ލައިފްސްޓައިލް

އާއިލާއަށް ނޭނގި 10 އަހަރު ކޮޓަރީގައި މީހަކު ގެންގުޅެފި

އިންޑިއާގެ ކެރެލާގައި ވަރަށް ފަހުން ފަޅާ އަރައިގެން އުޅޭ މި ލޯބީގެ ހާދިސާއަކީ ވަރަށް އާދަޔާ ހިލާފު ވާހަކަ އެކެވެ. ހިންދީ ފިލްމެއް ތައްޔާރު ކޮށްލަން ވަރަށް މޮޅު ޕްލޮޓަކަށް ވެސް މި ވާހަކަ ވާނެ އެވެ. ޒުވާން ފިރިހެނަކު އޭނާގެ މައިންބަފައިންނާއެކު ދިރިއުޅެމުންދިޔަ ކުޑަކުޑަ ގެއެއްގައި ހުރި އޭނާގެ އަމިއްލަ ކުޑަ ކޮޓަރިއެއްގައި ލޯބިވެރިޔާ ފޮރުވައިގެން 10 އަހަރަށް ވުރެ ގިނަ ދުވަހު އުޅުން މިއީ ހަގީގަތުގައި ވެސް އާދައިގެ ކަމެއް ނޫނެވެ. އަދި އެ ކޮޓަރިއަކީ ފާހާނާ ވެސް ނެތް ކޮޓަރިއަކަށް ވީތީ އެ އަންހެންމީހާ އެހާ ގިނަ ދުވަހު އެތަނުގައި އުޅޭނީ ހަމަ ގައިމުވެސް ވަރަށް ގިނަ ތަކުލީފުތަކާ އެކުގައިކަން ޔަގީން ވެއެވެ.

ފެބްރުއަރީ 2010 ގައި ސާޖިތާ ނަމަކަށް ކިޔާ 18 އަހަރުގެ އަންހެންކުއްޖެއް ކުއްލިއަކަށް ގެއްލުނީ އެވެ. ކެރެލާގައި ހުންނަ އަންހެންކުއްޖާގެ ގެއިން އޭނާ ކުއްލިއަކަށް ގެއްލުމުން މައިންބަފައިން އޭނާ ހޯދަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ސާޖިތާ ވީތަނެއް އެމީހުންނަކަށް ނޭނގުނެވެ.

އެ ދުވަހު ސާޖިތާ ގެއިން ނުކުތީ އޭނާގެ ގެޔާ މާ ދުރު ނޫން ހިސާބެއްގައި ހުރި ތިމާގެ މީހެއްގެ ގެޔަށް ދަނީ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ދުވަހު ދިޔަ ގޮތަކަށް ސާޖިތާ އެނބުރިއެއް ނައެވެ. އެތައް ދުވަހަކު ހޯދާ ހޯދާ ނުފެނިގެން އެންމެ ފަހުން ސާޖިތާގެ މައިންބަފައިން އޭނާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓް ކުރި އެވެ.

ފުލުހުން މި މައްސަލަ ކޮންމެވެސް ވަރަކަށް ބެލި އެވެ. ނަމަވެސް މާ ބޮޑު ކުރިއެރުމެއް ނުލިބި އެ މައްސަލަ އެތައް ދުވަހެއް ވީއިރު ވެސް އޮތީ އެވެ. އެންމެ ފަހުން ސާޖިތާ މަރުވީ ކަމަށް އޭނާގެ އާއިލާއިން ގަބޫލު ކުރި އެވެ. ސާޖިތާ ގެއްލުނުތާ 10 އަހަރު ފުރުނު ފަހުން މި ހަފުތާގެ ކުރީކޮޅު ސާޖިތާގެ މައިންބަފައިންނަށާއި އާއިލާގެ މީހުންނަށް ކުއްލި ޝޮކެއް ލިބޭ ކަހަލަ ހަބަރެއް ލިބުނެވެ.

ސާޖިތާގެ ގެއާ ވަރަށް ކައިރީގައި ހުރި ގެއެއްގައި ސާޖިތާ ދިރިއުޅެމުން ދާ ކަމުގެ ހަބަރެވެ. މައިންބަފައިންގެ ގެއިން ފިލީއްސުރެ ސާޖިތާ ދިރިއުޅެމުންދަނީ އޭގެ ދެ އަހަރު ކުރިންސުރެ އޭނާ ލޯބިވެގެން އުޅޭ ރަހްމާން ކިޔާ 24 އަހަރުގެ މީހާގެ ގޭގައި އެ މީހާގެ ކޮޓަރީގަ އެވެ.

ރަހްމާން އާއި ސާޖިތާ ރައްޓެހި ވެގެން އުޅޭ ކަމެއް ދެ ފަރާތުގެ އާއިލާގެ މީހަކަށް ވެސް އެކުވެރިޔަކަށް ވެސް ނޭނގެ އެވެ. ސާޖިތާ ގެއްލުމުން އެއްވެސް ވަރަކަށް ރަހްމާނަށް ޝައްކު ނުކުރެވުނީ އެހެންވެ އެވެ.

