ސިންގާ އޮތް ކޮށި ހުރީ ދަގަނޑު ފެންސް ޖަހާ ބަންދުކޮށްފައި ނަމަވެސް މި މީހާ ފެންސްގެ ދޭތެރެއަކުން އަތް ކޮއްޕައިގެން އެ ސޮރާ މައްލަވަ ކުރީ އެވެ.
ސެންޓް އެލިޒަބަތުގެ ޖަމައިކާ ޒޫގައި މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި އެމީހާ އަތް ކޮއްޕައިގެން މައްލަވަކުރަނިކޮށް ސިންގާ ރުޅިގަދަވެގެން އެމީހާގެ އަތުގައި ދަތްއެޅީ އެވެ.
އެ ސޮރާ މައްލަވަ ކުރުމުން ހިތްހަމަނުޖެހޭ ކަން ސިންގާ ފުރަތަމަ ހާމަކުރީ ދަތްތައް ދިއްކޮށް ހަޅޭއްލަވައިގެންނެވެ. ނަމަވެސް މި މީހާ އެ ސޮރު ރުޅިއަންނަކަން އެނގޭއިރު ވެސް އެކަމާ އަޅާ ނުލައި އެސޮރާ މައްލަވަ ކުރަމުން ގެންދިޔައީ އެވެ.
ސިންގާ އެންމެ ފަހުން ރުޅިގަދަވެގެން ފުންމައިގެން އައިސް އެމީހާގެ އަތުގައި ދަތްއެޅި އެވެ. ސިންގާގެ އަނގައިގައި އޮތް އެމީހާގެ އަތް ސަލާމަތްކުރަން މަސައްކަތް ކުރަމުން ގޮސް އަތް ނެއްޓުނުއިރު އެއް އިނގިލި އިނީ އެ ސޮރުގެ އަނގައިގައި ތާށިވެފަ އެވެ. އެ މީހާގެ އަތް ނެއްޓުނުއިރު އިނގިލީގެ އެއްބުރި އަނގައިގެ ތެރެއަށް ވަނީ ދޫވެފަ އެވެ.
އެ ވަގުތު ޒުލަށް ވަދެ ތިބި މީހުންގެ ތެރެއިން މިމަންޒަރު ފެނުނު ގިނަ މީހުން ހީކުރީ އެމީހާ މިހެން ހަދަނީ އަދި އަތުގައި ދަތް އެޅިކަމަށް ހަދަނީ ޖޯކަކަށް ކަމަށެވެ. އެހެންވެ އެންމެން ފޯނުން މޫވީ ކޮށްކޮށް ތިބީ އެވެ.
"އަހަރެން ހިޔެއް ނުކުރަން އެއީ ސީރިއަސް ކަމެއް ކަމަކަށެއް. މިކަމުގައި ހުރި ސީރިއަސްކަން އަހަންނަށް އިހްސާސެއް ނުވި. ސަބަބަކީ އެގޮތަށް ޒުލަށް އަންނަ މީހުންގެ މުނިފޫހިފިލުވަން ޒޫ ބަލަހައްޓާ މީހުން މިފަދަ ކަންކަން ކުރާތީ. އޭނާ ބިންމައްޗަށް ވެއްޓުމުން އެންމެންނަށް ވެސް އިހްސާސްވީ މި ވީ ކިހިނެއްކަން. ދެން އެންމެންވެސް ބިރުން ހަޅޭއްލަވަން ފެށީ. އޭނާގެ އެއް އިނގިލީގެ ބޮޑުބައެއް ސިންގާ ވަނީ ކާލާފަ،" ޖަމައިކާ އޮބްޒާވާއަށް މައުލޫމާތު ދެމުން އެ މަންޒަރު ދުށް އަންހެނަކު ބުނެފައިވެ އެވެ.
މި މަންޒަރު ފެންނަ ވީޑިއޯ މިހާރު ވައިރަލް ވެފައިވާއިރު ވީޑިއޯގައި ފެންނަނީ އެމީހާ ސިންގާގެ ބޮލުގައި އަތް ހާކާ އެސޮރަށް އުނދަގޫކުރާ ތަނެވެ. އެ ސޮރު ދެން ފަހަރު އަނގަ ހުޅުވައި ހަޅޭއްލެވުމަށްފަހު އެމީހާ ހުއްޓާ ނުލުމުން ހަމަލާ ދޭތަން ވެސް ފެނެ އެވެ.
ވީޑިއޯ ބެލި އެއްބަޔަކު ފާޑުކީ އެ މީހާއަށް އެހީތެރި ނުވެ މަންޒަރު ބަލަން ތިބި މީހުންނަށެވެ. އަނެއްބަޔަކު ފާޑުކީ ޒޫ ކީޕަރަށެވެ. އޭނާ ގަސްތުގައި އެފަދަ ކަމެއް ކޮށްގެން ކަމަށް ބުނެ އެވެ.