ބޮލީވުޑް

ސާރާގެ ދެމައިން އެކުގައި ފެނިލަނީ

މަންމަ އަމްރިތާ ސިންގް އޭނާގެ ބޯ މަސާޖު ކޮށްދެނިކޮށް ނަގާފައިވާ ފޮޓޮއެއް ސާރާ އަލީ ޚާން އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މިއީ ދެ މައިން އެކުގައި ސްކްރީނުން ފެންނަން އުޅޭ ކަމުގެ ޚަބަރު ދިނުމަށް ސާރާ ޝެއާ ކުރި ފޮޓޯއެއް ކަމަށްވެ އެވެ.

ފުރަތަމަ ފަހަރަށް ސާރާ އޭނާގެ މަންމަ އަމްރިތާ ސިންގް އާއެކު ސްކްރީނުން ފެންނާނީ ފިލްމަކުން ނޫނެވެ. ހެއާ ކެއާ ބްރޭންޑެއްގެ އިޝްތިހާރަކުންނެވެ. މިއީ ސާރާ މިހާރު ވެސް ޕްރޮމޯޓްކުރާ ބްރޭންޑެކެވެ. އެ ބްރޭންޑުގެ އިޝްތިހާރުގައި އަމްރިތާ ބައިވެރިވަނީ ފުރަތަމަ ފަހަރަށެވެ.

މިއީ 30 އަހަރުގެ ދިގު މުއްދަތަކަށް ފަހު އަމްރިތާ ކުޅޭ ފުރަތަމަ އިޝްތިހާރެވެ. ފިލްމީ ދާއިރާގެ ހުރިހާ މަސައްކަތަކުން އަމްރިތާ އަމިއްލައަށް ދުރުވެގެން ހުންނަތާ މިހާރު އެތައް އަހަރެއް ވަނީ ފާއިތުވެފަ އެވެ.

ވަރަށް އަވަހަށް ރިލީޒް ކުރާ މި އިޝްތިހާރަށް މި ދެ މައިންގެ ފޭނުންގެ ސަމާލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ. ސަބަބަކީ މީގެ ކުރިން އެއްވެސް އިޝްތިހާރަކުން ނުވަތަ ފިލްމަކުން ދެ މައިން އެކުގައި ފެނިފައި ނުވާތީ އެވެ.

ސާރާ އަކީ އަމްރިތާ އާއި އެކްޓަރު ސައިފް އަލީ ޚާނަށް ލިބިފައިވާ ދެ ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ހަގު ދަރިފުޅު އިބްރާހީމް އަލީ ޚާން ވެސް މިހާރު ދަނީ ބޮލީވުޑަށް ތައާރަފްވާން ތައްޔާރު ވަމުންނެވެ.

ސާރާގެ ފުރަތަމަ ފިލްމަކީ "ކޭދާރްނާތު" އެވެ. މި ފިލްމަށް ފަހު ވެސް ސާރާގެ ބައެއް ފިލްމުތައް މިހާރު ވަނީ ރިލީޒްވެފަ އެވެ.