ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ އިތުރު ސާޖަރީއެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު މިއަދުވެސް އެމަނިކުފާނުގެ އިތުރު ސާޖަރީއެއް ކޮށްފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

މެއި ހަވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ފުން ޒަހަމުތަކެއް ލިބިވަޑައިގެންނެވިއެވެ. ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒާ ފުއްތައް ވަދެ ބޮޑެތި ގެއްލުންތައް ލިބިވަޑައިގެން ފުރާނަފުޅަށްވެސް ނުރައްކާ ހިސާބަށް ދިޔައެވެ.

ނަމަވެސް އޭޑީކޭގައި ކުރެވުނު އެތައް ސާޖަރީތަކަކަށް ފަހު ހާލުކޮޅު އަންނަނީ ރަނގަޅުވަމުންނެވެ. އަދި ޖަރުމަންވިލާތަށް ވަޑައިގެން އެ ގައުމުގެ އަސްކަރީ ހޮސްޕިޓަލަކުން އިތުރު ފަރުވާ ވަނީ ހޯއްދަވާފައެވެ. ހޮސްޕިޓަލުން ދޫކޮށްލެއްވި ނަމަވެސް އަދިވެސް ފަރުވާގެ ކަންކަން ދަނީ ކުރިއަށެވެ.

ރައީސް ނަޝީދުގެ އާއިލާއިން މިއަދު ބުނީ އެމަނިކުފާނުގެ ފައިގެ ސާޖަރީއެއް މިއަދު ހައްދަވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ވަނީ ހައްުޔަރުކޮށްފައެވެ. އެ ހަމަލާއަށް މިއަދަށް 37 ދުވަސް ވަނީ ވެފައެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު ފަސްވަނަ މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.