ފަޒްނާ އަހުމަދު

ފަޒުނާގެ ތައުރީފް؛ ބިގޭއަކީ ކެރޭ ލީޑަރެއްކަން ހާމަވެއްޖެ

އަލިފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ ސިޔާސީ ތަޖުރިބާ ހުރި ކެރޭ ލީޑަރެއްކަން ހާމަވެގެން ހިނގައްޖެ ކަމަށް ވިދާޅުވެ ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދު ބިގޭއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ބިގޭ މިއަދު ބައިވެރިވެވަޑައިގެން ޓީވީ ޝޯއެއް ޝެއާ ކުރައްވާ ފޭސްބުކްގަައި އެކަމަނާ ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ މިއަދުގެ ޝޯގައި ބިގޭ ވާހަކަ ދެއްކެވީ އަސްލު މައްސަލައަށް ކަަމަށާ ވަކި މީހަކު މޮޅުކޮށް ވަކި މީހަކު ދެރަކޮށްގެން ނޫންކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ނިންމުންތައް ނިންމެވުމުގައި ބިގޭ އިސްކަން ދެއްވަނީ ވަގުތާއި ހާލަތައް ބަލާ އެ އިރަކު ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"ބިގޭއަކީވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަ ވެގެން ހިނގައްޖެ. މާޝާﷲ،" ފަޒްނާގެ ކޮއްކޮ ހުދާ އަހުމަދު އާއި ކަައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ފަޒުނާ ވިދާޅުވިއެވެ.

މިއަދުގެ ޝޯގައި ބިގޭ ވަނީ ސިޔާސީ މަސައްކަތުގައި އޭނާއަށް ކުރިމަތިވެވަޑައިގެން ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ޓިނު ގޮޅީގައި ހަ މަސް ދުވަސް އަދި ބޮޑު ގޮޅީގައި ދެ ރޯދަ މަސް ހޭދަކުރައްވަން ޖެހިވަޑައިގެން ކަމަށް ވިދާޅުވިއެވެ. މުޅި ޖުމްލަ ފަސް އަހަރު ޖަލުގައި ހޭދަކުރެއްވިއެވެ. އަދި އަރުވާލުމާއި ގޭ ބަންދުގައިވެސް ޒުވާން އުމުރުގެ އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ.

އެ ވާހަކަތައްވެސް ފަޒްނާ ވަނީ އެކަމަނާގެ ޕޯސްޓްގައި ފާހަގަ ކުރައްވާފައެވެ.

ބިގޭއަކީވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަ ވެގެން ހިނގައްޖެ. މާޝާﷲ
ފަޒްނާ އަހުމަދު | ފަސްޓް ލޭޑީ

ބިގޭއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ފަޒްނާ ވާހަކަ ދައްކަވާފައި މިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ކޮމިޓީން ބޭރު ކޮށްލި މައްސަލާގައި އަޑީގައި ހުންނެވީ ބިގޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ވަގުތެއްގައެވެ.

ރައީސް ނަޝީދުގެ ކޮއްކޮ އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ފާޅުގަައި އެ ތުހުމަތު ކުރައްވާފައެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގެ ނިންމުން އައީ ރައީސް ސޯލިހް ބިގޭ މެދުވެރިކުރައްވާ ފޯރުއްވެވި ނުފޫޒުން ކަމަށް ރަައީސް ނަޝީދަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ދެކެއެވެ.

މެންބަރު އީވާ ތުހުމަތު ކުރައްވާ ގޮތުގައި ކޮމިޓީން އެ މައްސަލަ ބޭރު ކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ވޯޓު ދެއްވީ މުހައްމަދު ރަޝީދު އެ މެންބަރުންނަށް ފޯނު ކުރައްވާ އެކަން ކުރަން އެންގެވުމުންނެވެ. ރަޝީދު އެގޮތަށް އަމަލު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވަ އެވެ. ރައީސް ސޯލިހާއި ރަޝީދަކީ ޅިޔަނުންނެވެ.

ރަޝީދަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖުގައި ރަޝީދު ޓެގް ކުރައްވާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލް ކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އާއިލީ އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސޯޝަލް މީޑިއާގައި ބިގޭއަށް އަމާޒުކޮށް ވަރަށް ހުތުރު ބަހުން ފާޑުވިދާޅުވެފަ އެވެ.

ބިގޭވެސް މިއަދު ވިދާޅުވީ ދުވަހަކުވެސް ބަޔަކު އޭނާއަށް ފާޑުނުކިޔާހާ ހުތުރުކޮށް އެމްޑީޕީގެ ބައެއް މެންބަރުން ފާޑުކިޔާފައިވާ ކަަމަށެވެ.