ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާ އިން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ މިއަދު ބައްދަލުކޮށްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އެސްޕީޖީގެ އާ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާއާ ބައްދަލުކުރީ އެއީ އެސްޕީޖީގެ ކޮމާންޑަރު ކަމާ އަލަށް ހަވާލުވި ބޭފުޅާ ކަމަށްވާތީވެ ގުޅުން ބަދަހިކުރުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމާއި ރައީސް ނަޝީދާއި އާއިލާ ދިރިއުޅޭ ގ. ކެނެރީގޭގެ ސެކިއުރިޓީއާ މެދު ދެކެވިފައި ހުރި ވާހަކަތަކާ ގުޅިގެން ކަމަަށެވެ.
"ނޫސްތަކުގައި ކެނެރީގޭގެ ސެކިއުރިޓީއާ ގުޅޭގޮތުން ވެސް އެކި ކަހަލަ ވާހަކަތައް ލިޔެފައި ހުރިމާ އާއިލާ އިން ކަންބޮޑުވާ ކަންކަން ހިއްސާކުރީ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިބައްދަލުވުމަކީ އާއިލާގެ އެދިވަޑައިގަތުމަކަށް ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. ބައްދަލުވުމުގައި ކޮމާންޑަރު ދެއްވެވި ޖަވާބުތަކާ މެދު ޖުމްލަކޮށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިނީ ވެސް ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.
މިހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް ސީރިއަސް އަނިޔާތެއް ލިބިވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދެެއްވީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އެތަނުގައި ގިނަ ސާޖަރީތަކެއް ހެދުމަށްފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ގެންދެވުނީ ޖަރުމަނަށެވެ. އެމަނިކުފާނަށް ޖަރުމަންގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވީ ނަމަވެސް ބައެއް ކަހަލަ ޓެސްޓްތައް ހަދަމުންދާ ކަމަށް އެނގިފައިވެ އެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވެ އެމަނިކުފާނަށް ހަމަލާ ދިނުމާ ގުޅިގެން އެސްޕީޖީގެ އިސް މަގާމުތަކަށް ބަދަލު ގެނެސް އެސްޕީޖޭ ކޮމާންޑަރަކަށް މުއިޒް އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު ހަމަޖެއްސީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.