ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދު ޖަރުމަން ހޮސްޕިޓަލުން ދޫކޮށްލައިފި

May 21, 2021
2

ޖަރުމަނުގެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅަކު ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އަދިވެސް އެމަނިކުފާނުގެ ބައެއް ޓެސްޓްތަައް ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ކާރުކޮޅުގެ ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. ހަމަލާއަށް ފަހު އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. އެ ހޮސްޕިޓަލްގައި 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދުމަށްފަހު ރައީސް ނަޝީދު ޖަރުމަނަށް ގެންދިޔައީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުން ވިދާޅުވި ގޮތުގައި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާފުށްތަކުގެ ތެރެއިން 10 ރޭޒާފުށް ވަނީ އެމަނިކުފާނުގެ ހަށިކޮޅުން ނަގާފައިވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް (25 އ)އާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހްމީން އަހްމަދު (32 އ) އާއި، މއ. ފޭރުގެ، މުޖާޒު އަހްމަދު (21 އ)ގެ އިތުރުން ލ. ގަން، ދުންފިނި އުފާ، އަހްމަދު ފާތިހު (23 އ) އެވެ.

މިހަތަރު މީހުންގެ ތެރެއިން ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ. އަނެއް ތިން މީހުން ހައްޔަރުކުރީ މާލެ އިންނެވެ. މިހަތަރު މީހުންގެ ތެރެއިން ސައިކަލްގެ ވެރިޔަކީ ތަހްމީން އެވެ. އެކަމަކު އެ ސައިކަލް ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ބެހެއްޓީ ފާތިހު ކަމަށް ފުލުހުން ބުނެ އެވެ. އަދުހަމަކީ ހަމަލާ ދިން އިސް މީހާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެެވެ.