ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑަށް ވަރަށް ގިނަ އަނިޔާ ލިބުނު: ނަޝީދު

މިދިޔަ މަހު ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ވަރަށް ގިނަ އަނިޔާތައް ލިބިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ލިބިފައި ހުރި އަނިޔާތަށް ވަރަށް ގިނަ ކަމަށެވެ. އެހެންނަމަވެސް އަނިޔާތަކުން އަރައިގަތުމަށް މާތް ﷲގެ ރަހުމަތްފުޅާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހެޔޮ ހާލުގައި ރާއްޖެ ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޖަރުމަނުވިލާތުގަ އެވެ.

ޖަރުމަނުގެ ހޮސްޕިޓަލެއްގައި ސާޖަރީއެއް ވެސް ހައްދަވާއިފައިވާ އިރު މީގެ ކުރިން އޭޑީކޭގައި ވެސް އެތައް ސާޖަރީއެއް އެމަނިކުފާނު ހައްދަވައިފައިވެ އެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުން މީގެ ކުރިން ވިދާޅުވީ ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ހަށިގަނޑުގެ އެކި ހިސާބަށް ދަގަނޑު އެތިކޮޅުތަކެއް ވަދެފައިވާ ކަމަށެވެ. އަދި ދަގަނޑުކޮޅުތަކުގެ ތެރެއިން މޭކަށިގަނޑަަށް ވެދެފައިވާ އެތިކޮޅުތައް ހުރީ ފުރާނަ އަށް ނުރައްކާވާ ފަދަ ގޮތަކަށް ކަމަށާއި އެ އެތިކޮޅު އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް އެމަނިކުފާނުގެ ހިތަށް ހެރޭނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވީ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން މިހާރު ދަނީ އިންކުއަރީއެއް ވެސް ކުރިއަށް ގެންދަމުންނެވެ. އިންކުއަރީ ރިޕޯޓް އަންނަ ހަފްތާގައި ނިމޭނެ ކަަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ވަނީ ބުނެފަ އެވެ.