ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާއާއި ގުޅިގެން 150 މީހުންނާ ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް 150 މީހަކާ ސުވާލުކޮށް 200 އަށް ވުރެ ގިނަ ސީސީޓީވީ ފްޓޭޖު އެނަލައިޒް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހަމަލާއާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ތަހުގީގަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ފުލުހުން ބަލަހައްޓާ ސީސީޓީވީ ފްޓޭޖުގެ އިތުރުން އާންމުން ވެސް ބައެއް ވީޑިއޯ ފްޓޭޖުތައް ހިއްސާކޮށްފައިވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ ހަމަލާއާއި ގުޅިގެން ތަހުގީގުގެ ބޭނުމަށް މިހާތަނަށް 25 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ހަމަލާއަށް ފަހު ސީދާ ހަމަލާއާއި ގުޅުންހުރި ހަތަރު މީހަކާއި ހަރުކަށި ފަތުރާ 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ސީސީޓީވީ ފްޓޭޖު އެނަލިސިސްތަކުން މިމައްސަލައިގެ ތަހުގީގަށް ވަރަށް މުހިއްމު ކުރިއެރުންތަކެއް ލިބިފައިވާ ކަން އަޅުގަނޑު ފާހަގަކޮށްލަން. މިތަހުގީގަށް މިހާތަނަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ވަރަށް އިހްލާސްތެރިކަމާ އެކު އެފަރާތްތަކަށް ޝުކުރު ދަންނަވަން،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާ ދިން ސަރަހައްދުންނާއި ބަލައި ފާސްކުރި ތަންތަނުން ހޯދުނު ތަކެތީގެ ތަހުލީލްތައް ދިވެހި ފުލުހުންގެ ފޮރެންސިކް ސާވިސް އިން ކުރަމުންދާ ކަމަށެވެ. ބައިނަލްއަގްވާމީ ޕާޓްނަރުންގެ އެހީތެރިކަން ވެސް ތަކެތި ތަހްލީލް ކުރުމުގައި ލިބެމުންދާ ކަމަށާ މިމައްސަލައިގައި އެއްކުރެވުނު ފޮރެންސިކް ހެކިތަކުން ވެސް ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ މިމައްސަލަައިގައި އިންސާފަށް ވާސިލްވުމަށް މުހިއްމު ދައުރެއް އަދާކުރާނެ ހެކިތަކެއް ކަމަށްވާތީވެ ހެކިތަކާ ގުޅޭ ތަފްސީލްތައް މިވަގުތު އަޅުގަނޑުމެން ހާމަނުކުރަނީ ތަހުގީގުގެ ސްޓްރެޓެޖީ ރޭވިފައިވާ ގޮތް ހެއްކާ ގުޅޭ އިތުރު ތަފްސީލްތައް މިވަގުތު އާންމުނުކުރަން ނިންމާފައިވާތީ ކަން ފާހަގަކޮށްލަން،" ހެކި މިވަގުތު ހާމަނުކުރާ ސަބަބު ހާމަކުރައްވަމުން ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަމަލާގެ ތަހުގީގަށް އަދިވެސް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން އެއްވެސް ފަރާތަކުން ހަމަލާއާ ގުޅިގެން މައުލޫމާތު ހިއްސާކުރަން ބޭނުންވާނަމަ 9704000 ނަންބަރަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ބަޝީރު އިތުރަށް ވިދާޅުވީ ތަހުގީގުގައި ބަލަނީ ހަމަލާ ދިނުމުގައި ބަޔަކު ބައިވެރިވި ގޮތާއި ބައިވެރިވި މިންވަރާއި އަދި އެއްވެސް ގޮތަކުން ފައިނޭންސް ކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދަން އަމާޒުކޮށްގެން ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގަލޮޅު ކެނޭރީގެ އިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައިވަނީ މަޖީދީމަގާއި ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން ގުޅޭ ހިސާބުގައި ޕާކް ކޮށްފައި އޮތް ސައިކަލެއްގަ އެވެ.