ދުނިޔެ

ދުނިޔެ ތަޣައްޔަރު ކުރަނީ ޖީ7ގެ ގައުމުތަކުން: ތުރުކީ

ތުރުކީގެ ތިމާވެއްޓާ ބެހޭ ވަޒީރު މުރާދު ކުރޫމް ވިދާޅުވީ ސިނާއީ މަސައްކަތްތަކުގެ ސަބަބުން ޖައްވު ވަރަށް ބޮޑަށް ނުސާފުވެފައި ވާ ކަމަށާއި ޖައްވަށް ވިހަ ގޭސް ބޭރުވާ މިންވަރު މަދުކުރެވެން ހުރި ގޮތްތަކާ ބެހޭ ގޮތުން އިޓަލީގައި އޮތް ޖީ20 ގެ ވަޒީރުންގެ ބައްދަލުވުންތަކުގައި ވެސް މަޝްވަރާކުރެވުނު ކަމަށެވެ.

މުރާދު ކުރޫމް ވިދާޅުވި ގޮތުން ޖައްވަށް ވިހަ ގޭސް އެންމެ ގިނައިން ބޭރުކުރަނީ ޖީ7ގެ ގައުމުތަކުންނެވެ. ވަޒީރު ވިދާޅުވީ ސިނާއީ މަސައްކަތްތައް އެންމެ ގިނައިން ކުރަނީ ވެސް އެ ގައުމުތަކުގަ އެވެ. އެމަނިކުފާން ވިދާޅުވީ ތަރައްގީވެފައި ވާ ގައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ނޫން ގޮތަކަށް ވިހަގޭހޭ މިކިޔާ އެއްޗަކުން ސަލާމަތެއް ނުވާނެ ކަމަށެވެ.

ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވީ ވައިނުސާފުވުން މައްސަލައަކަށް ވަނީ ހަމައެކަނި އިންސާނުންނާއި ޖަނަވާރުންނަށް ނޫން ކަމަށާއި ގަސްގަހާގެއްސަށް ވެސް އެއީ ނިކަމެތިކަމެއް ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުން ދުނިޔޭގައި އުފައްދާ މޭވާއަށް ވެސް މިހާރު ހުރީ ވިހަގޭހުގެ އަސަރުކޮށް، ތަބީއީ ރަހަ ގެއްލިފަ އެވެ.

ދުނިޔޭގައި ދިރިއުޅޭ ދޫނިސުފާސޫފިތަކަށް ބަލާއިރު ފެނިވަޑައި ގަންނަވަނީ އެ ސޮރުމެން ހިޖުރަކުރާ މަންޒަރު ކަމަށާއި ތިމާމެންނާ ރައްޓެހި މާހައުލެއް ހޯދަން އެ ސޮރުމެން ދަތުރުކުރަނީ ކަމަށެެވެ. އަދި ވިދާޅުވީ ދުވަސްތަކެއް ކުރިން ވަކި ބައްރަކަށް ޚާއްސަ ދިރުންތައް ނެތެމުން ގޮސްފައިވާ ކަަމަށާއި މުޅިން އާ މާހައުލުތަކަށް އެ ސޮރުމެން އަހުލުވެރި ވަނީ ކަމަށެެވެ.

ކުރޫމް ވިދާޅުވީ މޫސުމާ ބެހޭ ވަޒީރުންނާއި ތިމާވެއްޓާ ބެހޭ އޮފިޝަލުން އެއްމޭޒުދޮށުގައި ބައްދަލުކުރުމަކީ ހެޔޮ ބަދަލު އަންނަ ކަމެއް ކަމަށާއި ތަބީއީ ވެއްޓަކަށް އެންމެން ވެސް ލޯބިކުރަން ޖެހޭ ކަމަށެވެ.