މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު (އަންނި)، އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ސެކްރެޓަރީ މުހައްމަދު ރަޝީދު (ބިގޭ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހޫނު ރައްދެއް ދެއްވައިފި އެވެ.
އެމްޑީޕީގެ ފަނޑިޔާރުގެ މަޖިލީހަށް މެންބަރުން ހޮވުމުގެ އިންތިހާބު މިރޭ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެ އިންތިހާބަށް އަމާޒުކޮށް ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕްގައި މެސެޖްތަކެއް ލިޔުއްވާފައެވެ. އެއް މެސެޖްގައި ވިދާޅުވީ އެ ޕާޓީގެ ފަނޑިޔާރުންގެ މަޖިލީސް ހޮވަނީ ރަައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް ކަމެއް ކުރާން ކަމަށް ވިދާޅުވެ މެންބަރު ރަޝީދު ދައްކަވަނީ ހުސް ދޮގު ވާހަކަ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެކަހަލަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެފަދަ ފިތުނަވެރި ވާހަކަތަކަކީ މި ގުރޫޕްގެ ތެރޭގައި އަޅުގަނޑާއި އާރުޖޭ [ރައީސުލްޖުމްހޫރިއްޔާ] އާ ޖެއްސުމަށް ދައްކާ ވާހަކަތަކެއް. މި ވާހަކަތައް ގަބޫލު ނުކުރެއްވުމަށް އެދެން،" ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
އޭގެ ފަހުން ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ މެންބަރު ރަޝީދު ގެންގުޅުއްވާ ލިސްޓްގައި އެމްޑީޕީގެ ކަންކަމުގައި އުޅެފައިވާ މީހުން ވަރަށް މަދުވާނެ ކަމަށެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ މިރޭގެ އިންތިހާބުގައި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވަކި މެންބަރުންތަކެއް ހޮއްވެވުމަށް ނަޝީދު މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މެންބަރު ރަޝީދުވެސް ވަކި މެންބަރުންތަކެއްގެ ލިސްޓެއް ގެންގުޅުއްވާ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ އެ ލިސްޓަށެވެ.
މެންބަރު ރަޝީދު ގެންގުޅުއްވާ ލިސްޓަކީ އެމްޑީޕީގެ އިސް ލީޑަރު އަަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް އަދި އެމަނިކުފާނު، ފަނޑިޔާރުންގެ މަަޖިލީހަށް އިންތިހާބު ކުރުމަށް ބޭނުންވާ މެންބަރުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ރަޝީދަކީ، ރައީސް ސޯލިހްގެ ޅިޔަނެކެވެ.
ރައީސްގެ ފަރާތްޕުޅުން މަޖިލީސް މެންބަރުންނާއި ޕާޓީގެ އިސް ބޭފުޅުންނަށްވެސް ހާއްސަ މެސެޖް ދެއްވަނީ ރަޝީދެވެ. މީގެ ކުރީންވެސް ނަޝީދު ވަނީ ރަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ރަޝީދުގެ ދިފާއުގައި މެޑަމް ފަޒްނާ ނިކުންނަވާ އޭނާ ދިފާއުކޮށް ދެއްވުމުން އޭރު މައްސަލައަށް ކޮންމެވެސް ފިނިކަމެއް އައެވެ.