ރަހްމާނަކީ އިލެކްޓްރީޝަނެކެވެ. އެހެންވެ ކޮޓަރިއަކަށް މީހަކަށް ނުވަދެވޭ ގޮތަށް އޭނާ ހުރީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ އެވެ. ކޮޓަރީގައި އޮޓަމެޓިކުން ތަޅުލެވޭ ތަޅެއް ހަރުކޮށް އަދި ކޮޓަރިން ނުކުންނަން ހުންނަ ދޮރުގެ ބޭރުގައި ވެސް ހުރީ ކަރަންޓް ވައިރު ދަމައި އެއަށް ކަރަންޓު ދީފަ އެވެ.

އެ ގޭގައި ދިރިއުޅޭ އޭނާގެ މައިންބަފައިން ބައެއް ފަހަރަށް އެ ކޮޓަރިއާ ކައިރިއަށް އާދެވި ކަރަންޓުގައި ޖެހި އެމީހުންގެ ހަށިގަނޑަށް ޝޮކް އައިސްފައި ވެސް ވެއެވެ.

ސާޖިތާ ކޮޓަރިއަށް ވެއްދި ފަހުން އާއިލާގެ މީހުންގެ ކުރިމަތީގައި ވެސް ރަހްމާން އުޅެނީ މާ ރުޅިގަދަ މީހަކަށް ހެދިގެނެވެ. ބައެއް ފަހަރު ރުޅިއައިސްގެން އުޅޭ ގޮތުން އޭނާގެ މައިންބަފައިން ހީކޮށްގެން ތިބީ ރަހްމާނަށް ނަފްސާނީ މައްސަލަތަކެއް ދިމާވަނީ ކަމަށާއި ބުއްދި ގޯސް ވަނީ ކަމަށެވެ.

މައިންބަފައިންނާއެކު މޭޒު ދޮށުގައި އިނދެ ކެއުމުގެ ބަދަލުގައި ކާ އެއްޗެތި ހިފައިގެން ކޮޓަރިއަށް ވަނުމާއި ކުރިން ކާ ވަރަށް ވުރެ މާ ގިނައިން ކާ ކަން މައިންބަފައިންނަށް ފާހަގަ ކުރެވުނަސް އެއީ ކީއްވެ ކުރާ ކަމެއް ކަމެއް އެމީހުންނަކަށް ވިސްނާލާކަށް ވެސް ނޭނގުނެވެ.

ރަހްމާންގެ ކޮޓަރީގައި ފާހާނާއެއް ނުހުންނާތީ ސާޖިތާ ފާހާނާއަށް ގޮސް އުޅެނީ ރަހްމާންގެ މައިންބަފައިން ނިދާފައި ތިބޭ ގަޑި ބަލައިގެންނެވެ. ނޫންނަމަ އެ ދެ މީހުން ބޭރަށް ދާ ވަގުތު ބަލާފަ އެވެ.

ސާޖިދާ ފުލުހުންނަށް ބަޔާން ދީފައިވާ ގޮތުގައި ދުވާލު ގަޑީގައި ރަހްމާންގެ މައިންބަފައިން ގޭގައި އުޅެނިކޮށް ފާހާނާއަށް ދާން ޖެހިއްޖެނަމަ ޕްލާސްޓިކް ކޮތަޅަކަށް ލާފައި ބަހައްޓާފައި ރޭގަނޑު އެތަކެތި ފާހާނާއަށް ގެންގޮސް ނައްތާލަނީ އެވެ.

ދިހަ އަހަރު ފަހުން މިކަން ފަޅާ އަރަން މެދުވެރިވީ ގެއިން ފިލައިގެން ގޮސް މައިންބަފައިންނަށް އޭނާ ވީނުވީ ތަނެއް ނޭނގި ތިން މަސް ދުވަސް ފާއިތުވީ ފަހުން އޭނާގެ ތިމާގެ މީހަކަށް އެއް ދުވަހަކު ރަހްމާން މަގުމަތިން ފެނިގެން އޭނާ ފަހަތުން އޭނާ އުޅޭ ތަނެއް ހޯދަން ދިއުމުންނެވެ. އޭރު ތަނެއް ކުއްޔަށް ހިފައިގެން ސާޖިތާ ގޮވައިގެން ރަހްމާން އެ ގޭގައި ދިރިއުޅޭތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ރަހްމާންގެ ތިމާގެ މީހާއަށް މިކަން އެނގިގެން ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން އައިސް މި ދެ މީހުން ހައްޔަރުކުރީ އެވެ.
ރަހްމާނާއި ސާޖިދާ ކޯޓަށް ގެންދިއުމުން އެމީހުން ކޯޓުގައި ބުނީ ދެ މީހުން ފިލައިގެން އުޅެނީ އެމީހުންގެ ގުޅުމާ ދެ ފަރާތުގެ އާއިލާއިން ގަބޫލު ނުވާނެކަން ޔަގީން ވާތީ އެވެ. ސަބަބަކީ ރަހްމާނަކީ މުސްލިމަކަށް ވެފައި ސާޖިތާ އަކީ ހިންދޫއަކަށް ވާތީ ކަމަށް ވެސް އެމީހުން ބުންޏެވެ. މިހާރު ކޯޓުން ވަނީ ސާޖިތާގެ މައިންބަފައިންނާ އޭނާ ހަވާލު ކޮށްފަ އެވެ.