ދުނިޔެ

"މޫސުމީ ބަދަލުތަކަށް ސީރިއަސް ވާން ޖެހޭ"

ދުނިޔޭގައި އިގްތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ވެރިންގެ ބައްދަލުވުން، ޖީ7ގެ ސަމިޓް އިނގިރޭސިވިލާތުގައި ކުރިއަށް އެބަދެ އެވެ. ވެރިންގެ ބައްދަލު ވުމުގައި މިފަހަރު އެންމެ އަޑު ހަރުކޮށް ވާހަކަ ދެކެވޭނެ ކަމަށް ބެލެވިފައި އޮތީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމާއި ކޮވިޑާ ގުޅުން ހުރި ވާހަކަތަކެވެ.

ޖީ7ގެ ވެރިންނަށް އޮތް ހާއްސަ ފަރީއްކޮޅެއްގައި ބައިވެރިވެ ވަޑައިގެން ޗާލްސް، ޕްރިސް އޮފް ވޭލްސް ވެސް ވަނީ ސަމިޓްގެ މައުލޫތަކަށް ބައްލަވާ ލައްވާފަ އެވެ.

ޗާލްސް ވިދާޅުވި މޫސުމީ ބަދަލުތަކާބެހޭ ގޮތުން ލައްކަ ވާހަކަ، ލައްކަ ގިނަ ދުވަސް ވަންދެން ދެކެވިއްޖެ ކަމަށާއި ގައުމުތައް އެކުގައި، އެއް ރޫހެއްގައި ވާގިވެރި ވާތީ ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ދުނިޔެއަށް ކޮވިޑް ލައިގަތީއްސުރެ ގައުމުތަކުން އަދި ސަރުކާރުތަކުން ވަރަށް ގުޅިގެން މަސައްކަތް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެއްބާރުލުމަކީ އެއީ ކަމަށެވެ.

ޖީ7ގެ ވެރިން ބައްދަލު ކުރައްވާއިރު އަދި ސަމިޓަށް ފަހު ވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން އިޖާބީ މަސައްކަތްތަކެއް ނުކުރެވޭހާ ހިނދު ކަމެއް ކުރެވުނު ކަމަށް ނުވާނެ ކަމަށް ޗާލްސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޝްވަރާ ކުރަނީ ނަތީޖާ ހޯދަން ކަމަށާއި ކޮވިޑަށް ފަރުވާއެއް ހޯދަން ގައުމުތަކުން ސީރިއަސްވާ ފަދައިން މޫސުމާ މެދު ވެސް ސީރިއަސް ވާން ޖެހޭ ކަމަށެވެ.

ޗާލްސް ވިދާޅުވީ ކޮވިޑާ ހެދި ބޮޑެތި ޕްރޮޖެކްޓްތައް ވެސް ފަސްކުރެވިފައިވާ ކަމަށާއި މުސޫމާ މެދު ވިސްނަން ހުރީ ލަހެއް ފަހެއް ކުރެވެން ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.