ރައްޔިތުންގެ މަޖިލިސް

ބިގޭއަށް ރައީސް ނަޝީދުގެ ހޫނު ރައްދެއް!

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ހަސަން ޒަމީލްގެ ސޫލީކީ މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރުކޮށްލުމުގެ ފަހަތުގައި ހުންނެވިކަމަށް ތުހުމަތުކުރެވިފައިވާ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ބަހުގެ ހޫނު ހަމަލާތަކެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަަމަލާއާ ގުޅިގެން މަޖިލީހުން މިހާރު ކުރިއަށް ގެންދާ އިންކުއަރީއަށް ވަކި ސިފައިން ނުފޮނުވާނެ ކަމަށް ވިދާޅުވުމުން ޒަމީލުގެ ސޫލޫކީ މައްސަލަ އިމްތިޔާޒު ކޮމެޓީއަށް ހުށަހެޅުއްވީ ހުދު ރައީސް ނަޝީދެވެ.

މިދިދަ އާދިއްތަ ދުވަހު ބޭއްވި އިމްތިޔާޒު ކޮމެޓީގެ ބައްދަލުވުމުގައި އެ މައްސަަލަ ބަލައިނުގަނެ ބޭރުކޮށްލުމަށް ކޮމެޓީގެ މެމްބަރުންނަށް އެންގެވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް ރަޝީދުކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރައްވަ އެވެ. ނަމަވެސް އެ ތުހުމަތުތައް ރަޝީދު ދޮގުކުރައްވަ އެވެ. ރަޝީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނުވެސް މެއެވެ.

އެ ތުހުމަތުތަކާ ގުޅިގެން ރަޝީދު ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން އޭނާގެ އަބުރުކަތިލަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެހެން ނަަމަވެސް ހުންނާވާނީ ސާބިތު ކަމާއެކުގައި ކަމަށާއި އޭނާ ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތައް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށާއި ނަމަވެސް ސަރުކާރުން ހިންގަން ހުރަސްއެޅޭ މިންވަރަށް އެކަން ގެންގޮސްގެން ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އުޅުއްވި އިރު އެތައް އަނިޔާއެއް ލިބިފައިވާކަން ރަޝީދު ފާހަގަކުރެއްވި އެވެ. އަދި ރައީސް ނަޝީދުއަށް ދިން ހަމަލާއަކީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ބަލައިގަންނާނެ ހަމަލާއެއް ނޫން ކަމަށެވެ.

ރަޝީދުގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގަައި ވަނީ ރަޝީދަކީ ސިޔާސީ ފައިދާއަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރަށް އެނގިވަޑައިގަންނަވާނެ އެ ބޭފުޅާ ސިޔާސީ ފައިދާ އަށްޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް. އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަހަ އެ ބޭފުޅާ ނުދެއްކެވިއްޔާ." ރައީސް ނަޝީދުގެ ޓުވީޓުގައި ވެއެވެ.