ދުނިޔެ

ލަންކާ ކޮންޓެއިނާ ބޯޓް: ކެޕްޓަން ހައްޔަރުކޮށްފި

ސްރީ ލަންކާ ބަނދަރާ ދުރުނޫން ހިސާބެއްގައި އޮއްވައި އެމްވީ އެކްސްޕްރެސް ޕާލް - ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވީ ހާދިސާ ތަހުގީގު ކުރުމަށްޓަކައި އެ ބޯޓުގެ ކެޕްޓަން ހައްޔަރު ކޮށްފި އެވެ. މެއި 20 ވަނަ ދުވަހު ހުޅުހިފައި ދެ ހަފުތާއެއްހާ ދުވަސް ވަންދެން އެ ބޯޓު ވަނީ އަނދާފަ އެވެ.

ލަންކާގެ އައްސޭރިއާ ދުރަށް، ފުންކަނޑަށް ބޯޓް ދަމާފައި ގެންދެވޭތޯ ޕޯޓްސް އޮތޯރިޓީން ކުރި މަސައްކަތް ކާމިޔާބު ނުވެ، ބޯޓު މިހާރު އޮތީ ކޮޅުފަސްކޮޅު އަޑިއަށް ގޮސް ކަނޑުއަޑީގައި ވިދި ތާށިވެފަ އެވެ.

ލަންކާއިން ކުރިން ވެސް ބުނި ފަދައިން އެ ގައުމަށް އޮތް ބިރަކީ ބޯޓުގައި ހުރި 322 މެގަޓަނުގެ ތެޔޮ ކަނޑަށް އެޅި ފެތުރިގަތުމެވެ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ މެރިން ތަޖުރިބާކާރުން ބުނާ ގޮތުން ތެލުން ބޮޑު ބައެއް މިހާރުވެސް ވަނީ އަނދާފަ އެވެ.

ކޮންޓެއިނާ ބޯޓުގައި ރޯވުމުގެ ސަބުން ޕްލާސްޓިކް ޕެލެޓްތައް އަނދައި އަދި ކެމިކަލްތައް ވިރި ކަނޑަށް އެޅުމުގެ ސަބަން ލަންކާ ފަރަށް ލިބުނު ގެއްލުން ޒަމާންތަކަކަށް ދެމިގެންދާނެ ކަމަށް މެރިން ސައިންސްވެރިން ބުނެ އެވެ. ލަންކާއިން މިހާރު ވަނީ ބަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދަން ދައުވާކޮށްފަ އެވެ.

އަނެއްކޮޅުން ކޮންޓެއިނާ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށް އޭނާގެ އިހުމާލުން ތިމާވެއްޓަށް ލިބިފައި ވަނީ ކިހާ ގެއްލުމެއްތޯ އަންނަނީ ބަލަމުންނެވެ. މި ހާދިސާއާ ގުޅުންހުރި ވާހަތަކަށް ބަލާއިރު ބޯޓުގައި ހުރި ކޮންޓެއިނާތަކުން ކެމިކަލް ލީކުވާކަން ފަޅުވެރިންނަށް ކުރިން އެނގުނެވެ.

ސިންގަޕޫރަށް ރެޖިސްޓްރީ އޮންނަ އެމްވީ އެކްސްޕްރެސް ޕާލްގައި އަލިފާން ރޯވި ކަމަށް އޮފިޝަލުން ލަފާ ކުރައްވަނީ ވެސް ކޮންޓެއިނާތަކުގައި ހުރި ނައިޓްރިކް އެސިޑް ލީކުވުމުގެ ސަބަބުންނެވެ. ބޯޓުގައި ހުރި 1486 ކޮންޓެއިނާގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި ސޯޑިއަމް ހައިޑްރޮކްސައިޑް އަދި އެހެނިހެން ކެމިކަލް ގިނަ އަދަދަކަށް ހުރި ކަމަށް ވެއެވެ.

ކެޕްޓަންގެ އިތުރުން ބޯޓުގެ ފަޅުވެރިން އަދި އޮޕަރޭޓްކުރާ ކުންފުނިތަކުގެ އޭޖެންޓުން ވެސް މިމައްސަލާގައި ޒިންމާވާން ޖެހޭނެ ކަމަށް ބުނެވެ އެވެ. ކެޕްޓަނާ ލޯކަލް އެޖެންޓުންނާ މުއާމަލާތްކޮށްފައި ހުރި އީމެއިލްތަކެއް ފޮހެލި މައްސަލައެއް ވެސް ވަނީ ހާމަވެފަ އެވެ.