މިިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގައި ޒަހަމްތައް ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަން މަސައްކަތް ކުރަމުންގެންދާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.
ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއް ސައްތާރު "އަވަސް" އަށް މިއަދު ވިދާޅުވީ ރައީސް ނަޝީދު ވިހާވެސް އަވަހަަށް ޖަރުމަނަށް ގެންދަން ވާން ޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށެވެ.
ޖަރުމަނާއި ރާއްޖެއާ ދެމެދު މިހާރުވެސް ދެ އެއާލައިންއަކުން ފްލައިޓްތައް އޮޕަރޭޓް ކުރެއެވެ. އެއީ ލުފުތަންސާ އެއާލައިންއާއި ކޮންޑޯ އެއާލައިން އެވެ.
ރައީސް ނަޝީދަށް ޗމިވަގުތު ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު މިވަގުތު ރަނގަޅެވެ. އެހެންވެ މިހާރު ވަނީ ވެންޓިލޭޓަރުން ވެސް ނަގާފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރެވުނީ ކިރިޔާ ކަމަށް އޭޑީކޭ އިން ބުނެފައި ވެއެވެ. އޭޑީކޭ އިން ބުނީ އެ ހަމަލާ އާއި ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާ ދަގަނޑު ބައިތަކުގެ ތެރެއިން މޭކަށިގަނޑަށް ވަތް އެތިކޮޅު އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް އެމަނިކުފާނުގެ ހިތަށް ވަންނާނެ ކަމަށެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ފުން ޒަހަމްތަކާ ގުޅިގެން ހަތަރު ސާޖަރީ އެއް ހެދި އެވެ.