އަލިފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާ ދެކޮޅަށް އޭނާ ނިސްބަތްވާ އެމްޑީޕީގެ ބައެއް މެންބަރުން ކުރާ ތުހުމަަތުތަކާއި އަމާޒު ކުރާ ފާޑުކިޔުންތަކާ ގުޅިގެން ބިގޭގެ ދިފާއުގައި އޭނާގެ ކޮއްކޮ އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ވާހަކަފުޅު ދައްކަވައިފި އެވެ.
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ކޮމިޓީން ބޭރު ކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މުހައްމަދު ރަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މެންބަރު އީވާ ތުހުމަތު ކުރައްވާ ގޮތުގައި ކޮމިޓީން އެ މައްސަލަ ބޭރު ކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ވޯޓު ދެއްވީ މުހައްމަދު ރަޝީދު އެ މެންބަރުންނަށް ފޯނު ކުރައްވާ އެކަން ކުރަން އެންގެވުމުންނެވެ. ރަޝީދު އެގޮތަށް އަމަލު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވަ އެވެ. ރައީސް ސޯލިހާއި ރަޝީދަކީ ޅިޔަނުންނެވެ.
ރަޝީދަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖުގައި ރަޝީދު ޓެގް ކުރައްވާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލް ކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އާއިލީ އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސޯޝަލް މީޑިއާގައި ބިގޭއަށް އަމާޒުކޮށް ވަރަށް ހުތުރު ބަހުން ފާޑުވިދާޅުވެފަ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޓްސްގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރަޝީދު ވިދާޅުވީ އަބުރު ކަތިލުމުގެ ގޮތުން ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ދައްކަމުން ދާތީ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ހައްގު ބަސް ބުނުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑު ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން" ކުރީގެ ރައީސް ޑރ. ވަހީދުގެ ވެސް ޅިޔަނެއް ކަމުގައިވާ މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އޭނާއަކީ ފަހަތަށް ނުޖެހޭނެ މީހެއް ކަން މާޒީން އެނގޭނެ ކަމުގައި ވެސް ރަޝީދު ވިދާޅުވެފައިވެ އެވެ. އެހެން ކަމުން އުމުރުގެ ބާކީ ބައިވެސް ހޭދަކުރައްވާނީ ސާބިތުކަމާއެކު ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭނާއަކީ އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބުނު މީހެއް ކަން ފާހަގަ ކުރައްވާފައިވެ އެވެ.
"[އަޅުގަނޑަކީ] މުޅި ހަޔާތް ގައުމަށްޓަކައި ޖާނާ މާލުން ގުރުބާންވި އިންސާނެއް،"
މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ އޭނާގެ އަބުރުކަތިލަން ބަޔަކު ހިތު ހުރިހާ ގޮތެއް ހަދަމުންދާއިރު ބީރު ކަންފަތެއް ދީގެން އަބަދު ނުހުންނެވޭނެ ކަމަށެވެ.
"ބައްޕަ ކިޔާ ދަރިފުޅާ އާއިލާއާ އަދި ހެޔޮ އެދޭ އެކުވެރިންނަށް ހިތްދަތިކަން ލިބެން ފެށީމަ، އަޅުގަނޑުގެ ދިފާއުގައިތާ އަބަދުވެސް ހުންނާނީ" ބަސް މަދު މެންބަރެއްގެ ގޮތުގައި އަބަދު ވެސް ފާހަގަކުރެވޭ މެންބަރު ވިދާޅުވި އެވެ.
ރަޝީދާ ގުޅޭގޮތުން އަވަަސްއިން ގެނެސްދިން ހަބަރަކާއެކު އިފްހާމް ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ބޭބެއާމެދު ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މުޅި އާއިލާއާ ދެކޮޅަށް 2012 ވަނަ އަހަރު ބޭބެ ތެދުވެ ހުންނެވި ތަން ގާތުން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
އިފްހާމް އެ އިޝާރާތް ކުރައްވަނީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ރައީސް ވަހީދު ވެރިކަމުގެ ހުވާ ކުރެއްވުމުން އެމްޑީޕީން ރަައީސް ވަހީދާ ދެކޮޅަށް ކުރިއަށް ގެންދިޔަ އެކި ހަރަކާތްތަކުގައި ރައީސް ނަޝީދުގެ އެންމެ އަރިހުގައި މުހައްމަދު ރަޝީދު ހުންނެވި ހުންނެވުމަށެވެ.
ރައީސް ވަހީދުގެ އަނބިކަނބަލުން މެޑަމް އިލްހާމް ހުސައިން އަކީ މުހައްމަދު ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. ނަަމަވެސް މިހާތަނަށްވެސް މުހައްމަދު ރަޝީދު ހުންނެވީ ސިޔާސީ ގޮތުން ރައީސް ވަހީދާ ވަރަށް ބޮޑަށް ހިޔާލު ތަފާތު ބޭފުޅެއްގެ ގޮތުގަ އެވެ. އާއިލާއަށް ބެއްލެވުމެއް ނެތި އެމްޑީޕީން ރައީސް ވަހީދާއި އިލްހާމަށް އަމާޒު ކުރައްވާ ކޮންމެ ކަމެއްގައި އޭޏ ހުންނަވަނީ އެމްޑީޕީއާ އެކު އެވެ.
މުހައްމަދު ރަޝީދު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ފަސްލޭޑީ މެޑަމް ފަޒްނާ އަހްމަަދުގެ ކޮއްކޮ ހުދާ އަހުމަދާ އެވެ. އެމްޑީޕީގެ ޕީޖީ މެންބަރުންނަށް ރައީސްގެ މުހިއްމު މެސެޖްތައް ހިއްސާ ކުރައްވާ ބޭފުޅަކީ ވެސް މުހައްމަދު ރަޝީދު އެވެ. މިފަހަރުވެސް މުހައްމަދު ރަޝީދަށް އެ ތުހުމަތު އަމާޒު ކުރެވުނު ސަބަބަކީ އެއީ ކަމަށް ބެލެވެ އެވެ.