެއިން ކުރާ މަސައްކަތީ ވެސް މި ކަމަށް ފޯކަސް ކުރެވިގެން ކުރެވޭ މަސައްކަތަކަށް ވާން ޖެހެއޭ،" ނާޒިމް ވިދާޅުވި އެވެ.

ދެރަވާނީ އެ ބޭފުޅުންނަށް ޕާޓީ ހަލާކުވިއްޔާ، އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ދެރަވާނީ އަނިޔާ ވާނީ އެ ބޭފުޅުންނަށް. އެ ބޭފުޅުން އެ ގޮތަށް ހިޔާރުކުރައްވާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެމްޑީޕީ އޮތީމަ އެ ދެ ބޭފުޅުން ސަލާމަތުން އެ ތިބީ، ވެރިކަންވެސް ލިބުނީ. ރައީސް ނަޝީދު ޖަލުން ސަލާމަތްވީވެސް އެމްޑީޕީ އޮތީމަ. އަދި ސިޔާސީ ހުރިހާ ވެރިން ޖަލުން ސަލާމަތްވީވެސް އެމްޑީޕީ އިސްވެ އޮވެގެން
މުހައްމަދު ނާޒިމް | ކުރީގެ މެންބަރު

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ކުރިއަށްް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައި ދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމުން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންގެ މެދުގައި ފެށުނު ހޫނު ގަދަ ބަހުސްގައި ރައީސް ނަޝީދު ވެސް ވަނީ ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. ސިފައިން ކޮމިޓީއަށް ހާޒިރުވުން ހުއްޓުވުމުގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވަ އެވެ. އަދި ރައީސް އެގޮތަށް މަސައްކަތް ކުރައްވާ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯވެސް ނަޝީދު ސުވާލު ކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބު އަޅުގަނޑަަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ،" ހަސަން ލަތީފް މެދުވެރިކުރައްވާ އެމްޑީޕީގެ ޕީޖީ މެންބަރުންގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވި އެވެ.

ނަޝީދުގެ ތުހުމަތުތަކާ ގުޅިގެން ރަައީސް ސޯލިހް ވިދާޅުވީ މަޖިލީހުގެ އިންކުއަރީ 241 ކޮމިޓީން ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ކަމަށާ އެކަން އެ ކޮމިޓީގެ މުގައްރިރުވެސް ޔަގީން ކޮށްދެއްވާ ކަމަށެވެ. އަދި ކޮމިޓީއަށް ސަރުކާރާއި އެމަނިކުފާނުގެ ނުފޫޒެއް ނެތް ކަމަށް މުގައްރިރު ވިދާޅުވި ކަންވެސް ފާހަގަކުރެއްވި އެވެ.

އެ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުނުވާން ނިންމި ނިންމުމަކީ ސިފައިންގެ ގާނޫނާއި އެއްގޮތަށް އެ މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އިންކުއަރީ އަށް އެމަނިކުފާނު ހުރަސް ނާޅުއްވާ ކަމަށާ އަދި ރައީސް ނަޝީދަށް އެކަން އެނގިވަޑައިގަންނަވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް [ޕާލިމަންޓަރީ އިންކުއަރީ] ހުރަސް ނާޅުއްވާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް،" ރައީސް ވިދާޅުވި އެވެ.