ނަޝީދަށް އަމާޒު ކުރި ހަމަލަ

އިތުރު ފަރުވާއަށް ރައީސް ނަޝީދު ބޭރަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ސަބަބުން ލިބިވަޑައިގެންފައިވާ ޒަހަމުތަކާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފި އެވެ.

މާލޭގެ މަޖީދީމަގާއި ނީލޯފަރު މަގު ގުޅުނު ހިސާބުގއި ރޭ 8:30 ހާއިރު ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމުތަކުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ވެސް ވަނީ ހަދާފަ އެވެ. ހުރިހާ ސާޖަރީތަކެއް ވެސް ކާމިޔާބު ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅަކު ދެންމެ ވިދާޅުވީ ގިނަ ސާޖަރީތަކެއް ހައްދަވަން ޖެހިވަޑައިގަތުމާއި އަދި އެމަނިކުފާނުގެ އެތެރެ ހައްޓަށްވެސް ބައެއް ޒަހަމުތައް ލިބިފައިވާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ރައީސް ނަޝީދު ބޭރަށް ގެންދިއުމުގެ އިންތިޒާމު ކުރަމުންދާ ކަމަށެވެ.

ރައީސް ނަޝީދު ގެންދަވަނީ ސިންގަޕޫރަށް ކަމަށްވެސް އެނގިފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އާއިލާގެ ބޭފުޅަކު އެކަން ޔަގީން ކޮށްދެއްވިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު މެންދުރު ކުރިން ކުރި ޓްވީޓެއްގައި ބުނީ ރައީސް ނަޝީދުގެ ތިން ސާޖަރީއެއް ކުރެވުނު ކަމަށާ ސާޖަރީތައް ކާމިޔާބު ކަމަަށެވެ. ނަމަވެސް އިތުރު ސާޖަރީއެއް އަދި ކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް މިހާރު އެ ސާޖަރީވެސް ވަނީ ނިމިފަ އެވެ.

ރޭގެ ހަމަލާގައި ފަސް މީހަކަށް އަނިޔާވި އެވެ. އެއީ ސިފައިންގެ ތިން އޮފިސަރުންނާއި ދިވެއްސަކާއި ބިދޭސީ އެކެވެ.