އިންޑިއާއިން އޯޑަރުދިން އެސް400 މިސައިލް ޑިފެންސް ސިސްޓަމް ތާވަލާ އެއްގޮތަށް އެގައުމަށް ފޯރުކޮށް ދޭނެ ކަމަށް އިންޑިއާގައި ހުންނަވާ ރަޝިއާ އެމްބެސެޑަރު ނިކޮލޭ ކުޑަޝޭފް ވިދާޅު ވެއްޖެ އެވެ. ސަފީރު ވިދާޅުވީ ފުރަތަމަ ޝިޕްމަންޓް މިއަހަރު ނިމުމުގެ ކުރިން އިންޑިއާއަށް ޑެލިވާކޮށް ދެއްވާނެ ކަމަށެވެ.
ރަޝިއާއިން އެސް400 މިސައިލް ސިސްޓަމް ގަތުމަށްޓަކައި ނިއުދިއްލީއާ މޮސްކޯއިން އެއްބަސްވުމެއްގައި ސޮއިކުރީ އޮކްޓޯބަރު 2018 ގައެވެ. މިސައިލް ސިސްޓަމަށް އޯޑަރުދިން ގޮތަށް ހުރިހާ ބައިތަކެއް 2025 ގެ ފުރަމަ ކުއާޓަރުގައި އިންޑިއާއަށް ފޯރު ކޮށްދީ ނިންމާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
ނިކޮލޭ ކުޑަޝޭފް އެސް400 ސިސްޓްމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައި ނޫސްވެރިންނަށް އޮޅުންފިލުވައިދެއްވި ސަބަބަކީ ކޮވިޑާ ހެދި ގައުމުތަކުގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކަށް ހުއްޓުން އަރާފައި ވާތީ އެވެ. އަދި އިންޑިއާއިން އޯޑަރު ދިން އެސް400 އަށް ވާނެ ގޮތެއް ނޭނގޭ ކަމަށް ބުނެ ނޫސްތަކުން ސުވާލު އުފައްދާފައި ވަނިކޮށެވެ.
ރަޝިއާގައި ހުންނަވާ އިންޑިއާ އެމްބެސެޑަރު ބާލާ ވެންކަތޭޝް ވަރުމާ އޭޕްރީލް މަހު ވިދާޅުވި ގޮތުން އެސް400 ގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ އެވެ. އެ ޔަގީންކަން ރަޝިއާއިން ދޭކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ ސަބަބުން ކޮންމެވެސް މަސައްކަތްތަކަށް ދަތިވާނެ ކަމަށް އުންމީދު ކުރައްވަން ވާނެ ކަމަށާއި އަރައި ނުގަނެވޭ ވަރުގެ ހުރަސްތަކެއް މެދުވެރިވާނެ ކަމަށް ނުވިސްނަވާ ކަމަށެވެ.
އިންޑިއާއަށް ބޭނުންވާ މިންގަނޑަށް އެސް400 މިސައިލް ސިސްޓަމް ފައްކާކޮށް އަތުރާލުމަށް ފަަސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ވެއެވެ.
އިންޑިއާއިން އެސް400 ގަތުމަކީ އެމެރިކާ އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫނެވެ. އެމެރިކާއިން މީގެ ކުރިން ބުނެފައި އޮތީ އެސް400 ގަނެފި ނަމަ އިންޑިއާއަށް ދަތި ކުރަން ޖެހިދާނެ ކަމަށެވެ.