އިރާގައި ސީރިއާގައި އަތްގަދަކޮށްގެން އުޅޭ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރަހުމްކުޑަ ގާތިލުގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ "ޖިހާދީ ޖޯން" އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އިއްޔެ މަރާލި ޚަބަރާ އެކު ހުޅަނގުގެ އެތައް ބަޔަކު ދިޔައީ އުފާ ފާޅުކުރަމުންނެވެ.
ނަމަވެސް އައިއެސްއާ ދެކޮޅަށް އެމެރިކާ އިން ފަށާފައިވާ އަސްކަރީ ހަރަކާތުގެ މުހިންމު ބައިވެރިއެއް ކަމުގައިވާ ފްރާންސްގެ ވެރިރަށް ޕެރިހަށް ރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ އެކު، ޖިހާދީ ޖޯން އާއި އައިއެސްގެ ބިރުވެރިކަން ގޮސް އަނެއްކާވެސް ޔޫރަޕް ވަށާލައިފި އެވެ.
އިނގިރޭސި ވިލާތަށް ނިސްބަތްވާ ކުވައިތު ދަރިކޮޅުގެ، މުހައްމަދު އިމްވާޒީ ނަމަކަށް ކިޔާ ޖިހާދީ ޖޯން މަރާލާފައި ވަނީ އެމެރިކާ އިން ސީރިއާގައި އައިއެސްގެ ބާރުގަދަ ރައްގާ އަށް ދިން ޑްރޯން ހަމަލާއެއްގަ އެވެ. އޭނާ މަރާލާފައި ވަނީ ދަތުރުކުރަމުން ދިޔަ އުޅަނދަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގަ އެވެ.
ޖިހާދީ ޖޯން އަކީ އައިއެސްގެ ގިނަ ވީޑިއޯތަކެއްގައި އެމެރިކާ އާއި ހުޅަނގަށް ބިރު ދައްކައި މީހުންގެ ކަރު ބުރިކުރަމުން ދިޔަ ހަނގުރާމަވެރިޔާ އެވެ. އެހެން ނަމަވެސް އޭނާ އަކީ އައިއެސްގެ ހަރަކާތްތަކުގައި އިސްކޮށް ފާހަގަކޮށްލެވޭ މޫނެއް ނޫނެވެ.
ފްރާންސަށް ރޭ ދިން ހަމަލާތަކުގެ ފަހަތުގައި ތިބި ބަޔަކު އަދި ނޭނގެ އެވެ. އެހެން ނަމަވެސް މި ހަމަލާ އަކީ އައިއެސް ފަދަ ހައްދުފަހަޅައިގޮސްފައިވާ ހަނގުރާމަވެރި ޖަމާއަތެއްގެ ހަމަލާތަކެއް ކަމަށް ބެލެވެ އެވެ. މި ހަމަލާގައި ބައިވެރިވި ބައިވެރިވި ހުރިހާ ހަނގުރާމަވެރިން ވެސް ތިބީ ޖާނުން ފިދާވެގެން ހަމަލާ ދިނުމަށް ހަށިގަނޑުގައި ބޮން ވެސް ހަރުކޮށްގެންނެވެ.
އަނެއްކޮޅުން ހަމަލާތައް އަމާޒުކޮށްފައިވާ ތަންތަނަށް ބަލާއިރު މިއީ އިސްލާމީ ހަރުކަށި ޖަމާއަތަކަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއްގެ ހަމަލާތަކެއް ކަމަށް ބެލެވެ އެވެ. އެގޮތުން ބޮމާއި ބަޑީގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ރޮކް މިއުޒިކް ކޮންސެޓަކަށާއި ބާތަކާއި ކެފޭ ރެސްޓޯރެންޓްތަކަށެވެ.
މި ހަމަލާތަކުގައި 120 މީހަކު މަރާލާފައިވެ އެވެ.
ހަމަލާ ދިނުމަށް ބައިވެރިވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ ފުލުހުންގެ ހަމަލާތަކުގައި މަރާލައިފަ އެވެ. އެއަށް ފަހު މުޅި ފްރާންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު ޕެރިހުގެ މަގުތަކުގައި 1500 އެއްހާ ސިފައިން ދަނީ ފޯރިމަރަމުންނެވެ.
އާންމުން ގެއިން ބޭރަށް ނުކުތުން ވެސް އޮތީ މަނާކޮށްފަ އެވެ.
މި ހަމަލާއެއް ފްރާންސަށް ދީފައިވާއިރު ފާހަގަކޮށްލަން ޖެހެނީ އިސްލާމިކް ހަނގުރާމަވެރިންގެ ނުރައްކާތެރި ހަމަލާއެއް މި އަހަރުގެ ޖެނުއަރީ މަހު ވެސް ފްރާންސަށް އަމާޒުކޮށްފައިވާ ކަމެވެ. އެ ހަމަލާ ދިނީ ފްރާންސްގެ މަޝްހޫރު ސެޓްރިކަލް މަޖައްލާ އަކުން ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލައެއްގަ އެވެ.