ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ވުއަލްފްގަންގް ޝުއައިބުލައާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސާއެކު މިއަދު ބޭއްވެވި އެ ބައްދަލްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒިފުންނަށް ފޯރުކޮށް ދެމުންދާ ގެންދާ ތަމްރީންތައް ފާހަގަކޮށް ރައީސް ނަޝީދު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ރައީސް ނަޝީދު މިވަގުތު ޖަރުމަންވިލާތުގައި ހުންނެވީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ބަަޔަކު ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ އެ ހަމަލާގައި އެމަނިކުފާނަށް ވަރަށް ބޮޑެތި ފުން ޒަހަމުތަކެއް ލިބިވަޑައިގެންފައިވާ ކަމަށާ އުންމީދަކީ މުޅީން ރަނގަޅުވެ އަވަހަށް ރާއްޖެ ވަޑައިގެންނެވުމުން ކަމަށެވެ.