ލައިފްސްޓައިލް

ޒޫ ކީޕަރުގެ އަނގައިން ބޮޑު ފައިދިގުމަކުނެއް

ފައިދިގު މަކުނަކީ ސައިޒުގެ ގޮތުން މާ ބޮޑު އެއްޗެއް ނޫން ނަމަވެސް އޭގައި މީހުން ބިރުގަންނަ ކަހަލަ ވަރަށް ގިނަ ސިފަތަކެއް އެކުލެވިގެން ވެއެވެ. ފައިދިގު މަކުނެއް އަންނަ ތަން ފެނިއްޖެނަމަ ބިރު ނުގަންނާނެ މީހަކު ވަރަށް މަދުވާނެ އެވެ. ފަހަރެއްގައި އެއީ އެސޮރުގެ ފައިތައް ހުންނަ ބިރުވެރި ގޮތުން ކަމަށް ވެސް ވެދާނެ އެވެ. ކިތަންމެ ގިނަ މީހުން ފައިދިގުމަކުނު ދެކެ ބިރުގަތަސް އެ ސޮރުމެން ދެކެ އެއްގޮތަކަށް ބިރު ނުގަންނަ މީހުން ވެސް އުޅެ އެވެ.

ޓަރަންޓުލާ ކިޔާ ވައްތަރުގެ ބޮޑު ފައިދިގުމަކުނެއް މީހެއްގެ އަނގައިން ނުކުންނަ މަންޒަރުގެ ވީޑިއޯއެއް އިއްޔެ ދައުރުވެފައި ވެއެވެ. މި ވީޑިއޯ ބަލާލުމުން ފައިދިގުމަކުނު ދެކެ އެއްގޮތަކަށް ވެސް ބިރު ނުގަންނަ މީހުން އުޅޭކަން ޔަގީންވެ އެވެ.

އެމެރިކާގެ ޒޫ ކީޕަރެއް ކަމަށްވާ ޖޭ ބުރޫވާ އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ ވީޑިއޯގައި ފެންނަނީ ޓަރަންޓުލާއެއް އޭނާގެ އަނގައިން ނުކުންނަ ތަނެވެ. މަކުނު ނުކުމެ ނުކުމެ ހުއްޓާ ޖޭ ވަނީ ފައިދިގުމަކުނާ ބެހޭ ވަރަށް ގިނަ ހަގީގަތް ވެސް ކިޔައިދީފަ އެވެ. ނަމަވެސް ވީޑިއޯ ބެލި ގިނަ މީހުންނަށް އޭނާ ދެއްކި ވާހަކަ އަޑު އެހިދާނެތޯ ސުވާލު އުފެދެ އެވެ. ފައިދިގުމަކުނު ޖޭގެ އަނގައިން ނުކުންނަ ތަން ފެނިފައި ގަނެފައިވާ ބިރުގެ ސަބަބުންނެވެ.