ދުނިޔެ

މެކްރޮން މޫނުމަތީގައި ޖެހިމީހާ ހަތަރު މަހަށް ޖަލަށް

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ މޫނުމަތީގައި ޖެހިމީހާ ހަތަރު މަހަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ. އޭގެ އިތުރުން ތިން އަހަރަށް އޭނާގެ އިޖުތިމާއީ ހައްގުތައް ހިފަހައްޓަން ވެސް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ޑޭމިއެން ޓަރެލް 28، އަށް ކުރި ހުކުމުގައި އެކުލެވެނީ 18 މަސް ދުވަހެވެ. އޭނާއަށް ޖަލުގައި އޮންނަން ޖެހޭނީ ހަތަރު މަސްދުވަހު އެވެ. ހުކުުމުގައި ބާކީ އޮތް ބައި، 14 ދުވަހު ތެރޭގައި އިތުރު ކުށެއްކޮށްފި ނަމަ އެކުރި ކުރަށް ކަނޑައަޅާ އަދަބާއެކު ލުއި ދިން 14 މަސް ދުވަސް ވެސް ޖަލުގައި ހޭދަ ކުރަން ޖެހޭނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން ހުކުމުގެ މުއްދަތުގައި ޑޭމިއެން ނަފުސާނީ ގޮތުން ކައުންސެލިން ހޯދަން ޖެހޭނެ އެވެ. ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ގެންގުޅުން ފަސް އަހަރަށް މަނާ ވާނެ އެވެ. އަދި ސިިވިލް ރައިޓްސްގެ ގޮތުގައި ފްރާންސް ބަލައިގަންނަ އެއްވެސް ހަރަކާތެއްގައި ތިން އަހަރު ވަންދެން ބައިވެރި ނުވެވޭނެ އެވެ.

ޑޭމިއެން ޓަރެލް ބުނީ އޭނާއާ ރައްޓެހިން ރޭވީ ސިޔާސީ އެއްވުންތަކުގައި މީހުން ކޮށް އުޅޭ ކަހަލަ މީހުން އަޅައިގަންނަ ޒާތުގެ މަޖާ ކަމެއް ކުރަން ކަމަށާއި ބިސް އުކައި ކަސްޓަޑް ކޭކަކުން ޖަހަން ވެސް ރޭވި ކަމަށެވެ. އޭނާ ބުނީ ފަހު ވަގުތު ޚިޔާލު ބަދަލުވެ އަތް އިސް ކުރެވުނީ ކަމަށެވެ.

ޑޭމިއެން ބުނީ މެކްރޮން ދުވެ ވަޑައިގެން އޭނާއާ ހަމައަށް ވަޑައި ނުގެންނެވި ނަމަ ހަމަލާ ނޭރިސް ކަމަށާއި ފްރާންސްގައި ކޮންމެވެސް ކަމެއް އޮތީ ގޯސްވެފައިކަން މެކްރޮންއަށް މިހާރު އެނގި ވަޑައިގަންނަވާނެ ކަމަށެވެ.

މެކްރޮން ވިދާޅުވީ އެ ހަމަލާއިން މާނަ ކުރެވެނީ ނަފުރަތާއި ރުޅިވެރިކަން ކަމަށެވެ. އެކަމަކު ވެސް އެއީ އެކަން ހިނގައިގެން ވާނެ ގޮތް ނޫންކަމަށް ވިދާޅުވަމުން މެކްރޮން ވިދާޅުވީ ޑޭމިއެންއާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.