ދުނިޔެ

ލަންކާ ކޮންޓެއިނާ ބޯޓުން ލިބުނު ގެއްލުން އިނގިރޭސިން ބަލައިދެނީ

ލަންކާ ބަނދަރު ސަރަހައްދުގައި އަލިފާން ރޯވެ އަޑިއަށް ގޮސްފައިވާ އެމްވީ އެކްސްޕްރެސް ޕާލްއިން ތިމާވެއްޓަށާއި މަދަނީ ވަސީލަތްތަކަށް ލިބިފައި ހުރި ގެއްލުން ދިރާސާ ކުރަން އެހީތެރިކަން ލަންކާއަށް ބޭނުންވާނެ ކަމަށް ކޮލޮމްބޯގައި ހުންނަވާ އިނގިރޭސި ސަފީރު ސާރާ ހަލްޓަން ވިދާޅުވެއްޖެ އެވެ.

ސަފީރު ވިދާޅުވީ އިނގިރޭސިވިލާތުން ލަންކާއަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށާއި އެފަދަ ހާލަތްތަކާ ކުރިމަތިލުމުގައި މިހާރަށް ވުރެ ގެއްލުން ކުޑަ ކުރެވޭނެ ގޮތްތައް އިނގިރޭސި ތަރުޖިބާކާރުން ދަސްކޮށް ދޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ތިމާވެށީގެ ހިމާޔަތުގައި ހަކާތްތެރިވާ ސެންޓަރުތަކުންނާއި ޖަމާއަތްތަކުން އެކުލަވާލާފައި ހުރި ފަންނީ ދިރާސާތައް ލަންކާއަށް ބޭނުން ހިފޭނެ ގޮތް ހަދައި ދެއްވާނެ ކަމަށް އިނގިރޭސި އެމްބަސީން ވަނީ ބުނެފަ އެވެ. އަދި ޕްލާސްޓިކް ކުޑިން ކަނޑަށާއި ގޮނޑުދޮށް ލިބިފައި ހުރި ގެއްލުން ކުޑަ ކުރުމަށްޓަކައި އެތަކެތި ހޮވައި ނެގޭނެ އޮޓަމެޓިކް މެކޭނިޒަމްތަަކެއް ވެސް އަވަސް ކޮށްދޭނެ އެވެ.

އިނގިރޭސި ތަޖުރިބާކާރުން ލަންކާ ސަޕޯޓް އޮފިޝަލުންނާ ބައިވެރިވާނެ ކަމަށާއި ކަނޑުގެ ދިރުމަށް ލިބިދާނެ ގެއްލުން ދިރާސާ ކުރުމަށް ކަނޑުންނާއި ތޮށިން ސާމްޕަލް ނަގައި ލެބޯޓަރީގައި ތަހުލީލުކުރާނެ ކަމަށް ވެސް އިނގިރޭސި އެމްބަސީން ބުނެ އެވެ.

އެމްވީ އެކްސްޕްރެސް ޕާލްގައި އަލިފާން ރޯވެފައި ވަނީ ކޮންޓެއިނާތަކުގައި ހުރި ނައިޓްރިކް އެސިޑް ލީކުވުމުގެ ސަބަބުންނެވެ. ކޮންޓެއިނާގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި ސޯޑިއަމް ހައިޑްރޮކްސައިޑް އަދި އެހެނިހެން ކެމިކަލް ގިނަ އަދަދަކަށް ހުއްޓެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުން ލަންކާގެ ފަރަށާއި އައްސޭރިއަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތައް، ޑިސެމްބަރު 2004 ގައި އެރި ސުނާމީން ލިބުނު ގެއްލުންތަކަށް ވުރެ ވެސް ބޮޑު ވެދާނެ އެވެ. ތެލާއި ކެމިކަލް އަދި ޕްލާސްޓިކުގައި ރޯވުމުގެ ސަބަބުން ކަނޑަށް އެޅިފައި ހުރި ކުނިބުނިން ގޮނޑުދޮށާއި ކަނޑުގެ ދިރުމަށް ވަރަށް ބޮޑަށް ގެއްލުންވާނެ އެވެ.

ލަންކާ ގޮނޑުދޮށަށް މަރުވެގެން ލައްގާ ބޮޑު މަހާއި ވެލާ ކަނބު ފަދަ ކަނޑުގެ ދިރުތައް މިހާރު އަންނަނީ ގިނަވަމުންނެވެ.