ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދީފައިވާ ހަމަލާއާ ގުޅިގެން ލިބިވަޑައިގެންފައިވާ ޒަހަމުތަކާއި ގުޅިގެން ހަދަން ޖެހޭ ހުރިހާ ސާޖަރީތަކެއް ނިމިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
ރޭ 8:30 އެހާކަންހާއިރު މަޖީދީމަގުގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމުތަކާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ވަނީ ހައްދަވާފައެވެ.
ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ދެންމެ ވިދާޅުވީ ނަޝީދަށް ލިބިވަޑަައިގެންނެވި ޒަހަމުތަކާއި ގުޅިގެން ހަދަން ޖެހޭ ސާޖަރީތައް ނިމިފައިވާ ކަމަށެވެ. ނަމަވެސް މުޅީން ރަނގަޅުވުމަށް އޮތީ ދިގު މަރުހަލާއެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އަރިސް ބޭފުޅަކު ދެންމެ ވިދާޅުވީ ގިނަ ސާޖަރީތަކެއް ހައްދަވަން ޖެހިވަޑައިގަތުމާއި އަދި އެމަނިކުފާނުގެ އެތެރެ ހައްޓަށްވެސް ބައެއް ޒަހަމުތައް ލިބިފައިވާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ރައީސް ނަޝީދު ބޭރަށް ގެންދިއުމުގެ އިންތިޒާމު ކުރަމުންދާ ކަމަށެވެ.
ރައީސް ނަޝީދު ގެންދަވަނީ ސިންގަޕޫރަށް ކަމަށްވެސް އެނގިފައިވެ އެވެ. އާއިލާގެ ބައެއް ބޭފުޅުންވެސް އެކަން ޔަގީން ކޮށްދެއްވިއެވެ.