ލައިފްސްޓައިލް

ދިގު މީހާ ބުނަނީ ދުނިޔެ ފެންނަ ގޮތް ތަފާތޭ!

އިންސާނެއްގެ އެންމެ ފުރިހަމަ އިސްކޮޅަކީ ކޮބައި ކަމެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގެ އެވެ. ތަންކޮޅެއް އިސްކޮޅުން ކުރު މީހުން ތަންކޮޅެއް ދިގު ވާން އެދޭނެ އެވެ. އަނެއް ކޮޅުން މާ އިސްކޮޅުން ދިގު މީހުން ތަންކޮޅެއް އެއަށް ވުރެ ކުރުނަމައޭ ހިތަށް އަރާނެ އެވެ.

ހަމަ ގައިމުވެސް އިސްކޮޅުން ދިގު މީހުންނަށް އެޑްވާންޓޭޖްތަކެއް ހުންނަކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އަދި ބައެއް ފަހަރަށް ދިގު ކަމުން ލަނޑު ވެސް ލިބޭނެ އެވެ. ދި ގުކަމުގެ އެޑްވާންޓޭޖާއި ދިގު ވީމަ ކުރެވޭ ތަޖުރިބާ ކިޔައިދިނީ އިސްކޮޅުން ހަ ފޫޓު 11 އިންޗީގެ މި މީހާ އެވެ.

ޝޯން ބާގް ނަމަކަށް ކިޔާ މި ފިރިހެންމީހާ ވަނީ އޭނާއަށް ދުނިޔެ ފެންނަ ގޮތް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. މިއީ ވަރަށް ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ބެލި ވީޑިއޯއަކަށް މިހާރު ވަނީ ވެފަ އެވެ. އެ ވީޑިއޯގައި ފެންނަ ބައެއް ކަންތައްތައް ތަޖުރިބާ ކުރެވުމުން ހިނި އައިސްގެން ވެސް ހަލާކުވާ ވަރުވެ އެވެ.

"މިއީ އަހަރެންގެ ހަމަ ލޮލަށް ތަންތަން ފެންނަ ގޮތް. އަދި އާދައިގެ މީހުން އަހަރެންގެ ލޮލަށް ފެންނަނީ ވެސް މިގޮތަށް. މި ގޮތަށް ފެންނާތީ އަހަރެން ހިތަށް އަރާ އާދައިގެ ވަރެއްގެ އިސްކޮޅެއް ހުރި މީހަކަށް ވީނަމައޭ،" ޝޯންގެ ވީޑީއޯ ޝެއާ ކުރަމުން ލިޔެފައި ވެއެވެ.

ޝޯންގެ ވީޑީއޯއިން ފެންނަނީ ސުޕަމާޓެއްގެ އެތެރެ އެވެ. ވީޑީއޯ ފެށޭއިރު އެ ވީޑީއޯ އިން މާ ބޮޑު ތަފާތު ކަމެއް ނުފެނެ އެވެ. ނަމަވެސް އައިޑީ ޓެގްސް ނަގާ މެޝިން ކައިރިއަށް ގޮސް އޭނާ ހުއްޓުމާއެކު އެހެން މީހުންނަށް ނުފެންނަ ތަނެއް އޭނާއަށް ފެނުނުކަން އެނގެ އެވެ. އެ މެޝިންގެ މަތީގައި ބޯފަށަލަ އަކަށް ހުރި ހިރަފުހެވެ.

"މިހިރީ އަހަންނަށް ފެންނަ އެއްޗެހި،" ވީޑިއޯގައި ޝޯން ބުނެ އެވެ.

ދެން ޝޯން އޭނާގެ ކެމެރާ ދިމާކޮށްލީ އޭނާގެ ލޯބިވެރިޔާ އަށެވެ. އެއީ އާދައިގެ އިސްކޮޅެއްގެ މީހަކަށް ވާތީ ޝޯން އަށް އޭނާގެ ލޯބިވެރިޔާ ވެސް ފެންނަނީ އުސް ތަނެއްގައި ހުރެފައި ތިބި ބަލާލާއިރު ތިރީގައި ތިބޭ މީހުން ފެންނަ ގޮތަށެވެ.
ޝޯން ބުނަނީ ކޮންމެ ދުވަހަކުވެސް، އަބަދުވެސް، އޭނާގެ ލޯބިވެރިޔާ ފެންނަނީ މިގޮތަށް ކަމަށެވެ.

މި ވީޑީއޯ ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކަށް މިއީ ވަރަށް މަޖާ ވީޑިއޯއަކަށް ވެގެން ތަފާތު ކޮމެންޓުތައް ކުރަން ފެށި އެވެ.
"ކަލޭ ވެއްޓެން ކިހާ އިރެއް ނަގާތަ،" ވީޑީއޯ އަށް ކޮމެންޓު ކުރި އެކަކު ޝޯން އާ ސުވާލު ކުރި އެވެ.