ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު މާދަމާ ޖަރުމަނަށް ގެންދަނީ

މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާގައި ޒަހަމްތައް ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް މާދަމާ ޖަރުމަނަށް ގެންދަން ނިންމައިފި އެވެ.

މެއި ހަވަނަ ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ގިނަ ޒަހަމުތަކެއް ލިބިވަޑައިގެންފައިވެއެވެ. ހަތަރު ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަތެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފުރާނަފުޅަށް ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވިއެވެ. ފުރާނަފުޅު ސަލާމަތްވީ ކިރިއާއެވެ.

ނަޝީދުގެ އާއިލާގެ ބޭފުޅަކު މިރޭ ވިދާޅުވީ އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަންނަވާނީ މާދަމާ ހެނދު ކަމަށެވެ. އެކޮޅުން އެމަނިކުފާނުގެ އިތުރު ޗެކަޕްތަކެއް ހައްދަވާނެ އެވެ. އަދި އިތުރު ފަރުވާއެއް ހޯއްދަވަން ޖެހޭނަމަ އެކަމެއް ކުރައްވާނެ އެވެ.

އާއިލާއިން ބުނާ ގޮތުން ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅެވެ. ރިކަވަރީ ވަރަށް އަވަހެވެ.

ޖަރުމަނާއި ރާއްޖެއާ ދެމެދު މިހާރުވެސް ދެ އެއާލައިންއަކުން ފްލައިޓްތައް އޮޕަރޭޓް ކުރެއެވެ. އެއީ ލުފުތަންސާ އެއާލައިންއާއި ކޮންޑޯ އެއާލައިން އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އެ މީހުން މިވަގުތު ތިބީ 15 ދުވަހުގެ ބަންދެއްގައެވެ.